އަލިރަސްގެފާނު ޝަހީދުކޮށްލުމާއި މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު ހިނގައިދިޔަ ކަންކަމާ މާބޮޑު ތަފާތެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި އަމުރު ނެރެފައިވާއިރު، އެ ދުވަހު ހިނގައިދިޔައީ ދިވެހިންގެ ހިޔާލަށް ވެސް ނާންނަ ފަދަ ހާދިސާއެއް ކަމަށެވެ. އެގޮތުން ވެރިކަމުގެ ދަހިވެތި ކަމުގައި، ދިވެހިންގެ މުގައްދަސް ތަންތަން ކަމަށް ބެލި ބައެއް ތަންތަނުގެ އަބުރާއި އިއްޒަތް ގެއްލި، މުޅި ތަނުގެ އަގު ވެއްޓި، ގައުމުގެ ރީތި ނަން ފަނޑުވާނެ ފަދަ އެތައް ކަމެއް އެ ދުވަހު ހިނގި ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ ވާހަކައިގައި، ފެބްރުއަރީ 1 ގައި ހިނގި ކަންކަމުގެ ތަފްސީލެއް ނުދެއްވަ އެވެ. ބެލެވޭ ގޮތުގައި މިނިސްޓަރު އިޝަރާތް އެ ކުރައްވަނީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށެވެ. އަދި އެ އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާއެއް ކުރިއިރު، އެ އަމުރު ތަންފީޒު ކުރަން ފުލުހުންގެ ތެރެއިން ބަޔަކު އުޅުނު ކަން ފުލުހުން ބުނެ އެވެ. ސަރުކާރުން ދެކޭ ގޮތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާޜު އަލީ ހަމީދާއި ފުލުހުންގެ ތެރެއިން ބަޔަކާއި އިދިކޮޅު ބައެއް ފަރާތްތައް ގުޅިގެން ފެބްރުއަރީ 1 ގައި ރާއްޖެ އަށް ގެންނަން އުޅުނީ ބަޣާވާތެކެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ އަމުރު، ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
އާދަމް ޝަރީފް ރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ އެތައް ކަމެއް ވެރިކަމުގެ ދަހިވެތިކަމުގައި ހިންގަމުންދާ ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ކޮށްފައި ނުކުރާނެ ހަމަ އެއްވެސް ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން ވެރިކަމަށް އައްޔަން ކޮށްފައި ހުރި ވެރިއަކު އަވަހާރަ ކޮށްލުމަށްޓަކައި ލޯންޗު ގޮއްވާލަން ވެސް ތައްޔާރުވެގެން ތިބީ. އެކަން ވެސް އަޅުގަނޑުމެންގެ މި ގައުމުގައި ކޮށްފި. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން 57 ވޯޓު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން މަސައްކަތް ކޮށްފި، ވެރިކަމުގައި ހުންނެވި ބޭފުޅަކު ކުރެއްވި ކުށެއް އެއްވެސް ބޭފުޅަކަށް އަދި ނުދެއްކެވޭ،" ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލަ އާއި އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފެބްރުއަރީގައި 1 ގައި އުޅުނީ ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން، ކުށްވެރިން ދޫކޮށްލައި މާލެ ތެރެ ހަލަބޮލިކޮށް، ގޭންގްތައް ހަރަކާތްތެރި ކުރުވުމަށެވެ. އަދި ރައީސް ޔާމީނާއި ވަޒީރުން ހައްޔަރުކޮށް، ރައީސް ޔާމީން ހަވަރަށް ދޭން ބަޔަކު ބޭނުންވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލިގެން ދަނިކޮށް، ރައީސް ޔާމީންގެ "ހިކުމަތު އަމަލީ"އާ އެކު ގައުމު ސަލާމަތްކޮށް ކޮށްފައިވާ ކަމަށެވެ. ބަޣާވާތް ކުރި މީހުން، ތިބީ ސާބިތުކަމާއެކު ނޫން ކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ބަޣާވާތުގައި ބައިވެރިވި ބޭފުޅުން ތިއްބެވީ އެއް ބަޔަކު އަނެއް ބަޔަކަށް ހިޔާނާތެރިވެވަޑައިގެން. އެ ބޭފުޅުންނަށް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ދެން ގައުމުގައި ކަންތައް ހިނގަމުން ދާނީ ކިހިނެއް ކަމެއް؟،" ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ބައިވެރިވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ޑިފެންސް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ 1 ގައި ރައީސް ޔާމީން އަމަލު ކުރެއްވީ، އިންޑިއާ އަށް މިނިވަންކަން ހޯދައި ދިނުމަށް މަހާތުމާ ގާންދީ މަސައްކަތް ކުރެއްވި ގޮތަށް ކަމަށެވެ.
އަލިރަސްގެފާނު ޝަހީދު ކޮށްލުމާއި ފެބްރުއަރީ 1 އާ މާބޮޑު ތަފާތެއް ނެތް: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ