މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިނުވާން މައުމޫން ނިންމަވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ބައިވެރިވެވަޑައި ނުގަންނަވަން ނިންމަވައިފި އެވެ.
އިތުބާރުހުރި ފަރާތަކުން ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަހަރު ބާއްވާ ރަސްމީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވެވަޑައިނުގަތުމަށް ރައީސް މައުމޫނު ނިންމަވާފައިވާ ކަަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފުސީލެއް އޭދާ ނުދެއްވަ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މިރޭ 12:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރަސްމިއްޔާތަށް މައުމޫނަށް ދައުވަތު އަރުވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިހަފުލާގައިވެސް އަދި މާދަމާ ރޭ ބާއްވާ މިނިވަން ދުވަހުގެ ރަސްމީ ޖާފަތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވީނިއުސްއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ޖުލައި 26ގެ ބަންދާއި ދިމާކޮށް މައުމޫނު ވަޑައިގަންނަވާނީ ރާއްޖެއިން ބޭރަށެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމުގެ އަޑުފެތުރިފައިވާއިރު ޕީޕީއެމްގެ ތެރޭގައި މިދުވަސްވަރު ވަނީ ބޮޑު ކޯޅުން ގަނޑެއް އުފެދިފަ އެވެ. އަދި އެކަމާއި ގުޅިގެން ރައީސް މައުމޫނު ވަނީ މައްސަލަތައް ހައްލުކުރުމަށް އިސްލާހީ އެޖެންޑާއެއް އެކުލަވާލައި މަޝްވަރާއަށް ގޮވާލައްވާފަ އެވެ. ނަމަވެސް ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުންދަނީ މައުމޫނުގެ އިސްލާހީ އެ އެޖެންޑާއަކީ މިހާރުވެސް ފެއިލްވެފައިވާ މަސައްކަތެއް ކަމަށެވެ. އެކަމަކު ކުރީގެ ރައީސް މައުމޫނު ގެންދަވަނީ ޕީޕީއެމްގެ ތެރޭގައި މައްސަލަތަށް ހައްލުކުރަން އޮތް ހަމައެކަނި ހައްލަކީ އިސްލާހީ އެޖެންޑާއާއި ގުޅިގެން މަސައްކަތްކޮށް މަޝްވަރާގެ މަގު ހިޔާރުކުރުން ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ