''އެމްއެންޕީ ވެރިކަމެއްގައި އެކަށޭނަ އާމްދަނީ ނުލިބޭ މީހުންނަށް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ލުއިގޮތްތަކެއް''

މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ވެރިކަމެއްގައި ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ފެނާއި ކަރަންޓް ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގައި ހުންނަ އެމްއެންޕީގެ މައި ޖަގަހާގައި ރޭ ''ރައްޔިތުންގެ އުދާސް'' ނަމުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ފުދުންތެރިކަމުގެ ވާހަކަ ދައްކާއިރު ފެނާއި ކަރަންޓަށް ވެސް ރައްޔިތުން ވަރަށް ބޮޑު ހޭދައެއްކުރަމުންދާކަން ފާހަގަކޮށްލަން ޖެހޭކަމަށެވެ.
ފެނާއި ކަރަންޓަކީ ވަރަށްބޮޑު ހޭދައެއްކުރާ ކަންކަން ކަމަށާއި، އެމްއެންޕީއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައިރު އެވްރެޖްކޮށް މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ފެނާއި ކަރަންޓަށް ހޭދަކުރާ ކަމަށް ވިދާޅުވިއެވެ.
''ދިރާސާއިން ގަބޫލުކިރެވޭ މިއަށް ހައްލެއް ގެނެވިދާނެ ކަމަށް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ލުއިގޮތްތަކެއް ހަދައިދޭނަން'' ނާޒިމް ވިދާޅުވިއެވެ.
އެ ދެ ޚިދުމަތަކީ ވެސް އަސާސީ ޚިދުމަތްތައް ކަމަށްވީއިރު، ފުދުންތެރިކަން ނެތް މީހުންނާއި، މުއްސަނދިންނަށް ވެސް އެކަމަށް އެއް ހަމައެއްގައި ހޭދަކުރަން އޮންނަ އޮތުމަކީ އިންސާފެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުން އުޅެނީ ދަތި ހާލުގައި ކަމަށް ވިދާޅުވެ ނާޒިމް ވިދާޅުވީ، މެދުފަންތީގެ މީހާގެ މުސާރައަށް އާންމުކޮށް  15 ހާސް ރުފިޔާ ލިބޭއިރު، މަހެއްގެ ބިލުތައް މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް އަންނަ އިރު ނިންމާލާއިރު، އެފަދަ މީހުން އަނބިދަރިން އުފާކޮށްލާނެ ލާރިއެއް ނުހުންނަ ކަމަށެވެ. އަދި މަހުގެ ބާކީ 27 ދުވަހު ހުންނަންޖެހެނޯ ފިކުރުކުރުމުގައި ކަމަށް ވެސް ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ ވެރިކަމެއްގައި ރައްޔިތުން އެހެން ތިވޭކަށް ބޭނުމެއްނޫން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭނުންވަނީ ދިވެހި ރައްޔިތުން އުފަލާއި ހިތްހަމަޖެހުމުގައި ބައިތިއްބަން،'' ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ސަރުކާރަށް ފެނާ ނަރުދަމާ އެޅިދާނެ ކަމަށާއި، އިންޖީނުގޭ އަޅައި، މަގުތަކުގައި ތާރު ވެސް އެޅިދާނެ ކަމަށެވެ. ނަމަވެސް ފުދުންތެރިކަމެއް ނުލިބި ތިބި ޢާއިލާތަކަށް އެކަމުންވާ މަންފާއެއް ކޮބާތޯ ސުވާލު ކުރެއްވިއެވެ. އަދި ފުދުންތެރިކަމެއް ނެތި އުޅެން ޖެހުމުން ރައްޔިތުންނަށް ލިބޭ އެއްވެސް އުފަލެއްނެތް ކަމަށް ވެސް ވިދާޅުވިއެވެ.
''އަޅުގަނޑުމެން ރަށްރަށުގެ އާއިލާތައް ގާތަށް ގޮސްފިން، ބޯހިޔާވަހިކަމުގެ އުފަލެއްނެތް، ގޭގޭގައި ކުޑަ ކޮޓަރިއެއްގެ ތެރޭގައި 8 ކުދިން 9 ކުދިން ވިހައިގެން ބޮޑުވެގެން އެ ދަނީ، މިއީތޯ ދިވެހިންނަށް ހައްގު މިންވަރަކީ، އަޅުގަނޑުމެން ސަރުކާރެއް ގެނެސް 2023 ގައި ވެރިކަމުގައި ތިބެގެން ކުރަން މިއުޅޭ ކަމަކީ ރައްޔިތުންނަށް އުންމީދެއް ގެނައުން، ރައްޔިތުންނަށް ފުދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން'' ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ޓެކްސް ވެސް ކުޑަކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް އުފާވެރި ފުދުންތެރި ދިރިއުޅެއް ހޯދައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ