އިސްލާހީ އެޖެންޑާގެ ފަހަތުގައި ސިޔާސީ ކަމެއް ނެތް: މައުމޫން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އިސްލާހު ކުރުމަށް ހާއްސަ އެޖެންޑާއެއް އެކުލަވާލީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ނޫން ކަމަށް ޕީޕީއެމްގެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އަހްލާގު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެޕާޓީ އިސްލާހުކުރުމަށް އެމަނިކުފާނު އިސްވެ ހާއްސަ މަސައްކަތްތަކެއް ފެއްޓެވުމާ ގުޅިގެން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އަމާޒުކުރައްވަމުން ގެންދަވާ ފާޑު ކިޔުންތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހީ މަސައްކަތްތަކެއް ފެށުމުގެ ފަހަތުގައި ސިޔާސީ އެއްވެސް މަގުސަދެއް ކަމަށެވެ. އަދި ޕާޓީ އިސްލާހުކުރުމުގެ މަަސައްކަތް ފެށީ ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓައި އިހްތިރާމް ކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޕީޕީއެމްގެ އަމަލުތައް މިއަދު ހުރި ގޮތުން ޕާޓީއަށާއި ގައުމަށް ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެހެންކަމުން ޕާޓީގެ އެތެރޭގައި އިސްލާހު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން އެމަނިކުފާނަށް ގަބޫލުކުރެވޭތީ ޕާޓީ އިސްލާހު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހިމެނޭ ގޮތަށް މި މަސައްކަތް ކުރުމަށް އަށް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގައި ހުރި މައްސަލަތައް އިސްލާހުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއްޖެ ކަމަށެވެ. ނަމަވެސް އެކަމުން މާބޮޑު ކުރިއެރުމުން ފެނިވަޑައިނުގަތުމުން އިސްލާހީ ޕްރޮގްރާމެއް ފަށަންޖެހުނީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހީ ޕްރޮގްރާމްގެ މަގުސަދަކީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީ އަލުން ހިންގުމަށް ރުޖޫއަކުރުން ކަމަށެވެ. ޕީޕީއެމް އިސްލާހުކުރުމަށް ފަށާފައިވާ ޕްރޮގްރާމަށް ޕާޓީގެ ގުނަންތަކާއި ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއަށް މިވަގުތު މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް މައްސަލަތައް ހައްލުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑު ނުގުނޑާ އަޒުމެއްގައި މިމަސައްކަތުގައި ހުންނާނަން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ