ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށްދާ ޝަރީޢަތް ނުނިމެނީސް ނާޒިމް ދޫކޮށްލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން މިހެން ނިންމާފައިވާ އިރު، ޝަރީޢަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެެވެ.
މި މައްސަލަ ނާޒިމްގެ ފަރާތުން ހައި ކޯޓުގައި މީގެ ކުރިން އިސްތިއުނާފު ކޮށްފައިވާ އިރު، ހައި ކޯޓުން ބުނެފައި ވަނީ މި މައްސަލައަކީ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައެއް ކަމުން، މިކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓުން ކަމަށެވެ.
“ހައި ކޯޓުން ވިދާޅުވެފައި ވަނީ މިހާރު އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދާތީ އެންމެ އައުލާކަން ބޮޑީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވުން ކަމަށާއި، އަޅުގަނޑުމެން ހުށަހެޅި ނުކުތާތައް ކްރިމިނަލް ކޯޓުގައި ހުށަހަޅައިފިއްޔާ ކްރިމިނަލް ކޯޓުން އެ ބައްލަވަން ޖެހޭނެ ކަމަށް.” އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައި ހުކުމް އިއްވި ޝަރީޢަތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވިއެވެ.
އެގޮތުގެ މަތިން މިއަދު ނާޒިމްގެ ވަކީލުން ވަނީ އަނެއްކާވެސް މި ނުކުތާ ކޯޓަށް ހުށަހަޅުއްވާފައެވެ. އެގޮތުން މައުމޫން ހަމީދު ވިދާޅުވީ މައްސަލަ އާއިގެން ކުރިއަށް ދިއުމުގެ ކުރިން، ހެކި ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ބެލަން ޖެހޭނެ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ބެންޗުން ވާހަކަދެއްކެވުމަށްފަހު ތިން ފަނޑިޔާރުންވެސް އިއްތިފާޤު ވެލައްވާފައި ވަނީ ނާޒިމް ދޫކޮށްލެވެން ނެތް ކަމަށެވެ.
ނާޒމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ މުޖުތަަމަޢުގެ ހަމަޖެހުމާއި ރައްކަލަށްޓަކައެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ވަދެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެރޭގެ ވަގުތެއްގައިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެޕާޓްމަންޓު ބަލައި ފާސްކުރިއިރު އެޕާޓްމަންޓު ތެރެއިން ހަނގުރާމަވެރި ހަތިޔާރު ވަނީ ފެނިފައެވެ
ޝަރީޢަތް ނުނިމެނީސް ނާޒިމް ދޫކޮށްލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ