މުޖުތަމައުގައި ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރު ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށްބުނެ ސުޕްރީމް ކޯޓުން އިންޒާރު ދީފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މުޖުތަމައުގެ އެކިއެކި ފަރުދުންގެ މެދުގައާއި، ފަރުދުންނާއި ދައުލަތާ ދެމެދުގައި އުފެދޭ ދެބަސްވުންތަކާއި ހުސޫމަތްތައް ހައްލުކޮށްދީ، ގާނޫނުގައި ކަން އޮތްގޮތް ބަޔާންކޮށްދޭ ފަރާތަކީ ގާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގެ ކޯޓުތައް ކަމަށެވެ.
ކޯޓުތަކުގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތަކީ އެ ނިންމުންތައް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
ނަމަވެސް ފަހަކަށް އައިސް އެ އުސޫލާ ޚިލާފަށް، ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރުމަކާ ނުލައި ނުވަތަ އިސްތިއުނާފުގެ މަރުހަލާތައް ނިމި ހުކުމްތައް އިގުރާރުވެފައި އޮތުމާއެކުވެސް ހުކުމްތަކުގައި އޮޅުންނާރާފަދަ ސާފުބަހުން ބުނެފައިވާ ކަންތައްތައް ބައެއް ކަހަލަ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އޮޅުވާލައިގެންނާއި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ބައެއް ފަރާތްތަކުން މާނަކުރަމުންދާ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"މިކަމަކީ ދިވެހި މުޖުތަމައުގެ އަމްނު އަމާންކަމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ ކަމެކެވެ" ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
އަދި ބުނެފައިވަނީ ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތަށް ވެފައި، ރާއްޖޭގައި ގާނޫނުގެ ހުކުމް ނެގެހެއްޓުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކަށް ވާތީއާއި، ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއްގައި ޖެހި ދިވެހި ގައުމު އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދިމިގްރާތީ ވެށި ހިމާޔަތް ކުރުމަށްޓަކައި، ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއް އެއްވެސް މަގުސަދަކަށްޓަކައި މުޖުތަމައުގައި ފަތުރާ ކޮންމެ ފަރާތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
"އަދި އެފަދަ އަމަލެއް ކުރި ފަރާތަކީ ގާނޫނީ ވަކީލެއްނަމަ އެފަރާތެއްގެ ވަކާލާތުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލްކުރެވޭނެކަން އާންމުކޮށް އެންގީމެވެ" ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
ގާނޫނަށް ބޯނުލަނބާ މީހުންނަށް ސުޕްރީމް ކޯޓުގެ އިންޒާރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ