ސިޔާސީގޮތުން ހައްޔަރުކޮށްފައިވާ ފަރާތްތަކަށް އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ގޮވާލަން - މައުމޫން ފެކްޝަން

ކާނަލް މުހަންމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށާއި, ސިޔާސީގޮތުން ހައްޔަރު ކުރެވިފައިވާ މީހުންނާއި މެދު އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ޕީޕީއެމްގެ ރައީސް އޮފީހުން ގޮވާލައިފިއެވެ.
މައުމޫން ފެކްޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ބޭނުމަށް, މިނިވަން އިންސާފުވެރި ތަހުގީގެއް ނުހިންގާ ހުކުމްކޮށް ޖަލުގައާއި ގޭގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ހުރިހާ ފަރާތްތަކާއި އަދި ތަހުގީގު މަރުހަލާގައިވެސް އެތައް ފަރާތްތަކެއް ތިބިކަމުގެ މައުލޫމާތު މީޑިއާތަކުން ހާމަކުރާކަމަށާއި, އެ ހުރިހާ ފަރާތްތަކަށްވެސް މިނިވަން އިންސާފުވެރި ޝަރީޢަތެއްގެ ފުރުސަތު ވީހާވެސް އަވަހަކަށް ދިނުމަށް ގޮވާލާކަމަށެވެ.
މުޙައްމަދު ނާޒިމްގެ މައްޗަށް ސަރުކާރުން ދައުވާކުރުމާއެކު، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް ހައްޔަރުކޮށްފައިވާ މައްސަލަ، އެމަނިކުފާނުގެ ފަރާތްޕުޅުން އ.ދގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުއްވުމާއި ގުޅިގެން އެ މައްސަލަ ބެއްލެވުމަށްފަހު އެމަނިކުފާނު ހައްޔަރުކޮށްފައި އެވަނީ ޤާނޫނާއި ޚިލާފަށްކަމާއި އަދި އެމަނިކުފާނު ވަގުތުން މިނިވަންކޮށް އަދި ގެއްލުމުގެ ބަދަލު ލިއްބައިދިނުމަށް އ.ދގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއިން ނިންމަވައި ސަރުކާރަށް ވަނީ އަންގަވާފައެވެ.
އ.ދގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނުން އެމައްސަލަ ނިންމެވުމުގަ ފާހަގަކުރައްވާފައިވަނީ ސަރުކާރުން ކާނަލް ނާޒިމް ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތިކަމަށާއި އަދި އިންސާފްވެރި ޝަރީއަތެއްގެ ހަމަތަކުގެ މަތިން ނޫންކަމަށެވެ.
އދ. ގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނުން ވިދާޅުވަނީ އދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ މުއާހަދާގެ 3ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، އަދި 21 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފް ހައްޔަރުކުރުމެއްކަމަށެވެ. ހަމައެފަދައިން އެ ހައްޔަރުކުރުމަކީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއިބެހޭ ބައިނަލްއަޤުވާމީ މުއާހަދާގެ 9 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، އަދި 25 ވަނަ މާއްދާ އާވެސް ކަނޑައެޅިގެން ޚިލާފް ހައްޔަރެއްކަމަށެވެ.
އެހެންކަމުން ކާނަލް (ރިޓަޔަރޑް) ނާޒިމް ވަގުތުން މިނިވަންކުރުމަށާއި އަދި ނުޙައްޤުން ހައްޔަރުކޮށްފައިވުމުގެ ސަބަބުން އެމަނިކުފާނަށް ޙައްޤު ބަދަލު ލިއްބައިދިނުމަށްވެސް އ.ދގެ ވޯރކިންގ ގްރޫޕުން ސަރުކާރަށް އަންގާފައިވެއެވެ.
އެހެންކަމުން, ދިވެހިރާއްޖެއަކީ އދ. ގެ މެންބަރު ގައުމަކަށް ވުމުން ރާއްޖެއިން އދ. ގެ ނިންމުންތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ޕީޕީއެމް ރައީސް އޮފީހުން ބުނެއެވެ. އަދި "މިހިންދުން މިހިނދަށް" ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލަ މުހަންމަދު ނާޒިމް މިނިވަންކުރުމަށް ރައީސް މައުމޫނުގެ ފެކްޝަނުން ވަނީ ގޮވާލާފައެވެ.
އދ. ގެ މިނިންމުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި, ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދު ވެސް ލިބިފައި ވާކަން އެދެބޭފުޅުނ ވަނީ ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ