އައްޑޫގެ ކަރަންޓުގެ ހާލަތު ނާޒުކު، ހައްލުކުރާނަން: ފެނަކަ

އައްޑޫގެ ކަރަންޓް ފެންވަރުގެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ދާއިމީ ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަކަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އޭނާ މިހެން ވިދާޅުވިއިރު، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދޭ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ ދަންވަރުން އެކެއް ޖަހަންދެން، އެ ރަށްރަށުގެ މީހުން އުޅުނީ ކަނު އަނދިރީގަ އެވެ. ބައެއް މީހުން ކައިބޮއެ އަދި ނިދީ ވެސް މަގުމަތީގަ އެވެ. ކުދިން ނިންދެވީ މަގުމަތީގަ އެވެ. މިއީ މީގެ ކުރިން އައްޑޫން ނުފެންނަ މަންޒަރެކެވެ.
މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު ސިޓީގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބުމުގެ ޝަކުވާ އަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނިމުމެއް ގެނެސްދެވިފައެއް ނެތެވެ. އަބަދުވެސް ވަގުތީ ހައްލު ގެންނާތީ އައްޑޫގެ ރައްޔިތުންގެ މެދުގައި އެކަމުގެ ހިތްހަމަނުޖެހުން އިންތިހާ އަށް ބޮޑެވެ.
ފެނަކައިގެ އެމްޑީ ސައީދު: އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށް ވިދާޅުވޭ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އިއްޔެ ހަވީރު 5:00 ން ފެށިގެން ދަންވަރު އެކެއް ޖަހަންދެން ކަރަންޓު ކެނޑުނު މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރެވޭތޯ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ، އެކަށީގެންވާ ހައްލެއް ނުހޯދި ވަރަށް ބޮޑަށް ދިގުލައިގެން ގޮސް ރައްޔިތުންގެ ވެސް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އައްޑޫގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިތުރު ޖަނެރޭޓަރު ސެޓްތަކެއް ވެސް ހޯދަން އަންނަ މަހުގެ ތެރޭގައި ބީލަމަށް ލައި، އެކަން އަވަސް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Update: Karantah dhimaavi massala mihaaru hallu kurevi, hurihaa sarahadhdhakah karantu dhevifai oiykamugaiviyas massala ekkoh hallu kurumah kuran jehey masakkaithah medhukendumeh nethi kuriah dhaane.— Fenaka Corporation Ltd (@TeamFenaka) September 8, 2019
"އެކަމުގެ ތައްޔާރީތައް މިހާރު ވެސް މި އަންނަނީވަމުން،" ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަރަންޓް މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ތެރެއިން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބިގެން ދާނެ. މީގެ ތެރެއިން އެއް ކަމެއް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނާތީ ސަޕްލައި އިތުރުކުރަން މަސައްކަތްތައް ކުރުން ވެސް."
ކަރަންޓް ކެނޑުމަކީ އަކީ އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އަދި މިއީ މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ދާއިމީ ހައްލެއް ހޯދައި ދޭނެ ކަމަށް ވައުދުވެ، މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދައި ނުދެވި އޮތް މައްސަލައެކެވެ.
އިއްޔެ ހަވީރާއި ރެއަކީ ވެސް ކަރަންޓް ނެތުމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖަހުނު ވަގުތުތަކެވެ.
އެގޮތުން އިއްޔެ ހަވީރު 5:00 އެހާކަށްހާ އިރު ކަރަންޓް ދިޔުމުން ދެ ފަހަރެއްގެ މަތިން އަލުން ކަރަންޓް ދިން ނަމަވެސް، ނެޓްވޯކަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ކަރަންޓް ހިފަހައްޓާ ގޮތެއް ނުވި އެވެ.
ރޭ މަރަދޫ މަގުމަތީގައި އާއިލާތަކެއް ރޭގަނޑު ކަނީ.
ރޭ މަރަދޫ މަގުމަތީގައި އާއިލާތަކެއް ރޭގަނޑު ކަނީ.ސައީދު ވިދާޅުވީ އިއްޔެ ކަރަންޓް ކެނޑުނީ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ. މަރަދޫފޭދޫ، ފޭދޫ އަދި ގަމަށް ކަރަންޓްދޭ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެވެ.
"އިންޖީނަކަށް އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫން އިއްޔެ ކަރަންޓް ދިޔައީ. އަދި ކެޕޭސިޓީގެ މައްސަލައެއް ވެސް ނެތް. މި ވަގުތަށް ކަރަންޓް މައްސަލަ ހައްލުވެފައި އޮތަސް އަޅުގަނޑުމެންގެ ޓީމުން މި އަންނަނީ މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން. އަދި ރޭ އައްޑު އަށް ފެނަކައިގެ ދެ އިންޖިނިއަރު ން ވެސް ގޮސްފައި ވާނީ،" ސައީދު ވިދާޅުވި އެވެ.
"އެހެންވީމާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ."
އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދާތީ މިއަދު ވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ.
"އެކަމަކު އިއްޔެ މި ދިމާވި ގޮތަށް ގިނަ އިރުތަކެއް ވަންދެން ކަރަންޓް ނެތިގެން އުޅޭކަށް ނުޖެހޭނެ،" ސައީދު ވިދާޅުވި އެވެ.
ކަރަންޓް ނެތި އުޅެން ޖެހުނު ވަގުތުތަކުގައި އައްޑޫ ރައްޔިތުން ދެއްކި ކެތްތެރިކަމަށް ފެނަކަ އިން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ