ޓެރަރިސްޓު ހަމަލައެއް ދިނީ ޕީޕީއެމް އުފެދުމާ ގުޅިގެން ބިރުން: މައުމޫން

އެންދެރިމާގެއަށް ގެއްލުން ދިނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެދުމުން އެކަމާ ބިރުން ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޝަރުއީ ނިޒާމު މިނިވަން ކުރުމަށް ކަމަށް ބުނެ މިއަދު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި މައުމޫން ދިރިއުޅުއްވާ ގެކޮޅު އެންދެރިމާގެއަށް ދިން ގެއްލުންތަކާ ބެހޭ ގޮތުން ވީޓީވީގެ ފަސްމަންޒު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން މިރޭ ވިދާޅުވީ އެންދެރިމާގެއަށް ގެއްލުން ދިނީ އެންމެ ސަބަބަކާ ހުރެ ކަމަށެވެ.
"އަޅުގަނޑު ވިސްނާލާއިރު މިކަން މިކުރީ އެންމެ ސަބަބަކާ ހުރެ އެއީ އަޅުގަނޑު މި އުފެއްދި ޕާޓީ، ޕީޕީއެމް އުފެއްދީމަ އެކަމާ ބިރުން ދެވަނަ އެހެން އެއްވެސް ކަމެއް ނެތް. ކޮން ބައެއްތޯ ބުނީ ތިމަންމެން މެއެއް ނުކަރައޭ، ޖެހިލުމެއް ނުވެއޭ. އެހެން އެބުނި މީހުނޭ މިއަދު އައިސް އަޅުގަނޑު އުޅޭ ގެއަށް ގާއުކާ ގެއްލުންދީ މިހެދީ. ތަންތަން ހަލާކުކޮށް ސުންނާފަތިކޮށް މިހެދީ އެއްކަލަ މޭ ނުކަރައޭ ބުނި މީހުންނޭ، ދެން މޭކެރީމާ ކިހިނެއްތޯ ވާނީ؟" މައުމޫން ސުވާލު ކުރެއްވެވި އެވެ.
~
މައުމޫން ވިދާޅުވީ ސަރުކާރާއި އެމްޑީޕީ އޮތީ ޕީޕީއެމް އުފެއްދީމާ އެކަމާ ބިރުން ކަމަށާއި ދެން އަންނަ ދައުރު އެމީހުންނަށް ކާމިޔާބު ނުކުރެވޭނެކަން އެފަރާތްތަކަށް ޔަގީންވާ ކަމަށެވެ.
" 2013 ދިޔައީކަން ޔަގީންވާތީ، ތާއިދު ޕީޕީއެމަށް އޮތްވަރު ފެނިފަ ބިރުން މިކަން މިކުރީ،" މައުމޫން ވިދާޅުވި އެވެ. http://sun.mv/albums/l_2076.jpg
ތަކުރާރުކޮށް މިރޭ ވެސް މައުމޫން ވިދާޅުވީ މިއަދު ހިނގައިދިޔަ ކަންތައްތަކަކީ ސަރުކާރު ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށާއި އެއީ ޓެރަރިސްޓް އަމަލެއް ކަމަށެވެ.
"ސަރުކާރުގެ އިސްވެރިން އެތާނގައި ތިބި ހަސަން އަފީފު އައިސް ހުރި، ސަލްޖަމްގޭ ޒިޔާދު އައިސް ހުރި އެއީ ރައީސް އޮފީހުގެ މީހެއް. މައިޒާން އަލިމަނިކު އައިސް ހުރި މެންބަރުންގެ ތެރެއިން މާރިޔާ ހުރި އަލްހާން އައިސް ހުރި އަބްދުﷲ އަބްދުއް ރަހީމް އައިސް ހުރި އީވާ އައިސް ހުރި އަލީ ވަހީދު އައިސް ހުރި ދެން ކޮބައިތޯ؟" މައުމޫން ވިދާޅުވި އެވެ. "މިއީ ހަމަ ސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއް އެއްވެސް ސަބަބެއް ނެތި ކޮން ސަބަބަކާ ހުރެތޯ އަޅުގަނޑު ކީއް ކޮށްގެންތޯ އަޅުގަނޑުގެ އާއިލާގެ މީހުން ކޮން ކަމެއް ކޮށްގެންތޯ އަޅުގަނޑުގެ ގެއަށް ހަމަލާދީ ގާ އުކާ ދޮރުތައް ތަޅައިލާ ބިއލޫރިތައް ތަޅާލައި ކާރެއް ފުނޑުފުނޑުކޮށްލާ މިހުރިހާ ކަމެއް ކުރީ ކީއްވެގެންތޯ؟ ކޮބައިތޯ ސަބަބަކީ؟"
މިއަދުގެ ހާދިސާއަކީ ޓެރަރިސްޓް އަމަލެއް ކަމަށް ސިފަ ކުރައްވާ މައުމޫން ވިދާޅުވީ އެކަން ދޫކޮށް ދޫކޮށް ނުލައްވާ ދައުވާ ކުރައްވާނެ ކަމަށެވެ. އަދި ވިދަޅުވި އެވެ: "އަޅުގަނޑުގެ ލޯޔަރުން މެދުވެރިކޮށްގެން ޖިނާއީ ދައުވާ ކުރެވޭނެ މަގު ތަނަސްވަސް ކުރުމަށް ފުލުހަށް ހުށަހަޅާނަން. މަދަނީ ހައްގު ދައުވާ ވެސް ކުރާނަން. ގެއަށް ގާއުކލާ ކާރެއް ފުނޑުފުނޑު ކޮށް، ދިން މާއްދީ ގެއްލުންތަކުގެ ބަދަލު ހޯދަން މަދަނީ ކޯޓުގައި ދައުވާ ކުރާނަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ