ފުލުހުން ރައީސް މައުމޫން ބަލާ އައުމުން ފުލުހުންނާއި އެކު ވަޑައިގަންނަވަނީ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ހައްޔަރުކުރަން ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ އެންދެރިމާގެ އަަށް ދިއުމުން ޓްވިޓާ މެދުވެރިކުރައްވާ އާއްމު ކުރެއްވި ކުރު މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ "ބަލާ އައުމުން ފުލުހުންނާއި އެކު މިދަނީ. އަޅުގަނޑު މިހުރީ ސާބިތުކަމާއި އެކު" ގައި ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އަޅުގަނޑު ހައްޔަރު ކުރަން ޖެހޭ ވަރު ކަމެއް ކޮށްފައެއް ނޯންނާނަން. އަޅުގަނޑު ހައްޔަރު މި ކުރަނީ ޤާނޫނާއި ޚިލާފަށް. ހުރިހާ ބޭފުޅުންވެސް ސާބިތުކަންމަތީ ތިއްބަވާ. އަޅުގަނޑުމެން މި ކުރާ އިސްލާހީ މަސައްކަތް ހުއްޓައެއް ނުލާލަން" ކަމަށެވެ.
އެންދެރިމާގެ އަށް ވަދެ ފުލުހުން ގެންދަނީ ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނު ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް މައުމޫނާއި ނަދީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ތުހުމަތު ކަމަށް ވެއެވެ. ނަދީމް އަކީ ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.
ރައީސް މައުމޫންގެ ވަކީލުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންދަން ހަމަޖެހިފައިވާކަން ފުލުހުން ވަނީ އަންގާފައެވެ.
ރައީސް މައުމޫން ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދެފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެގޮތުން ނާސިރުގެ ސިޔާސަތަށް ފާޑުވިދާޅުވެގެން 1973 ގައި ހައްޔަރުކޮށް، ހަތަރު އަހަރަށް އަރުވާލަން ހުކުމްކުރި އެވެ. އެކަމަކު ހދ. މަކުނުދޫގައި ފަސް މަސް ދުވަސް ހޭދަކުރެއްވި ތަނުން، ނާސިރުގެ ދެ ވަނަ ދައުރު ފެއްޓެވުމުގެ މުނާސަބަތުގައި ދެއްވި އަފޫއާންމެއްގައި މިނިވަންވެވަޑައިގެންނެވިއެވެ. ދެ ވަނަ ފަހަރަށް މައުމޫން ހައްޔަރުކުރީ 1974 ގައި. އެ ފަހަރު މާލޭ ޖަލުގައި 50 ދުވަހު އޮންނެވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ރައީސް މައުމޫން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރިއެވެ. ނަމަވެސް އެމަނިކުފާނު ހަނު ހުންނެވުމުން ދޫކޮށްލީއެވެ.
ބަލާ އައުމުން މިދަނީ – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ