ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިއާ އަޅާބަލާއިރު، މިއަދު ރާއްޖޭގެ މަގުތައް އަމާންވާނެ ކަމާ މެދު ދެބަސްވާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޓްޓެޖިކް ޕްލޭން އިފްތިތާހު ކުރެއްވުމަށްފަހު މިރޭ މާލޭ ޖަލުގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުން މިއަދު ވިދާޅުވާންޖެހޭނީ ވަޅިހެރުމުގެ މައްސަލަތައް މިއަދު މަދުވެއްޖެ ކަމުގައި ކަމަށެވެ. ހަމައެންމެ ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި ފެނިއްޖެ ކަމަށް ވެސް ވާދަވެރިން ބުނަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުން ވެސް ވިދާޅުވާންޖެހޭނީ މިއަދު މަގުތަކުގައި ވަޅިހަރާ އަދަދު މަދޭ. މިއަދު މީހުން މަރާ އަދަދު މަދޭ. މިއަދު ކުށްކުރާ އަދަދު މަދޭ. ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި ފެނިއްޖެއޭ،" އުމަރު ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުން ކުރައްވާ ބުރަ އަދި އަގުހުރި މަސައްކަތް ފާހަގަކޮށް އުމަރު މިރޭ ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ މަގުތައް އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންނެކޭ އެއްފަދައިން ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުން ވެސް މުހިންމު ރޯލެއް އަދާކުރައްވާފައިވާ ކަމަށެވެ.
މިއަހަރު ނިމުމާ އެކު މިއަހަރުގެ ތެރޭގައި ހިނގި ކުށުގެ ތަފާސް ހިސާބުތައް އާންމު ކުރައްވާނެ ކަމަށާއި ބޮޑެތި ކުށްކުރުމުން މީހުން ދުރުވެއްޖެކަން އެ ބެއްލެވުމުން އެނގިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްފަހުން މަގުތައް އަމާންވެއްޖެކަމާ މެދު ދެބަސްވާނެ މީހަކު ނެތް - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ