ވޯލްޑް ކަޕް ކޮލިފައިން: އިރާނަށްދާ 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑް މިރޭ އިއުލާން ކުރާނެ: ބަލަކް

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ހޮނިހިރު ދުވަހު އީރާނާ ދެކޮޅަށް ކުޅެން މާދަމާ ހެދުނު ގައުމީ ޓީމް އިރާނަށް ފުރުމަށް ހަމަ ޖެހިފައިވާ އިރު، އީރާނަށްދާ 20 ކުޅުން ތެރިންގެ ފައިނަލް ސްކޮޑް މިރޭ އޮންނަ ޓީމްގެ އެންމެ ފަހު ފަރިތަކުރުމަށްފަހު އިއުލާން ކުރާނެ ކަމަށް ޤައުމީ ޓީމްގެ މެނޭޖަރު އަލިވަހީދު )ބަލަކް( ވިދާޅުވެއްޖެ އެވެ.
މެޗާ ބެހޭގޮތުން މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަލަކް ވިދާޅުވީ، އިރާނަށްދާ ފައިނަލް ސްކޮޑް އިއުލާން ކުރާނީ މިރޭ އޮންނަ ޓީމްގެ އެންމެ ފަހު ފަރިތަކުރުމަށްފަހު ކަމަށާއި މިރޭ އޮންނަ ފަރިތަކުރުމުގައި ވެސް މިހާރު ޓީމްގައި ތިބި 25 ކުޅުން ތެރިން ބައިވެރި ވާނެ ކަމަށެވެ.
ނިއުސްކޮންފަރެސްގައި ބައިވެރިވި ޤައުމީ ކޯޗް ޑިއޭގޯ ކްރިސިއާނީ ބުނީ، އީރާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ފުރަތަމަ ލެގުގައި އީރާނަށް ތަފާތު ބޮޑު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއަށް ވުރެ ދިވެހި ޓީމްގެ ފެންވަރު މާ ރަނގަޅު ކަމަށެވެ.
"ކުޑަ ނަތީޖާއަކުން އިރާން މޮޅުވެދާނެ. އެކަމަކު މާބޮޑު ތަފާތެއް އިރާނަށް ނެރެވޭނެ ހެންނެއް ހިއެއް ނުވޭ. ބަލި ޓީމެއް ކޮޅަށް މިހާރު 17 ލަނޑު ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ. އެކަމަކު ކުޑަ ޓީމެއް ބޮޑު ޓީމެއް ކައިރީގައި ހައިރާންކުރުވަނި ނަތީޖާއެއް ނެރުމުގެ ފުރުސަތު ބޮޑު،" އާޖެންޓީނާ ކޯޗް ކުރުސިއާނީ ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު ރޭ ތެހެރާނުގައި މަޑަގަސްކަރަ އަތުން 1-0 އިން އީރާން މޮޅުވި މެޗު ބެލުމަށް ފަހު މިވަގުތު މާލޭގައި ހުރި ގައުމީ ކޯޗް ކްރުސިއާނީ ބުނީ، އިރާންގެ ފަރާތުން ފެނުނީ ކުރިން ހީކުރި ވަރަށް ވުރެވެސް، ތަފާތު ކުޅުމެއް ކަމަށާއި މަޑަގަސްކަރައިގެ މައްޗަށް އީރާނަށް ކާމިޔާބު ހޯދުނީ ވަރަށް މަސައްކަތުން ކަމަށެވެ.
"މެޗުގައި އީރާނުން ކުޅުނީ ހަމަ އެ ޓީމުގެ އަސްލު ފެންވަރުގެ ކުޅުން. އިރާނާ ބަލާފައި ރާއްޖެ ކުޅުން ފުރިހަމަ. މާހަލުވި. ގަބޫލު ކުރަން އިރާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ރަނގަޅ ނަތީޖާއެއް ނެރެވޭނެ ކަމަށް" ކޯޗް ކުރުސިއާނީ ބުންޏެވެ.
މަޑަގަސްކަރައާ ދެކޮޅަށް އީރާނުގެ ކޯޗު ޕޯޗުގަލްގެ ކާލޮސް ކުއެރޮޒް ނެރުނު ޓީމުގައި ސްޕެއިންގެ އޮސަސޫނާއާ އަށް ކުޅޭ އީރާންގެ މިޑްފީލްޑަރު ޖާވަދު ނެކޫނަމް އާއި ބޯލްޓަން އާއި ފުލަމް އަށް ކުޅުނު މިޑްފީލްޑަރު އަންޑްރަނިކް ޓެމޫރިއަން ނުހިމަނަ އެވެ.
ކްރުސިއާނީ ބުނީ އަނިޔާގައި ހުރި ސަމްވީލް ގާސިމް )ބޮންޑާ( އަށް އީރާނާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި ކުޅެވޭނެ ކަމާމެދު އެއްޗެއް ބުނަން އެނގޭނީ މިރޭ އޮންނަ ޓީމުގެ ފަރިތަކުރުމަށް ފަހު ކަމަށެވެ. ވީބީގެ މިޑްފީލްޑަރު، އިއްޔެ އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް މިއަދުގެ ޓީމްގެ ޑޮކްޓަރު އަހުމަދު ސަކީބް ބުނީ، ބޮންޑާއަށް ލިބުނު އަނިޔާއަކީ މާސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.
ނޫސްކޮންފަރެސްގައި ބައިވެރިވި ކެޕްޓަން އަލީ އަޝްފާގު )ދަގަނޑޭ( ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކީ އީރާނާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކުރުން ކަމަށެވެ.
އިރާނާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ފަސްގަޑުގައި މި މަހުގެ 28 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ