އޭލެވެލްއަށް ކިޔެވުމަށް އެންމެ ފުރިހަމަ ސުކޫލަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް: ޕްރިންސިޕަލް

ރާއްޖޭގައި އެންމެ ރަނގަޅު ހައިސުކޫލު ތަޖުރިބާއެއް ދަރިވަރުންނަށް ލިބިގެންދާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކަމަށް އެ ސުކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދު ވިދާޅުވެއްޖެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި މިއަދު ހަވީރު ބޭއްވި އެ ސުކޫލުގެ އޯޕަން ޑޭ އާއި ބެހޭގޮތުން ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ސައީދު އަހްމަދު ވިދާޅުވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ އޭލެވަލް ކިޔެވުމަށް އެންމެ ރަނގަޅު ސްކޫލު ކަމަށާއި، ކިޔަވައިދިނުމަށް އަންނަ ޓީޗަރުންނަކީ ވެސް ތަޖުރިބާހުރި ޓީޗަރުން ކަމަށެވެ.
ޕްރިންސިޕަލް ސައީދު ވިދާޅުވީ ކިޔަވާ މާހައުލާއި ދަރިވަރުންނާއި ޓީޗަރުންގެ ގުޅުމުގެ ސަބަބުން ވެސް ނަތީޖާއަށް އަސަރުކުރާ ކަމަށާއި، ވިލާ ހައި ސްކޫލުގައި ކިޔަވައިދިނުމަށް މަސައްކަތްކުރާ ހުރިހާ ޓީޗަރުންނަކީ ވެސް ދަރިވަރުންނާއި ގާތް ގުޅުމެއް ބާއްވައިގެން އިތުރުގަޑީގައި ވެސް ކިޔަވައިދިނުމަށް މަސައްކަތް ކުރައްވާ ޓީޗަރުން ކަމަށެވެ.
ސައީދު ވިދާޅުވީ އޭލެވަލް ކިޔެވުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހައި ސްކޫލުން ލިބޭއިރު ގޭގައި ތިބެގެންވެސް ކިޔެވޭނެ ގޮތް މަގުފަހި ކޮށްދީފައިވާނެ ކަމަށާއި އެގޮތުން ދަސްވެހި ޕޯޓަލް މެދުވެރިކޮށް ފިލާވަޅުތައް ބަލައި ކިޔެވޭނެ ކަމަށެވެ.
އޯޕަން ޑޭ އެއް ބޭއްވުމުގެ މަގްސަދަކީ މި ދުވަސްކޮޅަކީ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދަރިވަރުންނަށް ލިބި ކުދިން އޭލެވެލަށް ކިޔެވުމަށް އެކިއެކި ސުކޫލު ތަކަށް ދާން ވިސްނާ ދުވަސްކޮޅަށް ވާތީވެ ވިލާ ހައި ސްކޫލުގައި ހުރި ސާނަވީ ތައުލީމުގެ ފުރުސަތުތަކާއި ބެހޭ ގޮތުން ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް ބޭނުންވާނެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށްވެސް ސައީދު އަހްމަދު ވިދާޅުވި އެވެ.
ވިލާ ހައި ސްކޫލުގައި މިއަދު ބޭއްވި އޯޕަން ޑޭ ގައި އެ ސުކޫލުގައި އެކި މާއްދާތަކަށް ކިޔަވައިދެއްވާ ޓީޗަރުން ވަނީ ދަރިވަރުންނަށް އެ ބޭފުޅުން ކިޔަވައިދެއްވާ މާއްދާތަކުގެ މައުލޫމާތާއި އެ މާއްދާތަކުން ދަރިވަރުންނަށް ހުރި ފައިދާއާއި ކުރިއެރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ. މީގެއިތުރުން އެ ސުކޫލުގައި މިހާރު ކިޔަވަމުގެންދާ ބައެއް ދަރިވަރުން ވަނީ އެދަރިވަރުންގެ ތަޖުރިބާ އޯޕަން ޑޭގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.
ސައީދު ވިދާޅުވީ މިއަހަރު އެ ސޫކުލުން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު 600 އެއްހާ ދަރިވަރުންނަށް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އޯޕަންޑޭ އާއި ބެހޭގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކެޕްޓަން އިސްމާއިލް ލީވާން ބުނީ މިއަދު އެ ސުކޫލުގައި ބޭއްވިގެންދިޔަ އޯޕަންޑޭ އަކީ ބެލެނިވެރިންނާއި ދަރިވަރުން ވިލާ ހައި ސްކޫލުގެ ޓީޗަރުންނާއި ބައްދަލުކޮށް އެ ސުކޫލުގައި ކަންތައްތައް ހިނގާ ނުހިނގާ ގޮތް އަމިއްލައަށް ތަޖުރިބާކޮށްލުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"ހަގީގަތުގައި ސުކޫލަކަށް ވަންނަން ކުއްޖަކު ނިންމާއިރު އެ ސުކޫލަކީ ކޮންކަހަލަ ތަނެއްތޯ އާއި ސުކޫލުގެ ކަންތައްތައް ހުރި ނެތްގޮތް ވަރަށް ރަނގަޅަށް އެނގެން އެބަޖެހޭ. ރާއްޖޭގައި އޭލެވެލް ކިޔަވައިދޭ ސުކޫލުތަކުގެ ތެރެއިން އެންމެ ރަނގަޅު ފެންވަރުގައި ތައުލީމު ފޯރުކޮށްދޭ ސުކޫލަކީ ވިލާ ހައި ސްކޫލް،" ލީވާން ބުންޏެވެ.
އޭނާ ބުނީ ކިޔެވުމުގެ އިތުރުންވެސް ދަރިވަރުން އެހެނިހެން ގޮތްގޮތައް ތަރައްގީވެ އެ ދަރިވަރެއްގެ ހުނަރުތައް ކުރިއަރުވަން ވިލާ ހައި ސްކޫލުން ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ގޮތެއްގައި ފުރުސަތުތައް ފޯރުކޮށްދެމުންގެންދާ ކަމަށެވެ. ވިލާ ހައި ސުކޫލުގެ ޓީޗަރުންނަކީ ދަރިވަރުންގެ ހުރިހާ ކަމެއްގައިވެސް އަމަލީގޮތުން ބައިވެރިވެ ދަރިވަރުންނާއި ވަރަށް ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ ބައެއް ކަމަށްވެސް ލީވާން ބުންޏެވެ.
ވިލާ ހައި ސުކޫލުން ބުނީ އޯލެވަލް ހަދާފައިވާ ކުދިންގެ ތެރެއިން އޭލެވަލަށް ކިޔެވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި މިއަދު ބޭއްވި އޯޕަންޑޭގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރި ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ