ބަޖެޓުން ކަށަވަރުކޮށްދެނީ ހަމަހަމަކަން: މެމްބަރު މީކާޢީލް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުން ކަށަވަރުކޮށްދެނީ ހަމަހަކަން ކަމަށް ގަލޮޅު އުތުރު ދާޢިރާގެ މެމްބަރު މީކާޢީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާޢީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދަޢުރުގެ 34 ވަނަ ޖަލްސާގައި ބަޖެޓަށް ބަހުސްކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
އަހަރަކަށްވުރެ އަހަރަކު ސިއްޙީ ނިޒާމަށް ދަޢުލަތުންކުރާ ހޭދަ ބޮޑުކަން ފާހަގަކުރައްވާ މިފަހަރުގެ ބަޖެޓްގެ 5 ބިލިއަން ރުފިޔާ ސިއްޙަތަށް ޚާއްޞަކުރުމުން ކޮންމެ ދިވެހިރައްޔިތެއްގެ ބޭސްފަރުވާ ދަޢުލަތުން ކަށަވަރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެ ކަމަށްވެސް މީކާޢީލް ވިދާޅުވިއެވެ.
އަދި އެއްޕަސެންޓުގައި ސްޓޫޑަންޓް ލޯނުން ކިޔެވުމާއި ހިލޭ ޑިގްރީއަށް ކިޔެވުމުގެ އިންތިޒާމު މިހާރުވެސް ހަމަޖައްސާދީފައިވާ ކަމަށް ވިދާޅުވެ މީކާޢީލް ވަނީ މިބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްފައިވާ 4.6 ބިލިއަން ރުފިޔާއިން ކޮންމެ ދިވެހިރައްޔިތަކަށް ތަޢުލީމުގެ ފުރުޞަތު އިތުރަށް ކަށަވަރުވެގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއިމެދު ވާހަކަ ދައްކަވަމުން މާލޭގެ ރައްޔިތެއްގެ ހައިސިއްޔަތުން ބަޖެޓުން ޢުއްމީދު ލިބޭކަމަށް މީކާޢީލް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި 6000 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓްކުރެވިފައިވާއިރު ހުޅުމާލެ ގުޅީފަޅު އަދި ގިރާވަރު ފަޅުން 5000 ގޯތި ރައްޔިތުންނަށް ދިނުމަށް ނިންމުމުން އެކަމާއިމެދު މީކާޢީލް ވަނީ ސަރުކާރަށް މަރުޚަބާ ވިދާޅުވެފައެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތު އޮތީ ވަރަށް ދަށް ފަންތިއެއްގައިކަން ފާހަގަކުރައްވާ މީކާޢީލް ވިދާޅުވީ ސިނަމާލެ އަދި މާލެހިޔާގެ މަރާމާތަށް މިފަހަރުގެ ބަޖެޓުގައި 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚާއްޞަކޮށްފައިވީނަމަވެސް އެތަންތާގައި ދިރިއުޅޭ ރަށްޔިތުންނަށް ދާޢިމީ ޙައްލެއް ސަރުކާރުން ހޯދައިދޭން ޖެހޭކަން ޤަބޫލުކުރައްވާ ކަމަށެވެ.
ޖުމްލަކޮށް މި ބަޖެޓަކީ ޢުއްމީދު ލިއްބައިދޭ ބަޖެޓެއް ކަމަށާއި ދިވެހިރައްޔިތުންގެ ދިރިއުޅުން މިއަހަރަށް ވުރެ އަަންނަ އަހަރު ރަނގަޅު ކުރުމަށް ބަޖެޓުން ބާރުއަޅައިދޭ ކަމަށްވެސް މީކާޢީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ