ހަރުދަނާ އަންހެން ލީޑަރުން ސިޔާސީ ހަރަކާތްތަކަށް ނެރުން މުހިންމު: މެމްބަރު ރޮޒައިނާ

ހަރުދަނާ އަންހެން ލީޑަރުން ސިޔާސީ ހަރަކާތްތަކަށް ނެރުން މުހިންމު ކަމަށް މެމްބަރު ރޮޒައިނާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާ ގުޅިގެން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނުގައެވެ.
މެމްބަރު ރޮޒައިނަގެ ބަޔާނުގައި ވިދާޅުވީ، ސިޔާސީ ޕާޓީއަކީ މަޖިލީހާއި ސަރުކާރުގެ މަގާމުތަކަށް އަންހެނުން ގެނައުމަށް އޮތް މަގުކަމަށެވެ. އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ހަރުދަނާ އަންހެން ލީޑަރުން ސިޔާސީ ހަރަކާތްތަކަށް ނެރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ އިތުރުން، ފަހަކަށް އައިސް މީސްމީޑިއާގައި އަންހެނުން ނަފްސާނީގޮތުން ބަލިކަށި ކުރުވަން ފުރައްސާރަކުރާ ކަމަށާއި، އަދި ޚާއްސަކޮށް ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް މިފަދަ ކަންކަމާ ދިމާވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، ގާނޫނާއި ގަވާއިދުތައް ހެދުމުގައި އަންހެނުންގެ ޚިޔާލު އިތުރުކުރަން ޖެހޭ ކަމަށާއި، ބަދަލު ގެނެވޭނީ އޭރުން ކަމަށެވެ.
މެމްބަރު ރޮޒައިނާ ވަނީ، ސިޔާސީގޮތުން ޚިޔާލު ތަފާތުވި ނަމަވެސް އެކަކު އަނެކަކަށް ދޭން ޖެހޭ އިހުތިރާމު ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރީތިގޮތުގައި ފާޑުކިޔުމާއި، ފުރައްސާރަ ކުރުމާއި އަނިޔާކުރުމަށް ގޮވާލުން ތަފާތު ކަމަށާއި، އަންހެނުންނާއި ފިރިހެނުން ގުޅިގެން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ބަޔާނުގައި އެދިވަޑައިގެންފައި ވެއެވެ.
އެމްޑީޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ، އަންހެނަކާމެދު އިހާނެތިކޮށް ކަމެއް ވާނަމަ ޕާޓީގެ ހުރިހާ އަންހެނުން އެކުގައި އެކަމާ ދެކޮޅަށް ތެދުވެގެންނޫނީ އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީވެ، އަަންހެނުން ބާރުވެރިކޮށް ސިޔާސީ ދާއިރާގައި ކުރިއަށް ނެރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލެއްވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ