ސްޓެލްކޯގެ ކަރަންޓުގެ ޚިދުމަތުގެ 73 ވަނަ އަހަރީ ދުވަހުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.
ސްޓެލްކޯ ބޯޑުގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދު ދީދީ، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފް، ބޯޑު މެންބަރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ އިސްވެރިން، ސްޓެލްކޯއަށް އެކިފަހަރުމަތިން ވަރަށް އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ މެނޭޖިންގ ޑައިރެކްޓަރުންނާއި އަދި އިސްވެރިން، ސްޓެލްކޯގެ މެނޭޖްމަންޓް އަދި ހީވާގި އެންމެހައި މުވައްޒަފުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه
އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުމެން މި ގުނާ 73 އަހަރުގެ ޚިދުމަތް ފުރިހަމަވެގެންދާއިރު ސްޓެލްކޯއަށް، ކުރީގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި މުވައްޒަފުންނަށް ވަރަށް ބޮޑަށް ހެޔޮއެދުމާއި އަދި ތަހުނިޔާ އަޅުގަނޑު އަރިސްކުރަން.
އާދެ، 1949 ވަނަ އަހަރުގެ ޑިސެންބަރު 20 ވަނަ ދުވަހު އެންމެ 8 ކިލޯ ވޮޓުން ފެށިގެންދިޔަ މި ޚިދުމަތް މިއަދު މިވަނީ މެގަވޮޓުން ގުނާލެވިފައި. ސަތޭކައަށްވުރެ މައްޗަށް މެގަވޮޓް މިވަނީ މިއަދު ސަޕްލައި މާލޭ ސަރަޙައްދުގައި ސްޓެލްކޯއަށް ނިސްބަތްވާ އިންޖީނުގެތަކުގައި، އެ ޚިދުމަތް އެވަރަށް ދޭން މިވަނީ ފެށިފައި.
އާދެ، އެއްވެސް ޝައްކެއްނެތް، މިއަދާ ހަމައަށް ކުރިއަރައި، ޚިދުމަތް ފުޅާކުރެވި، މިހިސާބަށް މި ގެންދެވުނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން. 73 އަހަރަކީ ކުރު މުއްދަތެއް ނޫން. އަޅުގަނޑު ގަބޫލުކުރަނީ މިއަދުގެ މި ހުރިހާވެސް ކާމިޔާބީއަކީ، ހީވާގި މުވައްޒަފުންތަކެއް ކުރެއްވި މަސައްކަތް ކަމަށް. އެހެންކަމުން ޚާއްޞަކޮށް، ސްޓެލްކޯ އަދި ކަރަންޓުގެ މި ޚިދުމަތުގައި ފެށުނީއްސުރެ މިއަދާ ހަމައަށް މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތައް އާދެ، މެނޭޖްމަންޓްގެ އިސްވެރިންނަށާއި އަދި އެކަމުގައި ޝާމިލުވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.
އާދެ، ޗެއަރމަންގެ ވާހަކަފުޅުގައިވެސް ތަފްޞީލް ދެއްވައިފި. އެކިފަހަރުމަތިން ގެނެވުނު ބަދަލުތަކާއި އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން. އެ ކަންތައްތައް އިތުރުވެގެންދިޔަގޮތާމެދު ވިދާޅުވެދެއްވައިފި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، މި ކަރަންޓުގެ ޚިދުމަތުގެ މުހިންމުކަން އެ ފާހަގަކުރެއްވި ގޮތަށް މިއީ އަޅުގަނޑުމެންނަށް، ސައުވީސް ގަޑިއިރު، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މިހާރު ސާފު ވައި ބޭނުންވާ ފަދައިން ކަރަންޓް އެބަ ބޭނުންވޭ.
ކަރަންޓާ ނުލައި ދެންމެ އެ ވިދާޅުވިގޮތަށް، ހަމަ ކުޑަ ވަގުތުކޮޅެއްވެސް ކަރަންޓް ގޮސްފި ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ އެންމެ ގިނަ ފޯންކޯލް، ކަމަކާ ގުޅޭގޮތުން އެންމެ ގިނަ ފޯންކޯލް ދާނެ އެއްފަރާތަކަށް ވާނީ އެ ޚިދުމަތްދޭ ފަރާތް. އާދެ، މާލޭ އޭރިއާ ކަމަށްވަންޏާ ސްޓެލްކޯ. އެހެންވީމާ، މިކަމުން އަޅުގަނޑުމެންނަށް އެބަ އެނގޭ، މިއީ ކިހާ މުހިންމު ކަމެއްކަން. އަޅުގަނޑުމެންގެ މުޅި ދިރިއުޅުން މިއަދު މިވަނީ، އެއީ އަޅުގަނޑުމެންގެ އޮފީސްތަކަށްވިޔަސް، އަޅުގަނޑުމެންގެ ގެތަކަށް ކަމުގައިވިޔަސް، އަދި ވިޔަފާރި އެހެނިހެން މަރުކަޒުތަކަށްވިޔަސް، ސްކޫލްތައް ކަމުގައިވިޔަސް، ހޮސްޕިޓަލްތައް ކަމުގައިވިޔަސް، މުޅިން މިވަނީ، މުޅިން އެއްކޮށް ކަރަންޓަށް ބަދަލުކުރެވިފައި. އަދި ފެނުގެ ކަންތައްތަކަށް ބެލިކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ކަރަންޓުގެ ކަންތައްތައް އެހާމެ މުހިންމު.
އާދެ، އަޅުގަނޑުމެން ފަހުގެ ކާމިޔާބީތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، ސްޓެލްކޯއިން ކުރާ ކަންތައްތައް އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ. އާދެ، ޚާއްޞަކޮށް، ދުނިޔެއަށް މި އަންނަ ބަދަލުތަކުގެ ސަބަބުން އެނގިވަޑައިގަންނަވާނެ، އެންމެ ބޮޑު ލޮޅުމެއް ޚާއްޞަކޮށް އިޤްތިޞާދަށް، ދުނިޔޭގެ އިޤްތިޞާދަށް ލޮޅުމެއް އަންނަ ކޮންމެފަހަރަކުމެ، ކަރަންޓުގެ ކަންތައްތަކަށް، އަޅުގަނޑުމެން ޚާއްޞަކޮށް، އަޅުގަނޑުމެން ތެޔޮ ބޭނުންކުރާއިރު އެ ލޮޅުން އެބަ އާދޭ. އެއާއެކު، އެ ކަންތައްތައް ކުޑަކުރުމަށްޓަކައި ސްޓެލްކޯއިން އެކުރާ މަސައްކަތްތައް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އަދި މީގައި އަޅުގަނޑު ދަންނަވާލަން އޮތީ، ކުރިއަށް އޮތް ތާނގައި ޚާއްޞަކޮށް، އަޅުގަނޑުމެން ތެލަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އިޢާދަކުރަނިވި ހަކަތައިގައި މިހާރު ފަށާފައިވާ މަސައްކަތްތައް މުޅި މާލެއާއި އަދި ސްޓެލްކޯ ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައިވެސް ފުޅާކުރުމަށްޓަކައި ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެން މަސައްކަތްތައް ކުރަން އެބަޖެހޭ. އަޅުގަނޑަށް ހީވަނީ މިއީ އަޅުގަނޑުމެންގެ ހަމަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ކައިރިން، ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއް.
ޚާއްޞަކޮށް، ކޯވިޑުގެ ކަންތައްތަކާއި އަދި ދުނިޔޭގައި މި ހިނގަމުންދާ ކޮންފްލިކްޓްތަކުގެ، ހަނގުރާމަތަކުގެ ސަބަބުންވެސް ކޮންމެ އެއްޗެއްވެސް ގޮސް މި ގުޅެނީ، އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް ތެލާ. އެހެންވީމާ، ޒަމާނީ ޓެކްނޮލޮޖީ އަޅުގަނޑުމެން ބޭނުންކޮށް، ވީހާވެސް ބޮޑަކަށް ތެލަށް ބަރޯސާވުން އަޅުގަނޑުމެން ކުޑަކުރަން އެބަޖެހޭ. ހަމަ އެއާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުން، އެނަރޖީ ސޭވިންގ، އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބޭކާރުގޮތުގައި ކަރަންޓް، ނުވަތަ ލައިޓްތައް އަދި އެނޫންވެސް އެއްޗެހި އޮންކޮށްފައި ބެހެއްޓުމުގެ، އެއީ، ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަމާލުކަން ކުޑަކުރެވެނީ. ބައެއްފަހަރު އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވެނީ. އެއީ ދެން މާބޮޑު ކަމެއްގެ ގޮތަށް އަޅުގަނޑުމެންނަކަށް ނުބެލެވޭ، ގޭގެ އެންމެ ބޮކި، ނުވަތަ އެންމެ ސްވިޗެއް ބޭކާރު ގޮތުގައި ހުއްޓަސް. އެހެންނަމަވެސް، މުޅި މާލެ، ނޫނީ މުޅި ސަރަޙައްދުގެ ކޮންމެ ގެޔަކުން އެންމެ ސްވިޗެއް އެގޮތަށް ބޭކާރުގޮތުގައި ބޮކި އޮންކުރެވިފައި ހުންނަ ކަމަށްވަންޏާ ވަރަށް ބޮޑު އެއްޗެއް ކޮންސިއުމްވެގެން އެދަނީ. އަދި 30 ދުވަހު، އެ ގެއެއްގައި އެގޮތަށް ހުރި ކަމަށްވަންޏާވެސް ބިލް އަންނައިރު އަޅުގަނޑުމެންނަށް އެބަ ފެނޭ، އެކަމާ އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ ޚަރަދު ކުޑަކޮށްލެވޭނެ ގޮތްތައް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއްހެން ޚާއްޞަކޮށް، އެނަރޖީ ސޭވް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެކިގޮތްގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އަޅުގަނޑުމެންގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަންތައްތައް ވަރަށް މަދު. ކޮންމެ ކަމެއްވެސް މި އޮންނަނީ އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން. އަދި މާދުރުގައި، ރާއްޖެއަށް އަޅުގަނޑުމެން ބަލައިލާއިރު، ނުވެސް ފެންނަ ހިސާބުގައި އުޅޭ ބަޔަކު ކުރާ ކަމެއްގެ ސަބަބުންވެސް އަޅުގަނޑުމެން ކަހަލަ ކުދިކުދި ޤައުމުތަކަށް އެންމެ ބޮޑަށް ލޮޅުންއަރައިގެން މިދަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ މިކަހަލަ ރެއެއްގައި، ކަރަންޓުގެ ކަންތައްތަކުގެ ވާހަކަ ދައްކާ ރެއެއްގައި، މިކަހަލަ ވާހަކައެއް ދަންނަވާލުމަކީ ގޯސް ކަމަކަށް ނުވާނެއޭ.
އާދެ، ސްޓެލްކޯއިން ވަރަށް ގިނަގުނަ މަސައްކަތްތައް ކުރައްވާ. އެނގިވަޑައިގަންނަވާނެ، މީހުން ބިނާކުރުމުގެ ރޮނގުން ވަރަށް ގިނަ ކަންތައްތަކެއް ކުރައްވަމުން އެބަ ގެންދަވާ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އަޅުގަނޑުމެންގެ ޒުވާނުން ހުނަރު އިތުރުކުރުމަށްޓައި ފުރުޞަތުތަކެއް ދެވެމުން އެބަދޭ. އަޅުގަނޑު އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ވަލްނަރަބަލް ކޮމިއުނިޓީސްތަކަށް ގިނަ ފުރުޞަތުތަކެއް ދެވެމުންދާކަން އަޅުގަނޑު ހަމަ ފާހަގަކޮށް، އެކަމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ސްޓެލްކޯގެ އިސްވެރިންނަށް ޝުކުރު އަދާކުރަން.
އާދެ، އެނގިވަޑައިގަންނަވާނެ، އިޖުތިމާޢި ޒިންމާ، އަޅުގަނޑުމެންނަށް މިއަދު، އަޅުގަނޑުމެންގެ ޚާއްޞަކޮށް ސަރުކާރުން ޙިއްޞާވާ ސަރުކާރުގެ ކުންފުނިތަކުން އަދި އަމިއްލަ ކުންފުނިތަކުންވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެންނަމުންދާ ކަމެއް. މުޖުތަމަޢުގެ ތެރޭގައި ހުންނަ ކަންތައްތައް، މުޖުތަމަޢުގެ ކަންތައްތައް ރަނގަޅު ކުރުން އެއީ، އެންމެންގެ ޒިންމާއެއްކަން. އިޖުތިމާޢީ ޒިންމާ ދެން އަޅުގަނޑަށް ހީވަނީ މި ކިޔަނީ އެކަހަލަ ގޮތަކަށް ކުންފުނިތަކުން ވިސްނާފައިހެން. އެހެން މީހުންގެ ޕްރޮބްލަމްސްތައް ޙައްލުކުރުމުގެ، ނޫނީ ސޮލިއުޝަނެއްގެ ގޮތުގައި ތިމަންނާވެސް ވާނަމޭ. ކުންފުނިތައްވެސް ވާނަމޭ، އަމިއްލަ ފަރުދީގޮތުންވެސް ވާނަމޭ. އެހެން މީހުންގެ ދަތި ތުރާތައް، އެކަންތައްތަކުން އަރައިގަތުމަށްޓަލައި އެހީތެރިވާ މީހަކަށް ތިމަންނާ ވާނަމޭ.
އަޅުގަނޑުމެންނަށް ސްޓެލްކޯއިން އެބަ ފެނޭ ވަރަށް ބޮޑަށް އެ މަސައްކަތް ކުރާތަން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މާލޭގައި ކުރެވުނު މާބޮޑު ކަމަކަށް ނުވެދާނެ ފަހަރެއްގައި. އެހެންނަމަވެސް، އަޅުގަނޑު ހަމަ މިކަންވެސް މި ފާހަގަކޮށްލަނީ. ވަރަށް އަރާމުކޮށް، ވަރަށް ފަސޭހަކޮށް، ވަރަށް ރައްކާތެރިކޮށް މަޑުކޮށްލެވޭނެ ގޮތަށް ސްޓެލްކޯގެ ދެކުނު ފަރާތުގައި ހުންނާނެ ކުޑަކުޑަ ބަސް ޓަރމިނަލެއް. ދެން ޓަރމިނަލޭކީމަވެސް ފަހަރެއްގައި ގޯސްވެދާނެކަންނޭގެ. އަޅުގަނޑަކަށް ދެން ކިޔާނެ ނަމެއް ނޭނގެ. ޓަރމިނަލެއްވެސް ނޫން، ބަސް ސްޓޮޕެއްވެސް ނޫން. އެ ދޭތެރޭ މެދުގައި ބަންދުކުރެވިފައި ހުރި އެއަރކޯން، ވަރަށް ފުރިހަމަ ތަނެއް. އެއީ ސްޓެލްކޯއިން ޚާއްޞަކޮށް، ދަރިވަރުންނަށް، ހުޅުމާލެއަށްދާ ދަރިވަރުންނާއި، އަދި ޚާއްޞަކޮށް، އަންހެން ބޭފުޅުންނަށް، މާބަނޑު އަންހެން ބޭފުޅުންނަށާއި، ޢުމުރުން ދުވަސްވީ ބޭފުޅުންނަށްޓަކައި ކޮށްދެއްވި ކަމެއް. ދުނިޔޭގެ ޤައުމުތަކުގައި ދުބާއީ، ޤަޠަރު، ތަންތަނުގައި އެގޮތަށް ހުންނާނެ މަގުމަތީގައި އެއަރކޯންވެސް ކޮށްފައި، ތަންތަން ހަދާފައި ހުންނާނެ. އެއީ އެއްކަލަ އިޖުތިމާޢީ ޒިންމާގެ ދަށުން ތިމަންނާމެންނަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭ، އެ ރޫޙާއެކު ކޮށްދެއްވާފައިވާ ކަމެއް. މިކަހަލަ ކިތަންމެ ކަމެއް ސްޓެލްކޯއިން ވެއްޖެ ކޮށްފައި. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މި ސަރުކާރުން ޢާއިލާ، އުފާވެރި ޢާއިލާއެއް، ފަޚުރުވެރި ޢާއިލާއެއް، ހަމަޖެހިގެން އެކުގައި އުޅޭނޭ ޢާއިލާއެއް ބިނާވެފައި، އެ ފުރުޞަތު ހޯދައިދިނުމަކީ ގޭތެރޭގަޔާއި އަދި މަސައްކަތްކުރާ މާޙައުލުގައި ހޯއްދަވައިދެއްވުމަކީ އެއީ، ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އިސްނެންގެވުމެއް، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދެއްވާ ކަމެއް.
ސްޓެލްކޯއިން ވަނީ ވަރަށް ފަހުން، އޮފީހުގައި ތިބޭ، ޚާއްޞަކޮށް އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް، އަންހެން، ފިރިހެން، ކޮންމެ ޖިންސަކަށް ބެލިނަމަވެސް، އެބޭފުޅުންގެ ދަރިންނަށްވެސް ކައިރީގައި ފަސޭހަކޮށް މަޑުކޮށްލެވޭނެ އިންތިޒާމުވެސް، "ޗައިލްޑް ކެއަރ"ގެ ނަމުގައި ތަނެއް ހުޅުވާފައި. އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ރަނގަޅު ކަމެއްހެން. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް ސްޓެލްކޯގެ މެނޭޖްމަންޓަށާއި އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.
އާދެ، އަޅުގަނޑުމެން މިއަދު ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް، ކަންތައްތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ ހުރިހާ ދާއިރާއަކުންވެސް ދުވަހަކުވެސް އަޅުގަނޑުމެންނަށް ނުފެންނަ މިންވަރަށް ޚާއްޞަކޮށް، ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މިއީ ޙަޤީޤަތް. އިންޖީނުގެތައް، ސްޓެލްކޯ، ފެނަކަ، ހަމައެކަނި މި ހަތަރު އަހަރުތެރޭގައި، މި ދެ ކުންފުނި އެއްކޮށްގެން އިންޖީނުގެ އެޅި ޢަދަދާއި، އާ އިންޖީނުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އެއީ އަޅުގަނޑުމެން 2018ގައި ރަށްރަށަށް ދަތުރުކުރިއިރު، އެކި އަތޮޅުތަކުންވެސް އައި އެންމެ ބޮޑު، ރައްޔިތުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮތީ، އެންމެ ބޮޑު އުނދަގުލެއް، އެންމެ ބޮޑު ގެއްލުމެއް ރައްޔިތުންނަށްވާ އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވި ކަމަކީ، ރަށު މެދުގައި އެދުވަސްވަރަށް ރަނގަޅު، އެއީ 30، 40 އަހަރު ކުރިން ކޮށްފައި ހުރި ކަމަކަށް، މައްސަލައެއް ނެތް. އެކަމަކު ރަށުގެ މެދުގައި ހުރުމުގެ ސަބަބުން އެކި ގޮތްގޮތަށް، ޞިއްޙީ ގޮތުންނާއި، އެކި ގޮތްގޮތުން އެވާ އުނދަގޫ ރަށުމެދުގައި އިންޖީނުގެ ހުންނާތީ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް އެ ކަމަށް ދެއްވައި، މިއަދު ސްޓެލްކޯއާއި ފެނަކަ، އެ ދެ ކުންފުނި އެއްކޮށް ކުރި މަސައްކަތަކީ ގާތްގަނޑަކަށް ސަތޭކައަށްވުރެ އާ އިންޖީނުގެ، މިއީ ރެކޯޑް ޢަދަދެއް. ރެކޯޑް ޢަދަދެއް، އިންޖީނުގެ މިއަދު މިވަނީ ރަށުގެ އެހެން ފަރާތަކަށް ބަދަލުކުރެވި، އިންޖީނުގެ އަދި އޮފީސް އިމާރާތް އެޅި، ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައި ވަނީ.
އެހެންވީމާ، މިއީ އަޅުގަނޑުމެން ހަމަ މިކަހަލަ ރެއެއްގައި އަޅުގަނޑަށް ހީވަނީ ފާހަގަކުރަންޖެހޭނެ ކަމެއް. އަދި އިންޖީނުގެ ބަދަލުކުރުމުން ނިމުނީކީވެސް ނޫން. އެއާ އެއްކޮށް ހައި ވޯލްޓޭޖް ކޭބަލް ބަދަލުކުރުމަށާއި، ޓްރާސްފޯރމަރ ބެހެއްޓުމަށާއި، އެ ނޫންވެސް އެތައް ކަމެއް، ޖަނަރޭޓަރ ސެޓަޕަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު މިހާރު ދެން އެހާ ޢަދަދު ކިޔާ ހިތެއްވެސް ނުވޭ. 300 އިން މައްޗަށް ހަމަގައިމުވެސް އަރައިފި، މި ދެ ކުންފުނި އެއްކޮށްގެން ރަށްރަށަށް ސަޕްލައި ކުރެވުނު އާ ޖެނެރޭޓަރުގެ ޢަދަދު. އެހެންވީމާ، މިއީ ހަމައެކަނި ކަރަންޓާ ގުޅުންހުރި ކަންތައްތަކުގެ ވާހަކަ. މިއީ ޢަޖައިބެއް އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި މަސައްކަތަކީ އެއީ، އަޅުގަނޑުމެން ހަމަ މިހެން ބުނެލީމާ އަޅުގަނޑަށްވެސް އެނގޭ ތިޔަބޭފުޅުންނަށް ފަހަރެއްގައި އުނދަގޫވެދާނެ. 100 އިންޖީނުގެ މި ހަތަރު އަހަރުގެ ތެރޭގައި ނިންމައިފިހެއްޔޭ؟ ދެން ޗެކްކޮށްލައްވާ. އަޅުގަނޑު އެދެނީ ޔަޤީންކޮށްލައްވަން ތިޔަބޭފުޅުންވެސް. ހަމަ އެހާވަރަށް އެ މަސައްކަތްވެސް ކޮށްފި.
ފެނާއި ނަރުދަމާގެ މަސައްކަތަށް ބަލައިފި ކަމަށްވަންޏާވެސް، ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މިއީ އަސާސީ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. ހަމަ އެއާއެކު، ދަތުރުފަތުރުގެ ކަންތައްތަކަށް ބަލައިފި ކަމަށްވަންޏާ، ކަނޑުމަގުންނާއި، އެއްގަމު މަސައްކަތްތައް އެއީ ފެށިފައި. އާރު.ޓީ.އެލް.ގެ ނަމުގައިވެސް ޚިދުމަތްތައް ދެވެމުން އެދަނީ، މާލޭގައި އަދި ރާއްޖޭގެ ބޮޑެތި ދިގު ރާސްތާގެ މަގުތައް ހުރި ރަށްރަށުގައި، ބަސް ދަތުރުތައްވެސް މިވަނީ ފެށިގެން، ފަސޭހަކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބިއްޖެ. އަދި އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އައިލެންޑް އޭވިއޭޝަންގެ ފްލީޓާއި އަޅުގަނޑުމެންނާ އޭ.ޓީ.އާރު.ގެ ބޯޓު އައިމާ، މިހާރު ރާއްޖޭގެ އެއަރޕޯޓުތަކަށް ކުރަންޖެހޭ، އެ މަޑުކުރަންޖެހޭ މަޑުކުރުމަށްވެސް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބި، އަޅުގަނޑު ގަބޫލުކުރަނީ އޭގެ ސަބަބުންވެސް ފަސޭހަތަކެއް ވެގެންދާނެ.
އަޅުގަނޑުމެން ވިސްނާލަމާ ހިނގާ، ސްކޫލްތަކުގެ ކްލާސްރޫމްތަކަށް، ބަލައިލިނަމަވެސް، އެއްހާހަށްވުރެ ގިނަ ކްލާސްރޫމް، ފަސްދޮޅަސްވަރަކަށް މަލްޓި-ޕަރޕަސް ހޯލް، ގުޅުންހުރި އެތައް ކަންތައްތަކެއް. މިއީ، މި ވާހަކަ އަޅުގަނޑުމެން ދައްކަން މިޖެހެނީ، މިހުރީ ކޮށްފައި ހުރި ކަންތައްތައް، ކުރު މުއްދަތެއްގެ ތެރޭގައި. ހެލްތު ދާއިރާއަށް ބަލައިލިޔަސް އެވަރު. ދެން އަޅުގަނޑު ވާނެ މިކަހަލަ ވާހަކަ މާގިނައިން ދައްކާ މީހަކަށްވެސް. އެކަމަކު ލޮލު ކުރިމައްޗަށް ފެންނާތީ. އަޅުގަނޑު އިއްޔެ މިއައީ އައްޑުއާއި ފުވައްމުލަކު ދަތުރެއް ނިންމާލާފައި. އެހެންވީމާ، ވަރަށް ކައިރިން އަޅުގަނޑަށް ފެނުނު، އައްޑޫގެ ރަށްތަކާއި ހުޅުމީދޫ އަދި ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫ، ފުވައްމުލަކުގައި މި ހުރިހާ ކަންތައްތަކެއް. އިންޖީނުގެ އަޅައި، ބޮޑު އިންޖީނުގެ އަޅާ މަންޒަރު އަޅުގަނޑަށް ފެނުނު. ހޮސްޕިޓަލުގެ މަންޒަރު ފެނުނީ. ސްކޫލްގެ އެތައް ކަންތައްތަކެއް އަޅުގަނޑަށް ފެނުނު، ހުރިހާ ސްކޫލަކުން. އެހެންވީމާ، މި ވާހަކަ ފެންނަ މީހަކު ދެއްކުމަކީ އަޅުގަނޑަށް ހީވަނީ އެއީ އަޅުގަނޑުމެން ހަމަ ކޮށްލަންޖެހޭނެ ކަމެއްހެން.
އަޅުގަނޑުމެންނަށް މި ހުރިހާ ކަމެއްވެސް މިވަނީ. ލިސްޓް ވަރަށް ދިގު. ނަމަވެސް، އަޅުގަނޑު އިތުރަކަށް މި ވާހަކައެއް ނުދައްކާނަން. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މި ކަންތައްތައް މި ކުރެވެނީ، މިހާ ގިނަ ކަންތައްތައް ކުރެވެނީ، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުން. އެއީ، އަޅުގަނޑުމެންނަށް ހުރިހާ ކުންފުނިތަކަށް އަދި ޕްރައިވެޓް ފަރާތްތަކާވެސް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރެވޭ. ރާއްޖޭގެ ތަރައްޤީގެ ކޮންމެ ކަމެއް މި ސަރުކާރުން ކުރަނީ އެކަމަކާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށްފައި. އެއީ، ތަޢުލީމީ ދާއިރާގެ ކަމެއް ކަމަށްވަންޏާ ކޮލެޖުތަކާއި، އިންސްޓިޓިއުޓްތަކާ އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވޭ. އަދި ޞިއްޙީ ކަމެއް ކަމަށްވަންޏާ، ޕްރައިވެޓް ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ޞިއްޙީ މާހިރުންނާ އެކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ވާހަކަ ދެއްކޭ. ޓުއަރިޒަމް އިންޑަސްޓްރީގެ ކަމެއް ކަމަށްވަންޏާ މުޅި އިންޑަސްޓްރީ މުވައްޒަފުން ހިމެނޭގޮތަށް އެކުގައި މަސައްކަތް ކުރެވި، އަޅުގަނޑުމެންނަށް މަޝްވަރާކުރެވި، އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ބެލޭ.
އޭގެ ނަތީޖާއިން، އެގޮތަށް ކަންތައްތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން 1.6 މިލިއަން ފަތުރުވެރިޔާ މިއަދު ރާއްޖެއަށް ޒިޔާރަތްކުރެއްވީ. 2019 ކަޑައްތުކޮށް ދިޔައީ. ކްރޮސްކޮށްލީ އަޅުގަނޑުމެން 2019ގެ. އެހެންވީމާ، މި އަހަރު ރައީސުލްޖުމްހޫރިއްޔާ 3 ފެބުރުވަރީގައި ރައްޔިތުންގެ މަޖިލީހުގައި، މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މި އަހަރު 1.6 މިލިއަން އެއީ ޓާގެޓް ކަމަށް ވިދާޅުވި. ދިހަވަރަކަށް ދުވަސް އަދި މި އަހަރު އޮއްވާ، އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް މިވަނީ އެ ޓާގެޓަށް ދެވިފައި. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މި އުޅެނީ މަސައްކަތްތައް މި ކުރައްވަނީ، ކަންކަން ރައީސޫލްޖުމްހޫރިއްޔާ ކުރައްވަނީ، މި ސަރުކާރުން ކުރަނީ ކަންކަން ޕްލޭން ކުރައްވައިގެން، ވަރަށް ބޮޑަށް ވިސްނައިގެން، އެކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށްފައޭ. އެހެންވީމާ، އެއީ ޙަޤީޤަތުގައި ކާމިޔާބަކީ.
އެއްވެސް ކުންފުންޏެއްގެ، އެއްވެސް ބޭފުޅަކު ހީކުރައްވައިގެންނެއް ނުވާނެ، ތިމަންނާގެ އަމިއްލަ ވިސްނުމަށް، ތިމަންނާ އަމިއްލައަށް ކުރާ މަސައްކަތަކުންނޭ. ނޫން ނުކުރެވޭނެ. ކުންފުނިތަކުގައި ހާހުން ގުނާލެވޭ ޢަދަދަށް، ސަތޭކައިން ގުނާލެވޭ ޢަދަދަށް ތިބީ. އެއީ އެސެޓްސް. އަޅުގަނޑުމެންގެ ހުރިހާވެސް ބަޔަކީ ތަނުގެ މުވައްޒަފުން. އެ މުވައްޒަފުން ލައްވައި އަޅުގަނޑުމެން ކުރުވަންޖެހޭނީކީ ހަމައެކަނި މަސައްކަތެއް ނޫން. މުވައްޒަފުންގެ ޚިޔާލުވެސް އަޅުގަނޑުމެން ހޯދަންޖެހޭނެ. މުވައްޒަފުންނަށް ފެންނަނީ ކޮންގޮތަކަށްތޯ ބަލަންޖެހޭނެ. ތަނުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހެނީ ކޮންކަމެއްތޯ ބަލަންވާނެ. ޤައުމުގެ ކަންތައްތައްވެސް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، އެ މީހުންގެ ވިސްނުން ހުރިގޮތްވެސް ބަލަންޖެހޭނެ. އަޅުގަނޑުމެން ކުންފުޏެއްވިޔަސް، ސަރުކާރުގެ އޮފީހެއްވިޔަސް، ޤައުމުވިޔަސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ، މުޅި ޤައުމު ހިމެނެނީ ހުރިހާ އެންމެންގެ މައްޗަށްކަން.
އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އަންޑަރއެސްޓިމޭޓް ކޮށްގެން ނުވާނެ، މުވައްޒަފުން ކުރާ މަސައްކަތް. ޤައުމު ދެމި މި އޮންނަނީ، ޤައުމުގެ ޚިދުމަތްތައް މިގޮތަށް ކޯވިޑް ތެރޭގައި ސައުވީސް ގަޑިއިރު އެ ޚިދުމަތްތައް ލިބިގެންދިޔައީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގައި. އެއީ، ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ޕްރައިވެޓް ފަރާތްތަކުގައި އެ މަސައްކަތްތައް ކުރަން ތިބި މުވައްޒަފުންގެ ހީވާގިކަމާއި އެ ކުރެއްވި މަސައްކަތުން.
އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ވާންޖެހޭނެ، ރަނގަޅު ކަންތައްތައް ކުރާ މީހުންގެ ކަންތައްތައް ވެލިއު ކުރާ ބަޔަކަށް. އަގުވަޒަންކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. ޝުކުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. އެކަކު އަނެކަކަށް އޯގާތެރިވާ ބަޔަކަށް ވާންޖެހޭނެ. ހިނިތުންވުމާއި ހެޔޮބަހެއް ބުނެލުން. އަޅުގަނޑުމެންނަށް މިރޭގެ ޙަފްލާ ފެށުމުގައި، ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން އަޅުގަނޑުމެންނަށް ފެނިއްޖެ، އަޅުގަނޑުމެންގެ މައްޗަށް އަމުރު ކުރައްވާފައިވާ ކަންތައްތައް. މައިންބަފައިންނަށްވެސް ހެޔޮކޮށްހިތުން. ރައްޓެހިންނަށް ހެޔޮކޮށްހިތުން. އަވަށްޓެރިންނަށް ހެޔޮކޮށްހިތުން. ހެޔޮ ކަންތައްތައް ކުރާ ބައެއްގެ ގޮތުގައި، ހެޔޮ ކަންތައްތަކަށް އަބަދުވެސް އަޅުގަނޑުމެން، އެގޮތަށް ޤައުމަށް ފައިދާހުރި ރަނގަޅު ކަންތައްތަކުގައި އަޅުގަނޑުމެން ކުރުމުގައި ދެމިތިބެން އެބަޖެހޭ. އެއީ އަޞްލު އަޅުގަނޑުމެން އެންމެންވެސް ވިސްނުން ބަހައްޓަންވީ ގޮތަކީ.
އެނގިވަޑައިގަންނަވާނެ، ކަންތައްތައް އަބަދުވެސް މި އަންނަނީ ބަދަލުވަމުން. ދުނިޔޭގެ ކަންތައްތައް ބަދަލުވަމުން. ޤައުމުގެ ކަންތައްތައްވެސް ބަދަލުވަމުން. އަޅުގަނޑު ހަމަ އެއް ވާހަކައެއް ދަންނަވާލާނަން. އަޅުގަނޑަށް މިފަހަރު މި ކޮޕް ސަމިޓަށް ދިޔައިރު، ދުނިޔޭގެ ވަރަށް ގިނަ މީހުންނާ އަޅުގަނޑާ ބައްދަލުވި. އޭގެ ތެރެއިން އަޅުގަނޑުމެން ކަހަލަ ބިންތިރި ޤައުމެއް، ތަންކޮޅެއް ކުޑަ ޤައުމެއްގެ ޕްރައިމް މިނިސްޓަރާ އަޅުގަނޑާ ދެމީހުން އެއްކޮށް ދަތުރުކުރަންވެސް ޖެހުނީ ކަންދިމާވިގޮތުން. އަޅުގަނޑު ކައިރީގައި ކޯވިޑުގެ ވާހަކަ އެހީ. ދެން އަޅުގަނޑު ކިޔައިދިނިން، ކޯވިޑުގެ ކަންތައްތަކުގައި މިހެން މިހެންނޭ ކަންތައްތައް ހުރީ. އޭނާ ބުނީ ވަރަށް އެހެން ގޮތަކަށޭ ތިމަންނާމެން. މި ކަރަންޓް ޖެނެރޭޓަރުތައް ނިއްވާލީއޭ. އެއްވެސްވަރަކަށް ތިމަންނާމެން ކަރަންޓެއް ނުދެމޭ. ތިމަންނާމެން ޤައުމަށް ކަރަންޓް ނުދީ ތެޔޮ ހުސްވެގެން ހުއްޓާލީއޭ. ދެން ފުޅިބައްތީގައޭ ތިމަންނާމެން އުޅެނީ. އެކަހަލަ ގޮތަކަށް ދިއްލައިގެންނޭ. ދެން އަޅުގަނޑު ގެންގުޅުނީ ފުޅިބައްތިވިއްޔަ، މީގެ ފަންސާހަކަށް އަހަރު ކުރިން ރަށުގައި. އެހެންވީމާ، ފުޅިބައްތި އަޅުގަނޑުގެ ސިނކުޑިއަށް އަންނަނީ. ދެން މަސްދޯނިފަހަރުގައިވެސް ތެލެއް ނުހުރެޔޯ. އެހެންވީމާ، އެވެސް ދެވޭނެގޮތެއް ނެތް. ރިޔަލެއް އެއްޗެއް ނެތޯ. ކުރީގައި ރިޔާ ދުވަސްވަރުވެސް ދިޔައީ. އެހެންވީމާ، ހަމައެކަނި އިންޖީނު މިހާރު މި ހުންނަނީ. ދެން ތިމަންނާމެން ނުކުންނަނީ ސަރުކާރުގެ ހުރިހާ އެންމެން، ކޮންމެވެސް އެ އަނެކަތި ހިފާލާފައި ދަނޑުތަކާއި ތަންތަނަށް ނުކުމެ އެއްޗެހިތައް ޝިކާރަކޮށްގެން މި އެ އެއްޗިއްސޭ ރައްޔިތުންނަށް.
އެހެންވީމާ، ދަންނަވަން މިއުޅެނީ ވަރަށް ގޮތަކަށް ބަޔަކު އުޅެފިއޭ އިނގޭތޯ. އަޅުގަނޑުމެންނަށް ނޭނގުނު ނަމަވެސް ވަރަށް ދަތިކޮށް، ވަރަށް ދަތިކޮށް. އަޅުގަނޑުމެންނަށް އެކަމަކު އިރާދަކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާގެ އެ ޙިކްމަތްތެރި އެ ވިސްނުންފުޅާ އެއްކޮށް، ތިޔަބޭފުޅުން ކުރެއްވި މަސައްކަތުން، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދެން މިއޮތީ ގާތްގަނޑަކަށް ވަރަށް ބޮޑަށް މިކަމުން އެއްކޮށް އަރައިނުގަނެވުނަސް، ވަރަށް ބޮޑަށް މިއޮތީ ދެން ދިމާއަކަށް ދެވިފައި. ސަލާމަތުގެ އައްސޭރިޔާ ދެން ކައިރިވެއްޖެ އަޅުގަނޑުމެން ހަމަގައިމުވެސް. ދެން އޮތީ، ކުޑަކުޑަ ހިތްވަރެއް ކޮށްލަންވީ އެންމެން އެކުގައި، އެއީ ޤައުމުގެ ތަރައްޤީއަށް. އެކަމާ އަޅުގަނޑުމެން ކުރަންވީ މަސައްކަތް.
އަޅުގަނޑުމެން މިއަދު ވިސްނަންވީ ބޮޑެތި ކަންތައްތަކާ. ޤައުމީ ކަންތައްތަކާ. އަޅުގަނޑުމެން ވާންވީ ކޮންމެ މީހަކުވެސް ޤައުމީ އެވޯޑް. ޤައުމީ އެވޯޑް އެއީކީ ކޮންމެހެން ސްޓޭޖްމަތިން އަދި ކޮންމެހެން ލިބޭ އެއްޗެއް ނޫން. ތިމާ ރަނގަޅު މަސައްކަތެއް ކުރީމާ، ޤައުމަށް ޚިދުމަތްކުރީމާ، ތިމާ ހިތްވަރާއެކު، ޢަޒުމާއެކު މަސައްކަތްކުރީމާ އެއޮތީ ޤައުމީ އެވޯޑް ލިބިފައި. އެހެންވީމާ، އެކަން ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންވީ.
ޤައުމު ތަރައްޤީ ކުރެވޭނީ ތިމާމެން ރަނގަޅަށް މަސައްކަތްކޮށްގެންކަން. ސަކަރާތްޖަހައިގެންނެއް ނުވާނެކަން. ހަމައެކަނި މިހެން ހުރެލާފައި އެއްޗެއް ލިޔެލީމާ، ވަރަށް ރަނގަޅު މެސެޖް. މެސެޖް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. ހުރިހާ ވަސީލަތްތަކެއްގައި، ފޭސްބުކްގައި އަދި ޓުވިޓަރ އެއްޗެހީގައިވެސް ވަރަށް ހަމަ ރަނގަޅު، ޚިޔާލު ދެއްވުމަކީ އަޅުގަނޑުމެނަށް ހަމަގައިމުވެސް ވަރަށް ފަސޭހަވާކަމެއް މަސައްކަތްތަކަށްވެސް. އެކަމަކު މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ގަޑިއަށް ފަރުވާތެރިކަން ބަހައްޓަން އެބަޖެހޭ. މިއަދުވެސް ތަންކޮޅެއް ފަހުން ފެށިގެން ދިޔައީ. އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވި. އަޅުގަނޑު ލަސްވެގެން އިރުއިރުކޮޅާ އަހާއަހާ މި ހުންނަނީ ކޮބާ ގަޑިނުޖެހޭހޭ، ގަޑި ނުޖެހޭހޭ.
އެހެންވީމާ، އޮފީސް މަސައްކަތަށްވެސް ގަޑިއަށް ދާން އެބަޖެހޭ. ޚިދުމަތް ދިނުމަށް ހަވާލުވެފައި ހުންނަ ކަންތައްތައް އަޅުގަނޑުމެން ރަނގަޅަށް ކުރަން އެބަޖެހޭ. ޒިންމާ ރަނގަޅަށް ފުރިހަމައަށް އަދާކުރާ ބައެއްގެ ގޮތުގައި ކޮންމެ މީހަކުވެސް، އަޅުގަނޑާ ތިޔަ ހުރިހާ ބޭފުޅުންވެސް ވާން. އެނޫންގޮތަކަށް ދުވަހަކުވެސް ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. ހަމަޖެހުންވެސް ނުލިބޭނެ. އަޅުގަނޑުގެ ޒިންމާ އަޅުގަނޑު އަދާކުރަންޖެހޭނެ. ތިޔަބޭފުޅުންގެ ޒިންމާ ތިޔަބޭފުޅުން އަދާކުރައްވަންޖެހޭނެ ހުރިހާ ކަމަކަށް.
ކުރީގައިވެސް މި ދެންނެވީ ދުވަސްވަރު މުޅިން ތަފާތުވެއްޖެއޭ. ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ހަމައެކަނި ވިސްނާލިޔަސް އެއީ ޤައުމުގެ ބަޖެޓުގެ ގާތްގަނޑަކަށް 35 ޕަސެންޓް ޑައިރެކްޓްކޮށް އަޅުގަނޑުމެން ޚަރަދުކޮށްލަން. އެތައް ބިލިއަނެއް ޚަރަދުކުރަން މިޖެހެނީ އަޅުގަނޑުމެން ގޮނޑުދޮށްތަކަށާއި، އެކިއެކި ގޮތްގޮތުން ފޮސިލްފިއުލް އަޅުގަނޑުމެން މަދުކުރުމަށާއި، ތަފާތު އެކި ކަންތައްތަކުގައި އަޅުގަނޑުމެންގެ ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގޮނޑުދޮށްތަކާއި މި ދެންނެވި ގޮތަށް.
އެހެންވީމާ، މިހުރީ ޤައުމީ ކަންތައްތައް. ސާފުތާހިރުކަން މެއިންޓެއިން ކުރުމަށާއި، ބަހުރުވަ ރީތިކުރުމަށާއި، ރީތި އަދަބުތައް ދެއްކުމަށާއި، މީހުންނާ ރީތިކޮށް ވާހަކަ ދެއްކުމަށާއި، މި ކަންތައްތަކާ އަޅުގަނޑުމެން އަޞްލު މިއަދު ވިސްނަންވީ. ބައެއްފަހަރު ވާގޮތަކީ އަޅުގަނޑުމެންނަށް ކުޑަކޮށް އެބައި ތަންކޮޅެއް ފަސޭހަވެސް ކޮށްލެވޭ. ޚާއްޞަކޮށް، މަގުމަތީގައި ދުއްވުމުގެ ކަންކަމުގައި ސަމާލުވުމަށް. އަޅުގަނޑު ވަރަށް ދެރަވެސްވޭ، މިގޮތަށް މާގިނައިން ވާހަކަ ދައްކަންޖެހޭތީ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން މި ޒިންމާ، އަޅުގަނޑުމެން ތިބޭ މަގާމުގެ ގޮތުން ކުރަންޖެހޭ ކަމެއް މިއީ. އަދި މި މަޤާމު ނެތަސް، އެހެން ދުވަހަކުވެސް ބަޔަކު ކުރިމައްޗަށް އެރިއްޖެ ކަމަށްވަންޏާ މިކަހަލަ ވާހަކަ އަޅުގަނޑުމެން ދެން ދައްކާނަން. އެއީކީ ދެން ދުވަހަކުވެސް ނިމުމެއް އަންނާނެ ކަމެއްވެސް ނޫން. އަޅުގަނޑު ދެރަވާ ކަމަކީ ދެން މާގިނަ ވާހަކަވެސް ދެއްކެނީ. ސްޓޭޖަށް އަރާހުރެ، ވަރަށް ގިނަ ވާހަކަވެސް ދެއްކޭ. އެއީ، ތިޔަބޭފުޅުންނާ އެހާ ގިނައިން ބައްދަލުވަނީކީ ނޫންވިއްޔާ އަޅުގަނޑާ. އެހެންވީމާ، މިހެން ލިބޭ ފުރުޞަތުގައި އަޅުގަނޑުވެސް ބުނެލަނީ.
ކޮންމެއަކަސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަޅުގަނޑު ޚާއްޞަކޮށް، ކަރަންޓުގެ ޚިދުމަތް، 73 އަހަރުގެ މި ޚިދުމަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިހާރު މި މަސައްކަތް ކުރައްވާ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށާއި، ދިވެހިރާއްޖޭގެ ކަރަންޓް ޚިދުމަތުގައި އަދި ޤައުމީ ޚިދުމަތުގައި ތިއްބެވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ ސްޓެލްކޯގެ ކަންތައްތައް ހަމަ ދުވަހުން ދުވަހަށް ފުޅާވެ، ޒަމާނާ އެއްގޮތަށް ހުރިހާ ކަންތައްތަކެއްވެސް ބަދަލުވެގެންދިޔުން.
اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި. ދިވެހި ރައްޔިތުންނާއި، ދިވެހި ޤައުމަށް އުފާ ފާގަތި އަމާން ދުވަސްތަކެއް މިންވަރު ކުރައްވާށި.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ