ރުއްތައް ނަގަން ފުލުހުން އެހީވީ މިނިސްޓްރީގެ އެންގުމުގެ މަތިން - އުމަރު

މާލޭ ސިޓީ ކައުންސިލުން، މާލޭ މަގުތަކުގައި އިންދުމަށް ގެނެސްފައިހުރި ފެންފޯއް ރުއްތައް ފުލުހުން ނެގީ ހޯމް މިނިސްޓްރީގެ އެންގުމުގެ މަތިން ކަމަށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވެއްޖެއެވެ.
ވެލާނާގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ހޯމް މިނިސްޓްރީ އަކީ ކަންކަން ތަންފީޒުކުރާ ފަރާތް ކަމަށް ވާތީ، ދައުލަތުގެ އެއްވެސް ކަމަކަށް އެއްވެސް ބަޔަކު ހުރަސްއަޅައި އެކަމެއް ނުކުރެވިއްޖެ ނަމަ އެކަން ކުރިއަށް ގެންދާނީ ހޯމް މިނިސްޓްރީން ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން އިއްޔެ އަލުން އިންދި ރުއްތައް ފުލުހުންގެ ހާޒިރުގައި އެމްއާރުޑީސީން ވަނީ ނެގި އިރު އެކަމާ އަޅާނުލީ އެގޮތަށް މިނިސްޓްރީން އަންގާފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލާގައި ސިޓީ ކައުންސިލްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ފެހި ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީން ކަމަށާއި ފެހި ކުރުމުގެ އެއްވެސް ކަމެއް ސިޓީ ކައުންސިލުން ނުކުރަން އަންގައި އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
"އަދި އެކަން އެންފޯސްކޮށްދިނުމަށް ހައުސިން މިނިސްޓަރު އަޅުގަނޑުގެ އަރިހުން ވެސް އެދުނު. އެދުނީމަ އަޅުގަނޑު އޮންނާނީ މޭޔަަރަށް ދަންނަވާފައި އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދަވައްޗޭ މިނިސްޓްރީ އޮފް ހައުސިން އިން އަންގާ ގޮތެއްގެ މަތިން މެނުވީ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހޯމް މިނިސްޓްރީން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ އެވެ. އަދި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ކަމެއްގެ ސިޔާސަތު ކަނޑައަޅާނީ ސަރުކާރުންކަން ސިޓީ ކައުންސިލަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާ ރުއްތަކެއް މާލޭގައި އިންދާފައވަނީ ސަރުކާރުގެ ސިޔާސަތަށް ގޮންޖަހައި، އެއަށް "ރިބެލް" ކުރުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ