މަޓާޓޯގެ ބުނުން ގޯސް: ޓީމް

ޓެކްސް ބޮޑުކުރުމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ހިމެނޭހެން ޓޫރިޒަމްގެ ސިނާއަތަށް ގެއްލުމެއް ދައްކާނެ ކަމަށް ނުދެކޭ ކަމަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްސީލްކުރާ ޖަމިއްޔާ، ޓީމް އިން ބުނެފި އެވެ.ޓެކްސް ބޮޑުކުރުމާ ހިތްހަމަނުޖެހި މަޓާޓޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުކުރުމުގެ ސަބަބުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނުވަތަ ފުރަތަމަ ކުއާޓާގެ ތެރޭގައި ބޮޑު ގެއްލުމެއް ކުރިމަތިވާނެ އެވެ.މަޓާޓޯ އިން ބުނި ގޮތުގައި:ބުކިންތައް ކެންސަލްވުން ފަދަ ކަންކަމާ ހުރެ ރިސޯޓް، ސަފާރީ އަދި ގެސްޓްހައުސް ސިނާއަތަށް ތިން މަސް ތެރޭ 50 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެޓޫރިޒަމްގެ އާމްދަނީ ދަށްވުމުގެ ސަބަބުން އަންނަ އަހަރުގެ ތެރޭގައި ކޮންމެ ރިސޯޓް މުވައްޒަފެއްގެ ސާވިސް ޗާޖުން 2،000 އެއްހާ ރުފިޔާ ގެއްލޭނެ"މި ބަދަލުގެ ސަބަބުން ފުރަތަމަ ކްއާޓަރުގައި ދިވެހި ރިސޯޓް ވޯކާސް އަށް އަސަރުކޮށް ސާވިސް ޗާޖުން 2،000ރ. އުނިވެގެން ދިއުމުގެ ފުރުސަތު އެބައޮތް،" މަޓާޓޯއިން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ވެއެވެ.މަޓާޓޯއިން ބުނި ގޮތުގައި ސަރުކާރުގެ އެއް މަސް ދުވަހުގެ ސުންގަޑިއެއް ދީފައި ޖެނުއަރީ މަހު އަމަލު ކުރަން ފަށާ ޓެކްސް ބޮޑު ކުރުމުގެ އުސޫލު ބަދަލު ކުރެވޭ ތޯ ބޭރުގެ އޮޕަރޭޓަރުން ސަރުކާރާ މަޝްވަރާ ކުރަމުންދާކަން އެނގިފައިވެ އެވެ.މަޓާޓޯގެ މި ވާހަކަތައް ޓީމަކަށް ގަބޫލެއްނުކުރެވެ އެވެ. އެ ތަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހަމައެކަނި ޓެކްސް އިތުރު ކުރުމުން، ބުކިންތައް ކެންސަލްވެ، މުވައްޒަފުންގެ ސާވިސް ޗާޖު ގެއްލޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.  "އޭގެ ސަބަބުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖުގެ 2،000 ރުފިޔާ ކުޑަވާނެ ކަމަށް [މަޓާޓޯއިން] ބުނެފައިވާ ބުނުން ވެސް، ބުކިން ކެންސަލް ވާނެ ކަމަށް ނުފެންނާތީ އާއި ހަމައެކަނި ޓެކްސް ބޮޑުކުރުމާ ގުޅިގެން އެފަދަ ބަދަލެއް އަންނާނެ ކަމުގައި މި ޖަމިއްޔާއިން ގަބޫލު ނުކުރެވޭ ކަމުގައި ދަންނަވަން،" ޓީމްގެ ބަޔާނުގައި ލިޔެފައިވެ އެވެ.ނަމަވެސް، ޓެކްސް ރޭޓަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓުންގެ ފައިދާއަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ޓީމް އިން ވެސް ގަބޫލު ކުރެ އެވެ. ޓެކްސްގެ ބަދަލަށް އަމަލުކުރުމުގެ ކުރިއަށް ސަރުކާރުން އެކަށޭނަ އިތުރު މުއްދަތެއް ދިނުން ރަނގަޅު ވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައިވެ އެވެ.އެ ޖަމިއްޔާއިން ބުނިގޮތުގައި، ޓީޖީއެސްޓީ އާއި، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި އިންކަމް ޓެކްސް ޕްރޮގްރެސިވްކޮށް އިތުރުކުރުމަކީ މުޅި ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ކަމެކެވެ.ޓެކްސް އިތުރުކުރުމާއެކު އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންވާނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާކަން ވެސް ފާހަގަކުރި އެވެ.މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓޫރިޒަމް ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ 8 ޕަސެންޓުން 12 ޕަސެންޓަށް ބޮޑުކުރުމަށެވެ. މި ބަދަލަށް އަމަލު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.ސަރުކާރުން ވަނީ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އަންނަ މި ބަދަލާއެކު އަންނަ އަހަރު ދައުލަތުގެ އާމްދަނީއަށް 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ