ދިވެހިރާއްޖޭގެ ވައިގެ މައި ބަނދަރު އިންޑިއާގެ ޖީއެމްއާރަށް ދިނުމުގެ ސަބަބުން ބަދަލުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ ކާޑު އަގުހެޔޮ ކުރުން ފަދަ އެތައް ކަމެއް އެ ފައިސާއިން ކުރެވުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދިން "ހެޔޮއަގު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުން ގެންނަ އިގުތިސާދީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ރިޒާވް އިތުރުވަމުންދާ ކަމަށާއި މިހާރު ރިޒާވްގެ ގޮތުގައި 720 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. ސައީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވެލާނާ އެއާޕޯޓްގެ މައްސަލާގައި ޖީއެމްއާރަށް 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ އެ ފައިސާ އަކީވެސް ސަރުކާރުގެ ރިޒާވްގައި އެހެން މުހިންމު ކަންކަމަށް ބޭނުންކުރަން ހުންނާނެ ފައިސާކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު 25 އަހަރަށް ދީފައިވަނިކޮށް ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމުން ޖީއެމްއާރާއެކުވެފައިވާ އެއްބަސްވުޔން އޭރުގެ ސަރުކާރުން ބާތިލުކޮށްފައިވަނީ އެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއް ކަމަށާއި އެއްބަސްވުން އުވާލައިގެން ބަދަލު ދޭން ނުޖެހޭނެ ކަމަށް ބުނެއެވެ.
ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކާ ހިލާފަށް މުދަލާއި ހިދުމަތުގެ އަގުތައް ހެޔޮ ކުރުމަށާއި، ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ކާޑުގެ އަގުހެޔޮކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ވިއްކަމުންދާ މައްސަލަތައް ފާހަގަކުރެވިފައިވާތީ އެފަރާތްތަކާއި ގުޅޭ މައްސަލަތައް ހުށަހެޅުމަށް މިހާރު ހޮޓްލައިނެއް ގާއިމުކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކާޑުގެ ބާވަތްތަކަކީ ސަރުކާރުން އާއްމުންނަށް ފޯރުކޮށްދޭ އެންމެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ވިޔަފާރިވެރިން ވެސް ކާޑުގެބާތްތައް ވިއްކުމުގައި ބަލަންޖެހޭނީ ފައިދާއެއް ހޯދުމަށްވުރެ، އާއްމުންނާ ހަމައަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކާޑު ފޯރުކޮށް ދިނުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.
"ޖީއެމްއާރަށް ފައިސާ ދައްކަން ނުޖެހުނު ނަމަ އެތައް ހިދުމަތެއް އަގުހެޔޮ ކުރެވުނީސް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ