ނަޝީދާއި މައުމޫން ގުޑުވާލައިފި ނަމަ ގައުމު ގުޑާނެ: އަލީ ވަހީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ނަޝީދާއި ރައީސް މައުމޫން ގުޑުވާލައިފި ނަމަ މުޅި ދިވެހި ގައުމު ގުޑައިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"އެމްޑީޕީ ކާމިޔާބުގެ 2013"ގެ ނަމުގައި ކާނިވަލް ސަރަހައްދުގައި ރޭ ބޭއްވި އެ ޕާޓީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި އެންމެ މަގުބޫލު ދެ ލީޑަރުންނަކީ ރައީސް ނަޝީދާއި ރައީސް މައުމޫން ކަމަށެވެ. އެހެންކަމުން އެއިން އެއް ވެސް ލީޑަރެއް ގުޑުވައިލައިފި ނަމަ މުޅި ދިވެހި ގައުމު ގުޑައިގެން ދާނެ ކަމަށެވެ.
"ރާއްޖޭގެ ރައީސް ކަން ކުރައްވާފައިވާ ނުވަތަ ރާއްޖޭގެ އެންމެ ޕޮޕިޔުލާ ފިގަރުންނަކީ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް. މިއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ދެބަސް ވެވެން ނެތް ހަގީގަތެއް. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން މިއިން އެއްވެސް މީހަކަށް އަޅުގަނޑުމެން ގުޑުވައިލައިފި ނަމަ މުޅި ގައުމު ގުޑާނެ. މިކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ސިޔާސީ މަސަރަހުގައި ހުރި މައްސަލަތަކަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވާހަކަ ދައްކައިގެން ސިޔާސީ ހައްލު ހޯދެން ޖެހޭނެ ކަމަށެވެ. އެކަމަށް ޓަކައި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް އެކުގައި މަސައްކަތް ކޮށްގެން ދެ ފަރާތް އެއްބެސް ވެވޭނެ ހައްލެއް ރާއްޖޭގެ ސިޔާސީ މަސްރަހުން ހޯދަން ޖެހިފައިވާ ކަމަށެވެ. އެކަން އެހެން ނުވެއްޖެ ނަމަ ރާއްޖޭގައި ލޭ އޮހޮރުވުމާއި ދާހިލީ ހަނގުރާމައެއް ދާދި އަވަހަށް ފެށިގެން ހިނގައިދާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ އެބަ ޖެހޭ ހަމަ މަގަށް އެޅެން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ ވެރިން އެބަ ޖެހޭ ވާހަކަ ދައްކަން. އަޅުގަނޑު މިރޭ ގޮވާލަން ބޭނުން ވަނީ ޕީޕީއެމް އަށް މި އަހަރު ރާއްޖޭގައި މި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ އަޅުގަނޑުމެން ދެބައި މީހުންނޭ. ބަޣާވާތް ކޮށްގެން ވެރިކަމުގައި އެ ހުންނެވީ މުހައްމަދު ވަހީދޭ. އަޅުގަނޑުމެން އެމްޑީޕީ އާއި ޕީޕީއެމް އެބަ ޖެހޭ އެއް ބަޔަކު އަނެއް ބަޔަކަށް ސިޔާސީ ގޮތުން އިހްތިރާމްކޮށްގެން އެއް ބަޔަކު އެނެއް ބަޔަކު މިނިވަން އިންސާފްވެރި އިންތިހާބަކަށް ނިކުންނަން. އެގޮތަށް ނިކުންނަ ކަމަށްވާ ނަމަ އަޅުގަނޑުމެން އެބަ ޖެހޭ ރިޓެޔާޑް ޗީފް އޮފް ޑިފެންސް ފޯސް އާއި ރިޓެޔާޑް ޖެނަރަލުން ދައްކާފައި ހުރި ވާހަކަތަކަށް ބަލައި އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެ ވެސް އެއް ގޮތަކަށް އެއްބަސް ވާން. އަޅުގަނޑުމެނަށް އަންނަ މާޗް މަހު މަޖިލިސް ފެށޭ އިރު ނުވަތަ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އެއްބަސް ވުމަކަށް ނާދެވިއްޖީއްޔާ ދަންނަވަން އޮތީ ރާއްޖޭގައި ލޭ އޮތުވުމާއި ދާހިލީ ހަނގުރާމަ އެއް ދާދި އަވަހަށް ފެށިގެން ދާނެޔޭ ޔަގީން." އަލީ ވަހީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން އެއްބަސް ވުމަކަށް ނާދެވިއްޖެ ނަމަ އިންސާފްވެރި ރިޔާސީ އިންތިހާބެއް ވެސް ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އެއްބަސް ވުމެއްނެތި ރިޔާސީ އިންތިހާބެއް ބާއްވައިފި ނަމަ ރިޔާސީ އިންތިހާބުގެ ފަހުން ގައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވެސް އަލީ ވަޙީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންސާފްވެރި އިންތިހާބެއް ބާއްވައި ގުމަށް ހަމަޖެހުން ގެންނަން ރައީސް ވަހީދު ބޭނުންފުޅުވާ ނަމަ މިހާރު ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. އެހެން ނޫނު ކަމަށްވާ ނަމަ ރާއްޖޭގައި މި އަހަރު ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މުހައްމަދު ވަހީދު އެތާ ހުންނަންޏާ މުހައްމަދު ވަހީދު ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ ހުއްޓާލަން ޖެހޭނެ. އެ ނޫން ގޮތަކަށް އޭނާ އަށް އެތާކު ނުހުރެވޭނެ. އެ ނޫން ގޮތަކަށް މި އަހަރަކު ރިޔާސީ އިންތިހާބެއް ވެސް ބޭއްވިގެން ނުވާނެ." އަލީ ވަހީދު ވިދާޅުވި އެވެ.
އިންސާފްވެރި ރިޔާސީ އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަމަގަށް އެޅުވުމަށް ޕީޕީއެމް އާއި އެހެން ވެސް ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަށް އަލީ ވަހީދު ގޮވައި ލެއްވި އެވެ.
އޭނާ ވިދާޅުވީ މާޗް މަސް ރައްޔިތުންގެ މަޖިލިސް ފެށޭ އިރު ރައީސް ވަހީދުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކިރެވެން ޖެހޭނެ ކަމަށާއި އަދި ސަރުކާރުގެ މަސައްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމާފައި ކޯނީގެ ދިރާސާ ރިޕޯޓް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒު ކޮޅު މަތީގައި ބާއްވާނެ ކަމަށް ވެސް އަލީ ވަހީދު ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ