މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މީގެ ކުޑައިރުކޮޅެއް ކުރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ޒިއަތު ހައްޔަރުކޮށްފައި މިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތިން ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވަނިކޮށެވެ.
ފުލުހުން ބަލަމުން ގެންދަނީ ޒިއަތާއި ގުޅޭކޮށް މައްސަލައެއްކަން ހާމަކޮށްފައި ނުވާއިރު މީގެ ކުރިން ޒިއަތު ދިރިއުޅުއްވާ ހ ހިޔާކޯޅިއާއި، އެމްއެމްޕީއާރްސީގެ އޮފީސްވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. މިވަގުތުވެސް އެމްއެމްޕީއާރުސީގެ އޮފީސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ކުއްލިގޮތަކަށް ޒިއަތު ހައްޔަރުކޮށްފައިވާއިރު ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހްގީގްކުރަމުންނެވެ. މި މައްސަލާގައި ބައެއް ފަރާތްތަކުން ނައިބް ރައީސް އަހްމަދު އަދީބަށް ތުހުމަތުތަކެއް ކުރަމުން ގެންދާއިރު ޒިއަތަކީ އަދީބްގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޒިއަތު ހައްޔަރުކޮށްފައި މިވަނީ މާދަމާގެ ވަގުތެއްގައި ނައިބު ރައީސް އަހްމަދު އަދީބު މާލެ ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ. އަދި ކުޑަކުދިން ކުޅޭ ތަކެތި ކަމަށް ބުނެ އެމްއެމްޕީއާރުސީގެ ނަމުގަައި ރާއްޖެއަށް އެތެރެކޮށްފައިވާ ބަޑިބޭސްތަކެއްގެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ ވަގުތެއްގަ އެވެ.
ރިޔާސީ ލޯންޗްކޮޅުގެ މައްސަލަ ތަހްގީގް ކުރިއަށްދާއިރު މި ހަމަލާއަކީ ރައީސް އަވަހަރާކޮށްލައި ރާއްޖޭގެ ވެރިކަން ހޯދުމަށް ބަޔަކު ހިންގާފައިވާ ކަމެއްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާދިސާއަށްފަހު ކުރިއަށް ގެންދާ ތަހްގީގު ތަކުގައި މިހާތަނަށް ފާސްކޮށް ބަލަމުން ގެންދަނީ ނައިބު ރައީސް އަދީބާއި ގުޅުންހުރި ތަންތަނާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ގެކޮޅުތަކާއި އޮފީސްތަކެވެ. ނަމަވެސް ލޯންޗުގެ ހަމަލާއާއި އެމަނިކުފާ ގުޅުމެއްވާ ކަމަށް ދެކެވޭ ވާހަކަތައް އަދީބު ވަނީ ދޮގުކުރައްވާފަ އެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ