ކަރަންޓުގެ ޚިދުމަތް ރަނގަޅުވީނަމަވެސް އަގަށް ބަދަލުނައުމަކީ ކަންބޮޑުވުމެއް: ރިލްވާން

ހއ. އިހަވަންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅުވި ކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތުން ނަގާ އަގު ބޮޑުވުމަކީ އާންމު ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް އެރަށުގެ ކައުންސިލް މެމްބަރު އަހުމަދު ރިލްވާން ވިދާޅުވެއްޖެއެވެ.
އިހަވަންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ހިންގާ ބޮޑު ޕްރެޖެކްޓްތެރޭ ހިމެނޭ، ފެނަކަ އައު އޮފީސް އިމާރާތެއް އެޅުމަށް، އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާތީ އައު އޮފީހުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ މެމްބަރު ރިލްވާން ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކަމުގައި ވީނަމަވެސް ކަރަންޓުން ނަގާ އަގަށް ބަދަލު ނާންނާތީ ރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށެވެ.
އެހެންނަމަވެސް ފެނަކައިގެ އެހެނިހެން ޚިދުމަތްތައް ދަނީ ވަރަށް ފުރިހަމައަށް ކަމަށާއި އެގޮތުން ނަރުދަމާ އަދި ބޯފެނުގެ ޚިދުމަތްވެސް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެނީ ފެނަކައިން ކަމަށް ރިލްވާން ވިދާޅުވިއެވެ.
ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދެމުން އައި ޚިދުމަތްތަކުގެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް މިވަގުތު ހުއްޓާލާފައި އޮތުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަކޮށް ރިލްވާން ވިދާޅުވީ، ރަށުގައި ކުނި ނެގުމުގެ މަސައްކަތްތައް ކައުންސިލުން މިހާރު ފަށާފައިވާ ކަމަށެވެ.
"ކުނިނެގުމުގެ ޚިދުމަތް ފެނަކައިން ހުއްޓާލީ މިއަހަރުގެ ތެރޭގަ. އެމަސައްކަތް ފެނަކައިން ހުއްޓާލީ ފެނަކައިގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަމަކަށް ނުވާތީކަމަށް މައުލޫމާތު ލިބެނީ. އެ ޚިދުމަތްތަކަށް ބޭނުންކުރި ވެހިކަލްތައްވެސް ހަލާކުވުމާ ގުޅިގެން. އޭރުގެ އެ ޚިދުމަތަކީ އެކަށީގެންވާ ޚިދުމަތެއްވެސް ނޫން. ފެނަކައިގެ ސީއެސްއާރުގެ ދަށުން ކުރި މަސައްކަތަކެއް އެއީ." ކައުންސިލް މެމްބަރު ރިލްވާން
ކުނި ނެގުން ހުއްޓާލި މައްސަަލައަކީ ކައުންސިލްގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަމަށް ނިމުމެއް ގެނައުމަށްޓަކައި ކައުންސިލުން ވަނީ ވެހިކަލް ހޯދުމަށްޓަކައި އިއުލާންވެސް ކޮށްފައި ކަމަށް ރިލްވާން ވިދާޅުވިއެވެ.
ފެނަކައިގެ އައު އޮފީސް އިމާރާތާއި ގުޅޭގޮތުން ރިލްވާން ވިދާޅުވީ އައު އޮފީހުގެ ސަބަބުން ތަނުގެ ޚިދުމަތްތަށް ފުޅާކުރެވި ކަސްޓަމަރުންނައި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ހޯދާއިދެވޭނެ ކަމަށެވެ.
އިމާރާތް އެޅުމަށް ބޭނުންވާ ބިން ކައުންސިލުން ނީ ހަމަޖައްސާދީފައިވާ ކަމަށާއި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރުގެ އިންޖީނުގޭގެ ހުޅަނގު އުތުރު ކަންމަތިން އާމިނާދިޔޯ ހެލްތް ސެންޓަރުގެ ކުރިމައްޗަށްވާ ގޮތަށް ކަމަށް ރިލްވާން ވިދާޅުވިއެވެ.
ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މިއަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތާއި، 150،000 ލީޓަރުގެ ތެޔޮ ތާނގިއެއް ހެދުމާއި، އައު އިންޖީނުގެއެއް ހެދުމާއި، 1 މެގަވޯޓުގެ އިންޖީނެއް ގެނައުމާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
އިހަވަންދޫގައި އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމްކޮށް ތަރައްގީ ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދަކަށްވާއިރު އެކަންކަން ފުރިހަމަވެގެންދާތީ ރަށުގެ ރައްޔިތުން އުފާކުރާ ކަމަށްވެސް ރިލްވާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ