މެމްބަރު މުއިއްޒު ވެސް ރައީސްގެ ފެކްޝަނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި, ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އޮތްކަން ހާމަކުރައްވައިފިއެވެ.
މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި, ރައީސް ޞާލިޙާއެކު އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ރައީސް އާއި ނަޝީދުގެ ފެކްޝަންގެ ތެރެއިން މުއިއްޒު ފެށުނީއްސުރެ ހުންނެވީ ނަޝީދު ފަޅީގައިކަން ފާހަގަކޮށްލެވެއެވެ.
ނަޝީދާ އެކު ތިއްބެވި އެހެން ގިނަ މެމްބަރުންތަކެއް ވެސް ވަނީ، ރިޔާސީ ޕްރައިމަރީގެ ކުރިން ރައީސް ޞާލިޙަށް ތާއީދުކުރައްވައި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވައިފައެވެ. އިންތިޚާބަށްފަހު ކޮޅު ބަދަލު ކުރެއްވި ފުރަތަމަ މެންބަރަކީ މުއިއްޒެވެ.
އިންތިޚާބުގެ ކުރިން ކޮޅު ބަދަލު ކުރެއްވި މެންބަރުންގެ ތެރޭގައި ނަޝީދާ އަރިސް މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙްމަދު ހިމެނެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ކާމިޔާބު ކުރެއްވީ ޕްރައިމަރީ އިންތިހާބުން 61 ޕަސެންޓު ކާމިޔާބު ކުރައްވައިގެންނެވެ. އިންތިޚާބުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.  އެމްޑީޕީގެ އިންތިޚާބުގައި އެ ޕާޓީގެ 71 ޕަސެންޓު މެމްބަރުން ވޯޓުލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ