ނިކަމެތިވުމުގެ ސަބަބުން ބޭސްފަރުވާނުކޮށް ދިވެހި ރައްޔިތުން ތިބޭކަށް ނުޖެހޭނެ- ނާޒިމް

ސަރުކާރުން ރައްޔިތުންގެ ސިއްޚީ ކަންކަމުގައި ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނަސް އެކަމަށް ފަސް ނުޖެހޭނެ ކަމަށާ، ފަޤީރުވެ ނިކަމެތިވުމުގެ ސަބަބުން ބޭސްފަރުވާނުކޮށް ރައްޔިތުން ތިބެން ނުޖެހޭނެ ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމަށް އދ. މަހިބަދޫގައި ބޭއްވި ރަސްމީ ޙަފުލާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވަން ގެންގުޅުއްވި މެނިފެސްޓޯގެ ސަބަބުން މިއަދު ރާއްޖެ ސިއްޙީ ގޮތުން މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށާ، ސިއްޙީ ޚިދުމަތް ލިބިދިނުމުގައި ރާއްޖެ އޮތީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ރަގަޅު ހާލަތެއްގައި ކަމަށެވެ.އަދި ސިއްޙީ ނިޒާމަކީ އަބަދުވެސް ތަރައްޤީ ވަމުން އަންނަންޖެހޭ ނިޒާމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ ފަޤީރުވެ ނިކަމެތިވުމުގެ ސަބަބުން ބޭސްފަރުވާނުކޮށް ރައްޔިތުން ތިބޭކަށް ނުޖެހޭނެ ކަމަށެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ސިއްޚީ ކަންކަމުގައި ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނަސް އެކަމަށް ފަސް ނުޖެހޭނެ ކަމަށާ، އެފައިސާއަކީ ސަރުކާރުން ނުހަނު އިސްކަމެއްދީގެން ރައްޔިތުންނަށް ޚަރަދުކުރާ ފައިސާތަކެއް ކަމަށެވެ.ސިއްޙީ ދާއިރާ ކުރިއެރުވުމަށް މީހުން ތަމްރީން ކުރުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 190 ޑޮކްޓަރުން ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައި ވާކަމަށެވެ. އޭގެތެރެއިން ސްޕެޝަލައިޒް ވުމަށް ފޮނުވުނު 52 ޑޮކްޓަރުންގެ އަދަދަކީ 2013 ވަނަ އަހަރުގެ ކުރިން ވޭތުވި ދިހަ އަހަރު ދުވަހުގެ އަދަދު އެއްކޮށްލުމުން ނުބައްދަލު އަދަދެއް ކަމަށެވެ. މި ރަސްމިއްޔާތުގައި މިއަހަރު ދުނިޔޭގެ ސިއްޙަތު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަށް އަލިއަޅުވާލައްވަމުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު ޑރ.އަރުވިންދު މާތުރު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމުން ޑަބުލިއުއެޗްއޯ އާއި ދެމެދު ބާއްވާ ގާތްގުޅުމަށް ޝުކުރުއަދާ ކުރާކަމަށެވެ. އަދި ސިއްޙަތުގެ ކައުނީ ހިޔާ ކޮންމެ ޤައުމެއްގައިވެސް ކުރިއަށްދަނީ އެ ޤައުމެއްގެ އަމިއްލަވަންތަ ގޮތަށް ކަމަށް ވިދާޅުވިއެވެ. މާތުރު ވިދާޅުވީ ސިއްޙަތުގެ ކައުނީ ހިޔާގެ މާނައަކީ ހަމައެކަނި ބަލިމީހުންނަށް އަޅާލުން ނޫން ކަމަށާ، އޭގެތެރޭގައި ސިއްޙަތު ރައްކާތެރި ކުރުންވެސް ހިމެނޭ ކަމަށެވެ. ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޙަފުލާ އަށްފަހުވެސް ދުވަހާއި ގުޅުވައިގެން ބައެއް އިވެންޓްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިޖަލްސާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ވަނީ އިފްތިތާހުކޮށްފައެވެ. އެޗްޕީއޭގެ އާ ލޯގޯ ފަރުމާކޮށްދީފައިވާ ހުސައިން ޝާޒިފްގެ މަސައްކަތް ފާހަގަކޮށް އޭނާ އަށް ވަނީ ހަނދާނީ ފިލައެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ