އަމާންކަން ގާއިމްކުރަން ދަތި ވަނީ ގާނޫނުތަކުގެ ސަބަބުން: މިނިސްޓަރު އުމަރު

ރާއްޖޭގައި އަމާންކަން ގާއިމް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އަމާންކަން ގާއިމް ކުރުމަށް ދަތި ވަނީ ގާނޫނުތަކުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އަމަން ގާއިމު ކުރުމަށް ފުލުހުންނާއި މެދު ދެކެވޭ ގޮތާއި ފުލުހުންނާއި ގާނޫނު އަދާ ނުކުރެވޭ އަސްލު ސަބަބުތަކަކީ މުޅިން ތަފާތު ސަބަބުތަކެއް ކަމަށެވެ. ރާއްޖޭގައި ހެދިފައިވާ ގިނަ ގާނޫނުތަކަކީ އިނގިރޭސިވިލާތުގެ ގާނޫނުތަކުގެ ތަރުޖަމާއެއް ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ބޭރު ގައުމެއްގެ ގާނޫނު "ނަކަލު" ކުރަންޖެހޭނީ ރާއްޖޭގެ ވެއްޓަށް ފަސޭހަވާނެ ގޮތަށް ކަމަށެވެ. "ދައުލަތުގެ ފުދުންތެރިކަމާއި ރާއްޖެ އުފެދިފައި އޮތް ގޮތާއި ދައުލަތުގެ ވަސީލަތްތަކާއި ނުބައްދަލު ގާނޫނުތަކެއް ހުރިއިރު، އެންމެ ރަނގަޅު ގޮތަކީ ކޮންމެހެން ހައްޔަރު ކުރަން ޖެހޭ ނަމަ ނޫނީ ހައްޔަރު ކުރުުން. ގާނޫނު ހެދެން ޖެހޭނީ އެ ގައުމެއްގައި ތަބީއަތާއި ގުޅޭ ގޮތަށް. އެހެން ނޫން ނަމަ ނަތީޖާއެއް ނުނެރެވޭނެ ރާއްޖޭގެ އަމާންކަން ގާއިމު ނުކުރެވެނީ ރާއްޖޭގެ ގާނޫނުތަކުގެ ހުރި ލޯވަޅުތަކުގެ ސަބަބުން. މުޅި މުޖުތަމައުގެ ފައިދާއަށްޓަކައި ޑިމޮކްރަސީން ދޭ މިނިވަން ކަން ހަނި ކުރުމަކީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ހުރިހާ ޑިމޮކްރަސީއެއްގައި ކުރާ ކަމެއް،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ. ގާނޫނު އަސާސީ ނުވަތަ ގާނޫނުތަކުގެ ބޭނުމަކީ ވެސް ރައްޔިތުންނަށް ބާއްޖަވެރި ހަޔާތެއް ހޯދައިދިނުން ކަމަށާއި އަމާންކަމަކީ ރައްޔިތުންނަށް ބޭނުންވާ "ރުކުނެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހައްޔަރު ކުރެވޭ މީހުން ފަނޑިޔާރުންގެ ކުރިމައްޗަށް ގެނައުމާއި މުއްދަތު ޖެހުމުގެ ގަވާއިދުތަކަށް ގެންނަން ފެންނަ އިސްލާހުތައް ވަނީ ކަމާ ބެހޭ މުއައްސަސާތަކާ ހަވާލުކޮށްފައި ކަމަށެވެ. "އަމާން ކަމަކީ ޑިމޮކްރަސީގެ ފުރަތަމަ މަގްސަދު. އެއީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުގެ އެންމެ އަސާސީ އެއް ރުކުން. މި ރުކުން ސުންނާފަތިވެގެން މިދަނީ އަޅުގަނޑުމެންގެ ގާނޫނުތައް ހެދިފައި ހުންނަ ގޮތުން. މި ސަރުކާރުން މި ދަނީ އެފަދަ ގާނޫނުތައް ދެނެގަނެ އެ ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން. އަދި ފޫބައްދަންޖެހޭ ތަންތަން ފޫބެއްދުމަށްޓަކައި އާ ގާނޫނުތައް އެކުލަވާލަމުން. މި ގޮތުން ނުރައްކާތެރި ކުށްވެރިން މޮނީޓާ ކުރުމާ ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވޭތޯ މި ދަނީ ބަލަމުން. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތައް މިހާރު ވަނީ ނިމިފައި. ލަސްތަކެއް ނުވެ އެ އިސްލާހުތައް މަޖިލީހަށް ވަދެގެން ދާނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގައުމުގައި އަމާންކަން ގާއިމް ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރު އުމަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ