އެމްޑީޕީ އަދި ޖޭޕީ ގުޅިގެން މި މަހުގެ 27 ގައި "ޤާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާއަށް މާލެ އައުމަށް މަޑުނުކޮށް މިހާރުން މިހާރަށް އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން މާލެ އައުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ގޮވާލައްވައިފިއެވެ.
އަލީ ނިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ވީޓީވީން ކުރިއަށް ގެންދާ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު ގޮވާލަން ހުރިހާ ރައްޔިތުންނަށް މިހާރުން މިހާރަށް މާލެ އައުމަށް. 27 ފެބްރުއަރީއަށް މަޑު ކުރާނެ ކަމެއް ނެތް" ނިޔާޒް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދި ދެންމެއަކު ހައްޔަރު ކުރުމާ ގުޅިގެން ދެއްކެވި ވާހަކައިގައި ނިޔާޒް ވިދާޅުވީ ސަރުކާރު މިހާރު ވެއްޓިފައި ވާކަމަށެވެ. އަދި މިސަރުކާރަކީ އެއްވެސް ޤާނޫނީ ހަމައެއް އަދި ޤާނޫނީ ހައިސިއްޔަތެއް ނެތް ސަރުކާރެއް ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ހިނގަމުން މިދާ ކަންތައްތަކަކީ ރައީސް ޔާމީނުގެ އެންގެވުމުގެ މަތިން ފުލުހުން ލައްވާ ގަދަބާރުން ކުރުވާ ކަންތައްތަކެއް ކަމަށްވެސް ނިޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
ނަމަވެސް 27 ފެބްރުއަރީއަށް ހުރަސް އެޅުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސް ޔާމީނަށް ދަންނަވާލަން ބޭނުން ތިހެއްދެވީ ވަރަށް ބޮޑު ގޯހެކޭ. ރައްޔިތުން އަޑު އުފުލާ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅައި 27 ފެބްރުއަރީގައި އެ މަސައްކަތް ނުކުރައްވާނެ ގޮތެއް ހެދުމަށް ތި ކުރައްވާ މަސައްކަތް ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ." ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިވަގުތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނުފެންނަ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
ރައީސް ނަޝީދު ހައްޔަރުކުރުމަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ރައީސް ނަޝީދު ހައްޔަރުކޮށްފައި ވަނީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ޝަރީޢަތަށް ހާޒިރުނުވެދާނެ ކަމުގެ ބިރަށްޓަކައި ކަމަށެވެ.
27 އަށް މަޑުނުކޮށް ރައްޔިތުން މިހާރުން މިހާރަށް މާލެ އައުމަށް އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ