ރައްޔިތުން ހޮވާފައި ހުންނަ ރައީސެއްގެ ފިކުރަށް ސަލާމަތީ ބާރުތަކުން ޖާގަ ދޭން ޖެހޭ: ރައީސް

ޤައުމު ނުރައްކަލުގެ ޙާލަތަކަށް ހުށަހެޅޭ ވަގުތު ޤައުމަށް އެންމެ އިޚްލާސްތެރިވާނީ ރައްޔިތުން ހޮވާފައިހުރި ރައީސެއް ކަމަށާއި، އެހެން ކަމުން ސަލާމަތީ ބާރުތަކުން އަބަދުވެސް ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ފިކުރަށް ޖާގަ ދޭން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ."ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ސަލާމަތީ ބާރުތަކަކީ ޤައުމާއި ދީން ހިމާޔަތްކުރުމަށް ހުވައެއް ކޮށްގެން ތިބޭ ބައެއް ކަމަށާއި، ޤައުމު ރަމްޒުވެގެން އަންނަނީ ރައީސްއާއި ހަމައިން ކަމަށެވެ. އަދި ރައީސްގެ މަޤާމުގައި ހުންނަ ބޭފުޅަކު އެ ބޭފުޅެއްގެ ޤާބިލިއްޔަތުކަން ތަން ދިން މިންވަރަކުން ޤައުމު ހިމާޔަތް ކުރަން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން ޤައުމަކީ ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުން ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށާއި އެއަމާނާތައް ހިޔާނާތްތެރި ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ސަލާމަތީ ބާރުތަކުން އަބަދުވެސް ރައީސްގެ ފިކުރަށް ތަންދޭން ޖެހޭނެ ކަމަށާއި، ރައީސްގެ ފިކުރުގެ ބަދަލުގައި އަމިއްލަ ފިކުރަކަށް އަމަލު ކުރަން ފަށައިފިނަމަ، ޤައުމު އޮޔާ ގޮސްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މާޒީގައި ހިނގާދިޔަ ކަންތައްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހި ތާރީޚު ނަގައިދިން ފިލާވަޅަކީ، މި ޤައުމުގެ ވެރިކަމަށް ދަހިވެތިވެގެން އުޅޭ މީހުން އަބަދު ވެސް އުޅެމުންދާކަން ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ދަހިވެތިވާ ފަރާތްތަކުން ވެސް އެކަން ކުރަން ޖެހޭނީ ސަލާމަތީ ބާރުތަކުގެ މެދުގައި ނުބައި ވިސްނުންތައް ފަތުރައިގެން ނުވަތަ މަގުމައްޗަށް ނިކުމެ ތަޅާފޮޅައިގެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކަން ކުރަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން އޮންނަ އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ.ހަމައެއާއެކު ޤާނޫނީ އިމުން ބޭރުން މިފަދަ ކަންކަން ކުރާނަމަ، ހަނގުރާމައިގެ މައިދާނަކަށް ޤައުމު ހުށަހެޅިގެންދާނެ ކަމަށާއި، ހަނގުރާމައިގެ މައިދާނުގައި އެންމެން އެއްކޮށްފައި ޑިމޮކްރެސީއަށް ވޯޓެއް ނުނަގާނެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ