ސާކް ސަމިޓް އައްޑޫ ސިޓީގައި ބާއްވައި އައްޑޫގައި ޕްރޮޖެކްޓްތަކެއް ކުރިޔަށް ދާތީ އެމްޑީޕީ އަށް އައްޑޫ މީހުންގެ ތާއީދު މުޅިން އެނބުރިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި ކުރިން ވެސް އަދި މިހާރު ވެސް އެމްޑީޕީ އަށް އައްޑޫ މީހުންގެ ތާއީދު ނޯންނާނެ ކަމަށް ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވި އެވެ.
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް ވިދާޅުވީ އައްޑޫ މީހުންގެ ތާއީދު މިހާރުގެ ސަރުކާރަށް ހޯދޭނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންދާ އިރު އައްޑޫ މީހުންގެ ތާއީދު ނުހޯދުނީ ވެސް އެމްޑީޕީގެ އެކްޓިވިސްޓުންނަށް ޕްރޮޖެކްޓްތައް ދިނުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
"އައްޑޫގައި ކިތަންމެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގި ނަމަވެސް އައްޑޫ ރައްޔިތުންގެ ޖީބަށް ވަންނަނީ ވަރަށް މަދު ފައިސާ ކޮޅެއް. ގިނަ ފައިސާ މިވަންނަނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ޖީބަށް. އެއީ މާލޭގައި ދިރިއުޅޭ ބަޔެއް. އެއީ އައްޑޫ މީހުންގެ ތާއީދު ނުހޯދޭނެ ސަބަބަކީ. އައްޑޫ ރައްޔިތުންނަށް ޕްރޮޖެކްޓްތައް ދިން ނަމަ ތާއީދު ވެސް ހޯދުނީސް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސާކް ސަމިޓަށް ފަހު ހަގީގީ ސިޓީއަކަށް އައްޑޫ ވެގެންދާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ވެދާނެ ކަމަށް ގަބޫކުލު ނުކުރައްވާ ކަމަށެވެ.
އައްޑޫ ސިޓީގައި މިހާރުގެ ސަރުކާރަށް ބޮޑު ތާއީދެއް ނެތް ކަމަށް އުމަރު ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުން އަންނަ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ "އައްޑޫ މިހާރު ސަރުކާރާ ދިމާއަށް އެނބުރިއްޖެ" ކަމަށެވެ.
"އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ އައްޑޫ އަށް އެބައާދޭ މިހާރު. އައްޑޫ މިހާރު ބަދަލު ވަމުން މިދަނީ ރާއްޖޭގެ ވިޔަފާރީގެ މައި ހަބަކަށް. ކުރިޔަށް އޮތް ތަނުގައި އިންޓަރނޭޝަނަލް މާކެޓަށް އައްޑޫ ވެސް ހުޅުވިގެންދާނެ. ވަރަށް ގިނަ ބަޔަކަށް ވަޒީފާ ލިބިގެންދާނެ. އެހެންވީމާ ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ކުރިޔަށް ގެންދާ ތަރައްގީގެ ޕްރޮޖެކްޓްތަކާއި ކުރިޔަށް ރޭވިފައި ހުރި ކަންތައްތަކުގެ ސަބަބުން އައްޑޫ ސިޓީގެ ތާއީދު މުޅިން ކަހަލަ ގޮތަކަށް ސަރުކާރަށް އެނބުރޭނެ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އައްޑޫ ސިޓީއަކީ "ހަގީގީ ސިޓީ" އަކަށް ވެގެންދާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
ކުރިންވެސް މިހާރު ވެސް އައްޑޫގައި އެމްޑީޕީއަށް ތާއީދެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ