ޓީސީގެ މައްޗަށް ކުރި ހޯދާ މާޒިޔާ ސެމީފައިނަލަށް

ޓީސީ ސްޕޯޓްސްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދާ މާޒިޔާ އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ މާޒިޔާއިންނެވެ. މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ދިން ބޯޅައަކުން މި ގޯލް މެޗުގެ 5 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) އެވެ.
މި ގޯލަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔަ މާޒިޔާއަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. ފުރަތަމަ ހާފްގައި ޓީސީއަށް ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެޓީމުގެ ނާއިޒް އަށެވެ. ނަމަވެސް އޭނާ ހުހަށް އޮވެ ކުރިއަށް ފޮނުވާލި ބޯޅަ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފަ އެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ މާޒިޔާއިން ވަނީ އެޓީމުގެ ދެވަނަ ގޯލްޖަހާފަ އެވެ. ނާޝިދު ނަގައިދިން ކޯނަރަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ.
ނަމަވެސް މެޗުގެ 71 ވަނަ މިނެޓްގައި ޓީސީން ވަނީ ގޯލެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްލާފަ އެވެ. މި ގޯލް ޓީސީއަށް ލިބުުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އިސާރު އެވެ. މި ގޯލަށްފަހު ޓީސީން ކުޅުން ރަނގަޅުކުރި ނަމަވެސް އެޓީމަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެއް ނުވެ އެވެ.
ނަތީޖާއެއްގެ ގޮތުން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މާޒިޔާގެ ކެޕްޓަން އަދި ފޯވާޑް އަސަދުﷲ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މުބާރާތުގެ ސެމީގައި މާޒިޔާ ބައްދަލުކުރާނީ ކްލަބް ވެލެންސިޔާއާ އެވެ. މުބާރާތުގެ އަނެއް ސެމީގައި ބައްދަލުކުރާނީ ނިއު އާއި އީގަލްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ