ފެން ކުންފުންޏާ ދިރާގުގެ ހިއްސާ އާއި އެއާޕޯޓު ވިއްކާލުމުން ދައުލަތަށް އަހަރަކު 1.8 ބިލިއަންގެ ރުފިޔާ ގެއްލުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ ކ.ދިއްފުށީގައި ބޭއްވި ޙާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ފެން ކުންފުންޏާ ދިރާގުގެ އިތުރުން އެއާޕޯޓުގެ ބާރު ސަރުކާރަށް މިހާރު ނެތް ކަމަށާއި، އެހެން ނަމަވެސް ބޭރު މީހުންނަށް އެއްޗިސް ދިނުމާއި ކަންތައް ކުރުމަށް ނުރުހެނީ ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޓެޓިޖިކް އިންވެސްޓްމަންޓުތަކެއް ސަރުކާރުގެ ބާރުގެ ދަށުން ނޫނީ ދޫނުކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހޭ ބުއްދި ފިލާ ހުރި ބަޔަކު، އަމިއްލަ ފައިދާ އާއި ކޮރަޕްޝަނުން ފުރިގެންވާ ބަޔަކު ނޫނީ މިބާވަތުގެ ކަމެއް ނުކުރާނެ ކަން ކަށަވަރު، ކުރުކޮށް ދަންނަވާނަމަ މިއީ އެއްވެސް ކަހަލަ އަމާޒެއްނެތި ރޭވުންތެރިކަމެއް ނެތި، އަމާޒެއް އޮތް ކަމުގައި ވާނަމަ އޮތީ އަމިއްލަ އެދުން، މިކަން އަޅުގަނޑުމެން ވަށައިގެން ފެންނަން އެބަހުރި، އަޅުގަނޑަށް ކަށަވަރު މިކަން ތަހުގީގުކޮށްފިއްޔާ އަޅުގަނޑުމެންނަށް ސާބިތުވެގެންދާނެ." ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހިންގެ ހަރު މުދަލަކީ ދިވެހިންގެ ބުރަ މަސައްކަތުން ހޯދާފައިވާ އެއްޗިސްތަކެއް ކަމަށާޢި އެއެއްޗިސް ހުންނަން ވާނީ ދިވެހިންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ދިވެހިންގެ އަގުހުރި މުދާތަކާއި މުސްތަގުބަލާއި ގުޅިފައިވާ ބޮޑެތި މުހިއްމު ތަންތަން ގެއްލިފައިވާނަމަ އެތަންތަން ދިވެހި ރައްޔިތުންނަށް ލިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އުއްމީދެއް ކަމަށެވެ.
"ދިވެހިންގެ ހަރު މުދަލަކީ ދިވެހިންގެ ބުރަ މަސައްކަތުން ހޯދާފައިވާ އެއްޗިސްތަކެއް، އެއީ ދިވެހިންގެ ލެޔާ ގުޅިފައިވާ ތަން ތަން، އަދި ދިވެހިންގެ ލެޔާ ގުޅިފައިވާ ކަން ކަމައި ކަންތައް، އެއީ ދިވެހިންގެ ކާބަފައިންގެ ހަދާންތަކާއި ކަންކަމާއި ގުޅިފައިވާ ތާރީހީ ބިނާތައް، އެއީ ދިވެހިންގެ މިނިވަން ކަމާއި އިސްތިގުލާލު ގުޅިފައިވާ ރަމްޒުތަކެއް، އެހެން ކަމުން ދިވެހިންގެ ކޮންމެ ތަރިކަ އަކީ ދިވެހިންގެ ހައްގެއް." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއަދު އެތައް ބައިވަރު ފްލައިޓުތައް ޖެއްސުމުގެ އަގު ބޮޑުކޮށް އެކި އެކި ހިދުމަތްތައް ކުރީގައި ދެމުން ގެންދިޔަ އަގު ދެގުނަ ތިން ގުނަޔަށް އުފުލުމުގެ ސަބަބުން އެތައް އެއާލައިންތަކެއް ރާއްޖެ އައުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދުގެ އެދިވަޑައިގެންނެވުމުގެ މަތިން ބޯޓަށް އަޅާ ތެޔޮ ކުޑަ ތަންކޮޅެއް އަގު ހެޔޮ ކޮށްދިނުމަށް ޖީއެމްއާރަށް ދެންނެވުމުން އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން މަތިންދާ ބޯޓަށް އަޅާ ތެޔޮ އެންމެ ބޮޑު އަގުގައި ވިއްކާ ތަނަކަށް ރާއްޖެ ވެގެންދިއުމުގެ ސަބަބުން ޓުއަރިސްޓުން ގޮވައިގެން ރާއްޖެއަށް އަންނަ މަތިންދާ ބޯޓުތައް މަދުވެގެން ގޮސްފައިވާ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓުއަރިޒަމް، އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނެތް ގޮތުގައި ބޭރުގެ ބައެއްގެ އަތްމައްޗަށް މި ދޫކޮށްލެވުނީ، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ އޭވިއޭޝަން ފިއުލްއިން ކޮންމެވެސް ވަރެއްގެ ޑިސްކައުންޓެއް ދޭން އެދުމުން އެ އާއި ދެކޮޅު ހެދޭނީ ކިހާވަރެއްގެ ސްޓްރެންތެއް ހުރެގެން ކަން." ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ވިދާޅުވި އެވެ.
ދިރާގާއި ބެހޭ ގޮތުން ދިއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދިރާގަށް ވުރެން ބޮޑު ފައިދާއެއް ދެއްކި އެއްވެސް ތަނެއް ނެތް ކަމަށާއި އެގޮތުން އޭރު ނަގާފައި ހުރި ލޯންތަކާއި އެތަނުން އިންވެސްޓްކުރަމުންދިޔަ ކަންތައްތަކާއި ރާއްޖޭގައި ހިންގަމުންދިޔަ ހުރިހާ އެއާޕޯޓެއްގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ އެއާޕޯޓު ކޮމްޕެނީގެ ފަރާތުން ކަމަށްވާތީ ސަރުކާރުގެ ބެލެންސް ޝީޓަށް ނުވަތަ ޖަމާކުރަމުންދިޔަ އަދަދަކީ ދިރާގަށްވުރެން ކުޑަ އެއްޗެއް ކަމަށެވެ.
"ދިރާގަކީ އަޅުގަނޑު ފިނޭންސް މިނިސްޓްރީ ކަމުގައި ހުއްޓާ 1 އަހަރު ތެރޭގައި 500 މިލިއަން ދެއްކި، ދިރާގު ވިއްކާލީ އަޅުގަނޑު އަޑު އަހާ ގޮތުގައި 42 މިލިއަން ޑޮލަރަށް، ބައްލަވާ އެންމެ އަހަރެއްގެ ޑިވިޑެންޓްއަށް ވެސް ނުވާވަރުން، އަނެއްކޮޅުން ކޮންތާކު ކާކުތޯ އިއުލާންކުރެއްވީ، ކަނޑައެޅިގެން މާލިއްޔަތު ގާނޫނާއި ގާނޫނު އަސާސީ އާއި ހިލާފަށް." ގާސިމް ވިދާޅުވި އެވެ.
ފެން ކުންފުންޏާ ބެހޭގޮތުން ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ދިވެހި ދަރިއަކު އެދިފައި އޮއްވާ އެއަށްވުރެން ކުޑަ އަގަކަށް ވިއްކާލާފައިވާކަން އިނގޭ ކަމަށާއި މިކަންކަމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ނަތީޖާއަކަށްވީ 17ރ 18ރ އަށް ޑޮލަރު ލިބިގެން ދިއުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކުންފުނިތައް ވިއްކާލުމުން ދައުލަތަށް އަހަރަކު 1.8 ބިލިއަންގެ ގެއްލުންވޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ