ސޯލް (ފެބްރުއަރީ 28) - ނޯތު ކޮރެއާގެ ލީޑަރުގެ އެއްބަފާ ބޭބެ ކިމް ޖޮން-ނަމް މަރާލުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކޮށްގެން ހޯދާ ނޯތު ކޮރެއާގެ ހަތަރު މީހުންނަކީ ޖާސޫސުން ކަމަށް ސައުތު ކޮރެއާގެ ޖާސޫސީ އެޖެންސީން ބުނެފި އެވެ.
ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެން މި މަހު 13 ވަނަ ދުވަހު މެލޭޝިއާ އެއާޕޯޓުގައި މަރާލީ އޭނާ މަކާއޫ އަށް ފުރަން ގޮސް ހުއްޓަ އެވެ. ކިމް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑޮނީޝިއާ އަންހެން މީހާ ބުނެފައި ވަނީ އޭނާ ލައްވާ ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅުމަށް ބަޔަކު އޭނާ އަށް 400 ރިންގިޓް (90 ޑޮލަރު) ދިން ކަމަށެވެ. އެއީ ޖަޕާން ނުވަތަ ކޮރެއާ މީހުންނާ ވައްތަރު ބައެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ކިމް މަރާލުމަށް ބޭނުންކޮށްފައި ވަނީ ވަރަށް ވިހަ ގަދަ ބާވަތެއް ކަމަށްވާ ވީއެކްސް ނާވް އެޖެންޓެކެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ވަނީ ނޯތު ކޮރެއާގެ ހަތަރު މީހަކު ހޯދަން މެލޭޝިއާ އިން ނޯޓިސް ނެރެފަ އެވެ. އެ ހަތަރު މީހުން މެލޭޝިއާ އިން ފުރައިގެން ދިޔައީ ކިމް މަރާލި ދުވަހު އެވެ.
ސައުތު ކޮރެއާގެ ޖާސޫސީ އެޖެންސީން ބުނީ މެލޭޝިއާ އިން ހޯދަން އިއުލާންކޮށްފައިވާ ނޯތު ކޮރެއާގެ ހަތަރު މީހުންނަކީ އެ ގައުމުގެ ސްޓޭޓް ސެކިއުރިޓީ މިނިސްޓްރީގެ އިންޓަލިޖެންސް އޮފިޝަލުންތަކެއް ކަމަށެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ކިމް މަރާލަން ބޭނުންކުރި ވިހައިގެ ބާރުގަދަވުމުގެ ސަބަބުން އޭނާގެ މޫނުގައި ވިހަ ހޭކިތާ 15-20 މިނިޓްތެރޭ ކިމް މަރުވެފައިވާ ކަމަށެވެ.
ކިމް މަރާލުމަށް އަންގަވާފައިވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ކަމަށް ސައުތު ކޮރެއާ އިން ވަނީ ބުނެފަ އެވެ. އަދި ކިމް ޖޮން-އުންގެ އަމުރަށް އެކަންކޮށްފައި ވަނީ ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީ އާއި ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީން ކަމަށް ވެސް ސައުތު ކޮރެއާ އިން ބުނެފައިވެ އެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ހޯދާ ނޯތު ކޮރެއާގެ ހަތަރު މީހުންނަކީ ޖާސޫސުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ