ނަޝީދު، ހޯމް މިނިސްޓަރު އުމަރު ނަސީރަށް ޝުކުރު ދަންނަވައިފި

މާލޭގައި ހުރި ފެންފޯއް ރުއްތައް ކަނޑާލުމުގައި ފުލުހުން ބައިވެރިވިތޯ ބެލުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ހުށަހަޅައިފައިވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވުމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު ދަންނަވައިފިއެވެ.
ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ މާލޭގައި މޫނު ނިވާކޮށް، ހަތިޔާރާއެކު ހިންގާ ޖަރީމާގައި ފުލުހުންގެ ބައިވެރިވުން ބެލުމަށް ޕީއައިސީގައި އެދިވަޑައިގެންނެވީތީ އުމަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުންތަކެއް އަޑީގައި ތިބެގެން ކަމަށް ރައީސް ނަޝީދު ވަނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވިދާޅުވެފައެވެ. އަދި މިކަމުގެ ހެކީގެ ގޮތުގައި، ވަކިވަކި ފުލުހުންގެ ނަންތަކާއި ސާރވިސް ނަމްބަރުތަކެއް ރައީސް ނަޝީދު ވަނީ މިއަދު މާލެ ސިޓީ ކައުންސިލާއި އަދި މީޑިޔާގައި ވެސް ހިއްސާ ކޮށްފައެވެ.
ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތުތައް ބަލަމުން ގެންދާނެ ކަމަށެވެ. އަދި، މިއީ ފުލުހުން ކުރި ކަމެއްތޯ ބެލުމަށާއި، މިކަން ފުލުހުންނަށް ނުހުއްޓުވުނު ސަބަބު ދެނެގަތުމަށްޓަކައި، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މި މައްސަލަ ތަހްޤީޤު ކުރުމަށް އެ ކޮމިޝަނުގައި ދަންނަވާފައި ވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވެފައި ވަނީ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ތަހްޤީޤަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ހުރިހާ އިސްވެރިންނަށް މިހާރު އަންގާފައި ވާނެ ކަމަށާއި، ފުލުހުންނާއި އަސްކަރިއްޔާއިން ޤާނޫނާ ޚިލާފު ކަންކަން ކުރުމަށް މި ސަރުކާރުން އަމުރު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ