މޫސުން ގޯސްވި ވަގުތު އިންޖީނު ހުއްޓުނު ހުޅުމާލެ ފެރީއެއް ހުޅުލޭ ތޮއްޓަށް ލައްގައިފި

މިއަދު މެންދުރު ފަހު މޫސުން އެންމެ ގޯސްވެ، ކަނޑު ގަދަވި ވަގުތު މާލެއިން ފުރައިގެން ހުޅުމާލެއަށް ދިޔަ އެމްޓީސީސީގެ ފެރީއެއް އިންޖީނު ހުއްޓުމާއި ގުޅިގެން ހުޅުލޭ ތޮއްޓަށް ލައްގައިފިއެވެ.
މާލެއިން ފުރައިގެން މީހުންނާއެކު ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ފެރީ އިންޖީނު ހުއްޓި ލައްގާފައި ވަނީ ހުޅުލޭގައި އަލަށް ރަންވޭ ހެދުމަށް ހިއްކާފައިވާ ސަރަހައްދާ ދިމާ ތޮއްޓަށެވެ. މި ހާދިސާ ހިނގާފައި ވަނީ މެންދުރު ފަހު އެންމެ ބޮޑަށް މޫސުން ގޯސްވެ، ވައި ބާރުވެ، ކަނޑުވެސް ގަދަވި ވަގުތާ ދިމާކޮށެވެ.
ފެރީން ދަތުރުކުރި މީހަކު ބުނީ ހުޅުމާލެއަށް ލަފަން ވަރަށް ކުޑައިރުކޮޅަކަށް ވެފައި ވަނިކިކޮށް ފެރީގެ އިންޖީނު ހުއްޓުނުއިރު ފެރީ ދަތުރު ކުރަމުން ދިޔައީ ހުޅުލެއާ ކައިރިން ކަމަށާއި އެހެންވެ އިސާހިތަކު ރާޅަށް ތަޅަމުން ގެންގޮސް ހުޅުލޭ ތޮއްޓަށް ފެރީ ލެއްގީ ކަމަށެވެ. ހުޅުލޭ ތޮއްޓަށް ފެރީ ލެއްގުމާއެކު އެ ސަރަހައްދުން އެވަގުތު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏަކުންވެސް ވަނީ އެހީތެރިކަންދީފައެވެ. އަދި ހުޅުލޭގައި މަސައްކަތް ކުރަމުންދިޔަ ބަޔެއްގެވެސް އެހީތެރިކަމާއެކު ހުޅުލޭގައި އަލަށް ހިއްކަމުންދިޔަ ހިސާބަށް ފެރީގައި ތިބި މީހުން ވަނީ ބާލާފައެވެ.
ފެރީން ދަތުރު ކުރަމުންދިޔަ މީހުން އަނބުރައި ހުޅުމާލެއަށް ގެންދިޔުމަށްޓަކައި ކުޑަހިނދު ކޮޅެއްގެ ތެރޭގައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުވެސް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. އަދި އިންޖީނު ހުއްޓިފައިވާ ފެރީ ބޭރުކުރުމަށް ޓަގެއްވެސް ފަހުން އެސަރަހައްދަށް ދިޔައެވެ. ހުޅުލޭ ތޮއްޓަށް ފެރީ ލެއްގުމަށް ފަހު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވަނީ ގަދަ ވަޔާއެކު ބޯ ވިއްސާރަގަނޑެއްވެސް އައިސްފައެވެ. އޭގެ ސަބަބުން ހުޅުލޭގައި ހިއްކާފައި އޮތް ސަރަހަދަށް ފެރީން ބޭލި ގިނަބަޔަކު ވަނީ ތެމިފޯވެފައެވެ.
މެންދުރު ފަހު މޫސުން ގޯސްވުމުގެ ސަބަބުން ފެރީތަކަށް ދަތުރު ނުކުރެވޭ ވަރަށް ކަނޑުގަދަވެ، މޫސުން ގޯސްވުމާއެކު ބައިގަޑިއެއްހާއިރު ފެރީ ދަތުރުތައްވެސް އެމްޓީސީސީން ވަނީ މެދުކަނޑާލާފައެވެ. އެއަށް ފަހު ޝެޑިއުލާ އެއްގޮތަށް ދަތުރު ކުރަން ފެށުނީ 3 ޖެހިފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ