ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހައިލަމް މަގާމުން އިސްތިއުފާ ދެއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުއްވި ސިޓީއަކުން ކަމަށް ވެއެވެ.
ގާޒީ ހައިލަމް އިސްތިއުފާ މި ދެއްވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަށް ފޮނުވި ފޮޓޯއެއްގެ މައްސަލައިގާއި އުފެދިގެންދިޔަ ކަންތައްތަކުގެ ސަބަބުންނެވެ.
އެ ފޮޓޯގައިވާ ކުރެހުމުގައި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައިވާ މަންޒަރެކެވެ. މި ކުރެހުމުގެ މައްސަލައިގައި އޭނާ ސަސްޕެންޑްކޮށް މިމައްސަލަ ޖޭއެސްސީން ބަލަންފެށިއެވެ.
ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ފޮނުވާފައި ވެއެވެ.
އެގޮތުން، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައިލަމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ނިންމާފައިވަނީ ހައިލަމް ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.
އެހެންކަމުން، ގާޟީ ހައިލަމް މަގާމުން އިސްތިއުފާ މި ދެއްވީ، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލުނު މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ހިންގެވީ ގާޒީ ހައިލަމްއެވެ. ރައީސް ޔާމިންނަށް ހުކުމްކުރަން އޮތް ދުވަހު އޭނާ ސަސްޕެންޑްކޮށް، އެމައްސަލަ ކުރިއަށް ގެންދިޔައީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ