ދެކުނު ކޮރެއާގެ ރައީސާ މަގާމުން ދުރުކުރުމަށް ކޯޓުން ތާއީދުކޮށްފި

ސޯލް (މާޗް 11): ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭ މަގާމުން ދުރުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ދިން ފަހުން އެގައުމުގެ ދުސްތޫރީ ކޯޓުން އެނިންމުމަށް ތާއީދުކޮށްފި އެވެ. ރައީސާ ޕާކް މަގާމުން ދުރުކޮށްފައި ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔެއް ކަމުގައިވާ ޗޮއި ސޫން ސިލް އެރަހްމަތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ފުރުސަތު ރައީސާ ޕާކް ދެއްވި ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ. އެ މައްސަލާގައި ޗޮއި ސޫން ސިލްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށް ޝަރީއަތް ފަށާފަ އެވެ. މީގެ އިތުރުން ރައީސާ ޕާކްގެ ރުހުން ހޯދުމަށް ސެމްސަންގްގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް (ޖޭ ލީ) އެކަމަނާ އަށާއި ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްއަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި އޭނާގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. ރައީސާ ޕާކްއާ ދެކޮޅަށް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އެކަމަނާ ވަކި އެއްޗެއް ވިދާޅުނުވާނެ ކަމަށް ރައީސްގެ އޮފީހުން ބުނެ އެވެ. ކޯޓުގެ ނިންމުމާ ގުޅިގެން ކުރިއަށް އޮތް 60 ދުވަސްތެރޭ އެ ގައުމުގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އަދި އޭގެ ސަބަބުން އެކަމަނާ އަށް ލިބިގެންވާ ހުރިހާ ރިޔާސީ އިމްތިޔާޒުތައް ގެއްލި، އެކަމަނާގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ އެވެ. އެމައްސަލައާ ގުޅިގެން ދެކުނު ކޮރެއާގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ރައީސާ ޕާކް އަކީ ވެރިކަމުގައި ހުއްޓާ މަގާމުން ދުރުކުރި ދެކުނު ކޮރެއާގެ ފުރަތަމަ ރައީސާ އެވެ. އެކަމަނާ މަގާމުން ދުރުކުރުމާ ގުޅިގެން ވެރިކަމުގެ ހުރިހާ ބާރުތަކާ ހަވާލުވެފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ވަން ކިޔޯ އާން އާ އެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ