ވައިކަރަދޫގައި ކަރަންޓް ދޭ ޖަމިއްޔާ އުވާނުލުމަށް ހޯމް މިނިސްޓްރީ އަށް އަމުރުކޮށްފި

ހދ. ވައިކަރަދޫ އިންޖީނުގޭގެ މިލްކުވެރިކަން ހޯދުމަށް އެ ރަށު ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން، ކަރަންޓް ދެމުން ދިޔަ ވިނަރެސް ޖަމިއްޔާ އުވާނުލުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އެރަށު ކޯޓުން އަމުރުކޮށްފި އެވެ.
މީގެ 22 އަހަރު ކުރިން ފެށިގެން ވައިކަރަދޫގައި ކަރަންޓުގެ ހިދުމަތްދެމުން އައި ވިނަރެސް ޖަމިއްޔާއިން ހިންގާ ހުރިހާ ހަރަކާތްތަކެއް ހުއްޓާލައި މި މަހުގެ 30 ގައި އެ ޖަމިއްޔާ އުވާލުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކޯޓުން ރޭ ބުނެފައި ވަނީ ޖަމިއްޔާ އުވާލުމަށް ހޯމް މިނިސްޓްރީން ގޮތެއް ކަނޑައަޅަން ޖެހޭނީ ކޯޓުން މައްސަލަ ބަލައި ނިމުމުން ކަމަށެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވި ގޮތުގައި ކޯޓު އަމުރާ އެއްގޮތަށް ރޭ ވަނީ އެ ރަށަށް ކަރަންޓް ދޫކޮށްފަ އެވެ. އަދި ރަށުގެ ހާލަތު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓަށް ހުށަހަޅާފައިވާ އިންޖީނުގޭގެ މިލްކުވެރިކަމާ ބެހޭ މައްސަލަ ބަލައި ނުނިމެނީސް އިންޖީނުގޭގެ މިލްކިއްޔާތުގައިވާ ތަކެތީގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެ އަމުރުގައި ވަނީ އިންޖީނުގެ ހިންގަން ބޭނުންވާ ފިއުލް ވިނަރެސް ޕަވާ ހައުސްގައި ނެތް ނަމަ، ފިއުލް ވައިކަރަދޫ ކައުންސިލުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓުން ވަކި ގޮތެއް ނިންމަންދެން ވިނަރެސް ޖަމިއްޔާ އިން އިންޖީނުގެ ކުރިން ހިންގަމުން ދިޔަ ގޮތަށް ހިންގުމަށް ވެސް އެދިފައިވެ އެވެ.
ވައިކަރަދޫ އިންޖީނުގޭގެ މައްސަލަ ނުކުތީ "ހަވީރަ"ށް އެނގިފައިވާ ގޮތުގައި، ރަށު ކައުންސިލުން އެތަން ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރަން ނިންމުމުންނެވެ. ޖަމިއްޔާ އިން ބޭނުންވަނީ ބަދަލު ނުދީ އެތަން އެއްވެސް ބަޔަކާ ހަވާލުނުކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ