މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރު ލަތީފް ސޮއިކުރެއްވި

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހިމެނޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ލަތީފް ސޮއިކުރެއްވި ނަމަވެސް، އެއީ މަސީހާ ދެކޮޅަށް ލަތީފްގެ ވޯޓު ލިބުން ނޫން ކަމަށެވެ.
މިހާރު ޕީޕީއެމުން ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ، މީގެ އިރުކޮޅެއް ކުރިން ލަތީފް އަށް ގުޅުއްވި ކަމަށާއި އެއީ "މާކުރިން ސޮއިކޮށްފައިވާ އެއްޗެއް" ކަމަށް ލަތީފް ވިދާޅުވި ކަމަށެވެ. އަދި އެއީ ހިތްހަމަނުޖެހުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށާއި މިހާރު އެކަމެއް ނެތް ކަަމށް ލަތީފްއާ ހަވާލާ ދެއްވައި ނިހާން ވިދާޅުވި އެވެ.
ލަތީފް ވަނީ މީގެ ކުރިން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ވެސް ގުޅިވަޑައިގެންފަ އެވެ. އެ ފެކްޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވެސް އެއް ފަހަރު ލަތީފް ބައިވެރިވެވަޑައިގަތެވެ. އެކަމަކު އެ ނިއުސް ކޮންފަރެންސް ބޭއްވިތާ 24 ގަޑިއިރު ނުވަނީސް ލަތީފް އަނބުރާ ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގަތެވެ.
މައުމޫންގެ ފަޅިއަށް އޭރު ލަތީފް އެރުމާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ވެސް އޭނާ ބޭރުކުރި އެވެ. އެކަމަކު އޭނާގެ ނިންމުން ބަދަލުކުރެއްވުމާ އެކު ފަހުން ވަނީ ވައިބާ ގުރޫޕަށް ވައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ