ސްކޫލުތަކުގެ މިޑް ޓާމް ޗުއްޓީ އަންނަ ހުކުރު ދުވަހު ފެށޭ އިރު އެއާލައިންތަކުގެ ޓިކެޓްގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
ޗުއްޓީ ތެރޭގައި ގިނަ ބަޔަކު ރާއްޖޭން ބޭރަށް ދަތުރުކުރާ އިރު އަވަށްޓެރި އިންޑިއާ އަށް އޮޕަރޭޓްކުރާ އެއާލައިންތަކުން ވަނީ ޓިކެޓްގެ އަގު ވަރަށް ބޮޑަށް މައްޗަށް ޖައްސައިފަ އެވެ. ދިވެހިންގެ ގިނަ ބަޔަކު ދަތުރުކުރާ ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. އަދި ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ބެންގަލޫރުގެ ޓިކެޓްގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނަ އަށް އުފުލިފަ އެވެ. 
"ކުރިން ބެންގަލޫރަށް ދެވޭ  290 ޑޮލަރުން. އެ ކަމު މިހާރު  400 ޑޮލަރުން ނޫނީ ސަލާމަތެއް ނުވާނެ. ގާތްގަނޑަކަށް އެ އަގުގައި މެލޭޝިއާ އަށް ވެސް ދެވޭނެ،" އާންމުންގެ މީހަކު ޝަކުވާކުރި އެވެ.
މި މަހުގެ  19 ވަނަ ދުވަހު ބެންގަލޫރަށް ގޮސް  25 ވަނަ ދުވަހު އެނބުރި އައުމަށް މިއަދު ޓިކެޓެއް ވިއްކާ އަގަކީ  413 ޑޮލަރު ( 5،307ރ.) އެވެ. ނަމަވެސް ކުރިން އަގު ހެޔޮ ފެއާގައި ބެންގަލޫރުގެ ރިޓާން ޓިކެޓެއް  288 ޑޮލަރަށް ވެސް ވިއްކާފައިވެ އެވެ.
އިންޑިއަން އެއާލައިންސްގެ ޓިކެޓް ވިއްކާ ވިލާ ޓްރެވެލްސް އިން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ ޓިކެޓްގެ އަގު އެހާ ބޮޑުވެފައިވަނީ ތިން މަސް ދުވަހުގެ ރިޓާން ފެއާ ނުލިބޭތީ ކަމަށެވެ.
"މިއީ އެއް އަހަރު ދުވަހުގެ ރިޓާން ޓިކެޓެއް. އެހެންވީމާ އަގު ބޮޑުވަނީ،" އޭނާ ބުންޏެވެ.
ބެންގަލޫރުގެ އިތުރުން ޓްރިވެންޑްރަމްގެ ޓިކެޓް ވެސް ވަނީ ބޮޑުވެފަ އެވެ. އަދި ރާއްޖޭގެ އެއާލައިން އައިލެންޑް އޭވިއޭޝަނުން މި ދުވަސްކޮޅު ޓިކެޓް ހޯދުން ވެސް ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ.
"އެންމެ އަވަހަށް ވެސް ލިބެން އަންނަނީ  24 އަށް،" އައިލެންޑް އޭވިއޭޝަނުން ފޯނު ނެގި މީހަކު ބުންޏެވެ.
    
    ސްކޫލް ބަންދާ ދިމާކޮށް އިންޑިއާ ޓިކެޓްގެ އަގުތައް މައްޗަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            