އަމާޒަކީ އަޅުގަނޑުމެންގެ ފަހަތުން އެހެން ޕާޓީތައް އައުން: ޑރ. މުނައްވަރު

އިލެކްޝަންސް ކޮމިޝަންގައި އިއްޔެ ރަޖިސްޓްރީކުރި ޑރ. މުހައްމަދު މުނައްވަރުގެ "މޯލްޑިސް ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) ގެ އަމާޒަކީ އެހެން ސިޔާސީ ޕާޓީތައް އެ ޕާޓީގެ ފަހަތުން އައުން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން އެހެން ޕާޓީތަކުގެ ފަހަތުން ދިއުމެއް ނޫން ބޭނުމަކީ. އަމާޒަކީ އެހެން ޕާޓީތަކުން އަޅުގަނޑުމެން ކައިރިއަށް އައުން. އަޅުގަނޑުމެންގެ މި ޕާޓީ އެހާ ވަރުގަދަ ކުރަން އަޅުގަނޑު ބޭނުންވޭ،" ކުރީގެ ބަންޑާރަ ނާއިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއާރުއެމް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރަން ފެށޭވަރުވާނެ ކަމަށް ލަފާކުރަނީ 3- 6 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.
"އެހެންވީމަ އަދި އަޅުގަނޑުމެން އެއްވެސް ފަޅިއެއް ނޫން. އަދި ހަމަ މަސައްކަތް ކުރަނީ އިދާރީ ގޮތުން ޕާޓީ ރަނގަޅު ކުރުމަށް. އިދާރީ މަސައްކަތްތަކެއް ކުރާނީ. ރަނގަޅަށް ޕާޓީ ހިނގައިގަތީމަ އެހެން ޕާޓީތަކުން އަޅުގަނޑުމެންގެ ފަޅި ނަގާނީ އައިސް. އެހާ ސްޓްރޯންގް ކުރަން އަޅުގަނޑު ބޭނުން މި ޕާޓީ،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޑރ. މުނައްވަރު ވިދާޅުވީ އެމްއާރުއެމްއާ މެދު އޭނާގެ އިތުބާރު އަދި އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.
އެމްއާރުއެމް އުފެއްދުމުގެ މަސައްކަތުގެ ދުވަސްވަރު އޭނާ ވިދާޅުވެފައި ވަނީ އެ ޕާޓީ އުފެއްދުމުގެ މަގުސަދަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ.
"ކެނެރީގޭ މުހައްމަދު ނަޝީދު ވިދާޅުވާ އަޑު ތިޔަ ބޭފުޅުން އައްސަވާފައި އޮންނާނީ، އެމްޑީޕީ ހަދައިގެން އެމްޑީޕީގައި މަސައްކަތް ކުރިއިރުގައި، ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން ކޮށްދޭނެ އެންމެ މުހިންމު ކަމަކީ މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިންމާލުމޭ. އަޅުގަނޑު މިހާރު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން އެމްއާރުއެމް ހަދައިގެން، ދިވެހި ރައްޔިތުންގެ އިސްލާހީ ހަރަކާތް ހަދައިގެން އަޅުގަނޑުމެން މި ނުކުންނަނީ އެ މަގުސަދުގައޭ. އަޅުގަނޑުމެންނަށް މިހާރު ދިވެހިރާއްޖެއަށް އިސްލާހީ ބަދަލެއް ގެނެވޭނީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނެސްގެންނޭ،" އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ޑރ. މުނައްވަރު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ނިންމާލުމަށް ބޭނުންވަނީ 2013 ގައި ނޫން ކަމަށާއި އެއަށް ވުރެ ކުރިން އެ ވެރިކަން ނިންމާލަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ