ހިޔާނާތްތަކެއް ކަމަށް ތުހުމަތުކުރެވޭ ބޮޑު ހަތަރު މައްސަލައެއް ބަލަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޯޕަރޭޓް އުސޫލުތަކާ ހިލާފަށް އެސްޓީއޯގެ ވަކަރުފަޅި ރިސޯޓު ވިއްކުމުގެ މައްސަލަ އާއި ސްޓެލްކޯގެ ބިލްޑިންގު އިމާރާތް ކުރުމާއި އެ މަސައްކަތް ހަވާލު ކުރުމުގައި ޓެންޑާ އުސޫލުތަކާ ހިލާފުވެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ތުނބަފަޅު ކިޔާ ފަޅު ރަށެއް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްޔަށް ދީފައިވާ މައްސަލަ މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ނަމިރާ އަގާސް ހޭލީސް ކިޔާ ކޮންސޯޓިއަމެއް މެދުވެރިކޮށް މި މަސައްކަތް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހުރި ކަމަށް ތުހުމަތު ކުރޭތީ އެ މައްސަލަ ވެސް ބަލަމުން ގެންދާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.
އެހެން ނަމަވެސް، މި މައްސަލަތަކާ ބެހޭ އިތުރު ތަފުސީލެއް އެ ކޮމިޝަނުން އަދި ނުދެ އެވެ.
ބޮޑު ހަތަރު މައްސަލައެއް ބަލަމުން އެބަދަން: ރިޔާސީ ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ