ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެެ.
ރައީސް މައުމޫން މިިދިޔަ މަހުގެ 31 ވަަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވީ "އިންޑިއަން އޯޝަން ކޮންފަރެންސް"ގައި ބައިވެރިވުމަށް އެރުވި ދައުވަތަކާއި ގުޅިގެން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިކޮންފަރެންސް ކުރިއަށް ދިޔައީ މިމަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު އެވެ.
ރައީސް މައުމޫން މިރޭ 10:30 ހާއިރު އިއްޒުއްދީން ފާލަމުން މާލެއަށް ފައިބާވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވީ އާއިލާގެ ބައެއް ބޭފުޅުންނާ ޕީޕީއެމްގައި ތިއްބެވި ރައީސް މައުމޫންގެ ސަޕޯޓަރުންނެވެ.
ރައީސް މައުމޫން މީގެ ކުރިން ބޭރުގެ މިފަދަ ރަސްމިއްޔާތު ތަކުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ އާންމު ގޮތެއްގައި ބައްދަލުކުރައްވަ އެވެ. ނަމަވެސް މިރޭ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.
އިންޑިއަން އޯޝަން ކޮންފަރެންސްގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޒުވާނުން އައިއެސްއާ ގުޅިގެން ހަނގުރާމަކުރުމަށް ދިއުމާ ބެހޭ ގޮތުން ބޭރުގެ ނޫސްތަކުގައި ހަބަރުތައް ޖަހަނީ ކަންހިނގަމުންދާ ގޮތް މާބޮޑުކޮށްލައިގެން ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މިހަރަކާތަކީ ރާއްޖެ ފިޔަވައި ވަރަށް ގިނަ އެހެން ގައުމުތަކުގައިވެސް ހިނގަމުންދާ ހަރަކާތެއް ކަމަށާއި ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އިސްލާމްދީނަކީ ސުލްހައަށް ގޮވާލާ ދީނެއް ކަމަށާއި، އައިއެސްއިން ހިންގަމުންގެންދާ ފަދަ ލާއިންސާނީ ޖަރީމާތަކަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ މިދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރުން ރަނިލް ވިކްރަމަ ސިންހައާއި އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ ނެޝަނަލް ޖެނަރަލް ސެކްރެޓަރީ ރާމް މާދަވްއާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.
ރައީސް މައުމޫން ސިންގަޕޫރުގައި ހުންނަވަނިކޮށް މަޝްހޫރު ނިއުސް އެޖެންސީ އަލްޖަޒީރާގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މައުމޫން އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރައީސް މައުމޫނަށް ފައިސާ ދެއްވުމަށް އެމަނިކުފާނު ހުށަހެޅުއްވުމުން ރައީސް ނަޝީދު 50000 އެމެރިކާ ޑޮލަރު ރައީސް މައުމޫނަށް ދެއްވާފައިވާ ކަަމަށްވެސް ނޫހުގައިވެ އެވެ. ނަމަވެސް ދެ ރައީސުން ވެސް ވަނީ މި ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ރައީސް މައުމޫން މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ