ފްލޯކް ވާހަކަ: ސިންގާ ރަސްގެފާނުގެ ދެގޮތެއް ނުވާ ގާތް އެކުވެރިން

އެއް ސަހަރެއްގައި އުޅުނޯ ސިންގާރަސްގެފާނެއް. އެރަސްގެފާނުގެ ދިގު ވެރިކަމުގައި، އެމަނިކުފާނުގެ ގާތުގައި ވަރަށް "އަރިސް" ބޭކަލުން ކޮޅެއް މުގޯލި އަޅަމުން ގެންދިޔައެވެ. އެއިރު އެމަނިކުފާނުގެ އަރިހުގައި ރޭދުވާ ގުނަމުން ދިޔަ އަރިހުބޭކަލުން އިޢުލާނު ކުރަމުން ދިޔައީ ސިންގާރަސްގެފާނަކީ ހުރިހާ ގޮތަކުން ފުރާ ފުރިހަމަވެފައިވާ ފައްކާ ފަސްމީރު ކުރިރުކެއް ކަމަށާއި އެ ރަސްކަމަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ ކަމަށެވެ.
މިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރެނދަލި ކުރެއްވި ދިގު ތިރީސް އަހަރުގައި، އެމަނިކުފާނުގެ ހިޔަލަށް ޖެހި، ޝާހީ ހިހުލުގައި ވަރަށް ގިނަ ޖަނަވާރުން އެބައިމީހުންގެ ދިރިއުޅުން ބިނާ ކުރަމުން ގެންދިޔައެވެ. އެމަނިކުފާނުގެ ސުފުރާމަތިން ކައި، ގަައިގައި މަސްޖަހާ ފަލަވިއެވެ. ގަނޑުވަރުގެ އާރާއި ބާރުގައި އެބައިމީހުންގެ ދިރިއުޅުން އާރާސްތު ކޮށް ދަރިފަސްކޮޅު ވަރުގަދަ ކުރުވިއެވެ.
ހުޝާމަދު ކުރުމުގަޔާއި ސަނާ ކިޔުމުގައި މިދެންނެވި ފަރާތްތައް އެކަކަށް ވުރެ އަނެކަކު ގާތްވުމުގެ އުންމީދުގައި ރަސްގެފާނު އަރިހުގައި މުގޯލި އަޅަމުންދިޔައެވެ. މިބޭކަލުން ބުނާ ގޮތުގައި، ސިންގާ ރަސްގެފާނު އެއްކަމަކަށް ވުރެ އަނެއް ކަމަކަށް މޮޅެވެ.
ވެރިކަން ހިންގުމުގެ ހުނަރުގެ އިތުރުން ދީނާއި ސަގާފަތަށް އެރަސްގެފާނުހާ ފަރިތަ އަނެކަކު ނެތެވެ. ކިއެއްތަ، ހިނގަވާފައި ވަޑައިގަންނަވާއިރު ފިޔަވަޅުފުޅު ބަހައްޓަވަނީވެސް ފުރިހަމަ ޑިޒަައިނަކަށް، ކުރެހުމަކަށް ކަމަށް ބުނެ "ވާ! ވާ! އޭ ގޮވާ ޅެމާއި ފަރިހި ހަދާ، ލައުޑު ބޭނުންކޮށްގެން މީސްތަކުންނަށް އިއްވަމުން ގެންދިޔައެވެ. ސިންގާ ރަސްގެފާނުގެ އަޑުފުޅު އިވުމުން ގުލްޒާރުގައި ބަޅިނދާ، ކޮކާ މަޑުޖެހި ތިބޭކަމަށްބުނެ ޖަމަޢަތް ހަދައިގެން ބުރުދާކިޔަމުން ގޭގޭ ދޮށަށްް ހިނގާ ހެދިއެވެ.
ނަމަވެސް، ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ބީދައިން ސިންގާ ރަސްގެފާނުގެ ދިގު ވެރިކަމަށް ނިމުން އަތުވެއްޖެއެވެ. މުސްކުޅިފުޅުވެ، އެކަނި ވެރިވެއްޖެއެވެ. ދެދުނިޔޭގެ ރައްޓެހިންގެ ގޮތުގައި ތިބޭނެކަމަށް އަތާއަތް ޖެހި ބިޔަ ލަޝްކަރު ފޭއަށް ޖެހި، ފިލައި ރައްކާވެއްޖެއެވެ. ވަޢުދާ ހުވާ ކުރާނޭޔޭ، އެހަނދާން ނެތޭނެޔޭ ބުނިބަސް ތެދު ބަހަކަށްވެ ނިމިއްޖެއެވެ.
ނޫން، ނޫން، މިދެންނެވުނީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އިއްޔެގެ މިތުރުން މިއަދު މިވަނީ 3 ބަޔަކަށް ބެހިފައެވެ.
އެކެއް، އެއްވަނައީ ސާބިތުކަމާއި ހިތްވަރާއެކު އެމަނިކުފާނުގެ އަރިހުގައި ޤާއިމުވެ ތިބި މަދު ފަރާތްތަކެކެވެ. ހިތްވަރާއެކު އެމަނިކުފާނުގެ އަރިހުގައި އެބަޔަކު ޤާއިމުގެ ތިބި ކަމުގައިވިޔަސް، އުދަރެސް ބަނަވެ، ކުރިމަތިވަމުން އަންނަ ތޫފާންތަކުން އެމަނިކުފާނު ސަލާމަތް ކުރުމުގެ ޤާބިލު ކަމެއް މިއަދަކު އެފަރާތްތަކަކު ނެތެވެ. ހޫނުކަންމަތީ އެމަނިކުފާނުގެ ހަށިކޮޅަށް ހުށަހެޅެމުން އަންނަ ރޯޅިން އެމަނިކުފާނު ނިވާކޮށްދިނުމަށް އެފަރާތްތަކަށް މިއަދު ވަނީ ނުކުޅެދިފައެވެ.
ދޭއް، ދެވަނައީ، ޚިޔާލާއި ވިސްނުން ބަދަލުކޮށް، އެބައިމީހުންގެ ވިސްނުން ސާފުބަހުން ކިޔާދީ އެމަނިކުފާނާއި ފާޅުގައި ފޭއަށް ޖެހުނު ފަރާތްތަކެވެ. އެފަރާތްތައް ތިބީ ފާޅުގައި ދެކޮޅަށެވެ
ތިނެއް، ތިންވަނައީ، ސާބިތު ކަމާއެކު އެއްވެސް ކޮޅަކަށް ޖެހުމުގެ ހިތްވަރުނެތް ފިނޑި މަކުނުތަކެވެ. އެމަނިކުފާނުގެ ސުފުރާމަތިން ކައި، އެމަނިކުފާނުގެ ހިޔަލުގައި ބޮޑެތިވެ، ދަރިފަސްކޮޅާއި ދިރިއުޅުން ތާޒާކޮށް ހެދުމަށްފަހު، މިއަދު 'ނޭނގޭ" ކަމަށް ހެދިގެން ތިބި ހައީނާތަކެވެ. ހުޝާމަދު ކުރުމާއި، ހިޔަންޏަށް ސަޖިދަ ޖެހުމުގައި ރޭދުވާ ހޭދަކުރުމަށް ފަހު، ވާނުވާ ނޭނގޭ ކަމުގައި ހެދިގެން ތިބެ، ދުރުދުރުން ހިނގާ، ދެމޫނުގެ ވެރި ޖަނަވާރު ތަކެވެ. އަތަރު ތައްޔާރުކޮށް ދުންދަނޑި ބަހައްޓައިގެންވެސް ސަނާ ކިޔުމަަށް އެދުވަހު ތައްޔާރަށް ތިބި، ނަމަަވެސް މިއަދު، "ތިއުޅެނީ ނުކެރިހޭ؟" ވެސް އަހާލުމުގެ ހިތްވަރު ނެތް ހައިވާނުން ތަކެވެ.
މިދެންނެވި 3 ބަޔަށް އެދުވަހުގެ އަޚުންނާއި އަރިހުބޭކަލުން ބަދަލުވެފައި ވީނަމަވެސް ސިންގާ ރަސްގެފާނަކީ ތަޖުރިބާ ކާރެކެވެ. ބަދަލެއް މަނުވާނަމެ ބުނެފާދެން ޚަބަރެއް ހިލަމެއް ނުވަނީ ކީއްހޭ ވެސް އެމަނިކުފާނު ނާއްސަވައެވެ. ދުނިޔެއީ ހަމަ ދުނިޔެކަން އެމަނިކުފާނު ވަނީ ދަސްކުރައްވާފައެވެ. ދުނިޔޭގެ ފޮނިހިތި ހުވަފެން އެމަނިކުފާނު މީގެ ކުރިންވެސް ވަނީ ދެކެވަޑައިގެންފައެވެ. ދުނިޔެދޭ އިބްރަތްތަކުން އެމަނިކުފާނު ވަނީ ފިލާވަޅު ނަންގަވާފައެވެ. ދުނިޔޭގެ ހަމަތައް އެމަނިކުފާނު ވަނީ ފިސާރި ރަނގަޅަށް ދަސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ