ދާއިރާއަށް އަސާސީ ބޮޑެތި ޚިދުމަތްތައް ހިތްހަމަޖެހޭ ވަރަށް ގާއިމްކުރެވިއްޖެ: މެމްބަރު އީސަ

ކެނދިކުޅުދޫ ދާއިރާގެ ހުރިހާ ރަށެއްގައިވެސް އަސާސީ ބޮޑެތި ޚިދުމަތްތައް ހިތްހަމަޖެހޭ ވަރަށް ގާއިމްކުރެވިއްޖެ ކަމަށް އެ ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާއަށް ލިބުނު ކުރިއެރުންތަކާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އަސާސީ ބޮޑެތި ޚިދުމަތްތައް ހިތްހަމަޖެހޭ މިންވަރަށް ގާއިމްކުރެވިއްޖެ ކަމަށާއި ނަމަވެސް ބައެއް ރަށްރަށުގަ ފެނާއި ނަރުދަމާގެ މަސައްކަތް އަދި އެއްކޮށް ނުނިމި އެބަހުރި ކަމަށެވެ.
އެ މަސައްކަތް ނުނިމި ދެ ރަށެއްވާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ފެނާއި ނަރުދާމެ މަސައްކަތުގެ 80 އިންސައްތައިގެ މަސައްކަތް ހިނގަމުންދާ ރަށަކާއި 95 އިންސައްތައިގެ މަސައްކަތް ހިނގަމުންދާ ރަށެއް އެބައޮތް ކަމަށެވެ.
ކުޑަފަރި ފިޔަވައި ދާއިރާގެ އެހެން ރަށްރަށުގެ ސިއްޚީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ މެމްބަރު ވަނީ ކުޑަފަރި ސިއްޚީ މަރުކަޒުގެ މަސައްކަތް މިހާރު އޮތީ ޓެންޑާ ކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވެފައެވެ.
މެމްބަރު ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވި އަސާސީ ޚިދުމަތްތައް ދާއިރާއަށް ހޯދައިދެވިއްޖެ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ތަރައްގީގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އުންމީދަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ބާކީ ހުރި ހުރިހާ ޕްރޮޖެކްޓެއް ނިންމާލެވޭނެ ކަމަށްވެސް އީސަ ވިދާޅުވިއެވެ.
މީގެ ކުރިން ކެނދިކުޅުދޫ ދާއިރާގެ އެއްވެސް ރަށެއްގެ ރައްޔިތުންނަށް އަތޮޅުވެރިކަންކުރާ ރަށަށް ގޮސްގެންނޫނީ އޭޓީއެމްގެ ޚިދުމަތް ލިބިފައިނުވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު އީސަ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައިވެސް އުންމީދު ނުކުރާހާ މިންވަރަށް ގިނަ މަސައްކަތް ފަސް އަހަރެއްގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާއަށް ކުރެވިއްޖެ ކަމަށެވެ.
ރައީސް ސާލިހަކީ އާބާދީ ގޮތުން ކުޑަ ރަށްތައް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ވެރިއެއް ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ގާއިމްކުރަން އަގު ބޮޑު އަސާސީ ޚިދުމަތްތައް ލިބުނު ފަސް އަހަރެއްގެ ގޮތުގައި މެމްބަރު އީސަ ވަނި ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ