ޖުވާގެ ނަން ބޭނުންނުކޮށް ބެޓު ކުރުމާ، ލޮޓަރީއާއި ޖެކްޕޮޓްފަދަ ނަންނަމުގައި އެކަންދަނީ ފަތުރަމުން: ޚުތުބާ

މިއަދު ބައެއް ޤައުމުތަކުގައި ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އެކަން ފަތުރަމުންދާ ކަމަށާ، އެފަދައިން އިބިލީހުގެ އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 
ޖުވާ ކުޅުމަކީ ޙަރާމް ކަމެއް މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، الله سُبُحَانَهُ وَتَعَالَى އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ޙަރާމްކުރައްވައިފާ ކަމަށެވެ. އަދި އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަންވެސް ފާހަގަކޮށްފައިވެއެވެ. 
ޚުތުބާގައި ބުނީ، الله ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން ކަމަށެވެ.
Advertisement
އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވެއެވެ. ޖުވާގެ އަވައިގައި ޖެހި الله ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލައެވެ. ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވެއެވެ. މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެކެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުމެވެ.
ޚުތުބާ
ޚުތުބާގައި އިތުރަށް ބުނީ، ޖުވާކުޅުމަކީ މާތް الله ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށެވެ. އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށާ، ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާ ކަމަށެވެ.
ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުންހިމެނެއެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއްދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެތެވެ.
ޚުތުބާ
މިއާއެކު ޚުތުބާގައި ބުނީ، މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައި ކަމަށެވެ.
ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތަކެވެ. މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ވަނީ ޤާއިމުކޮށްފައެވެ. މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވެއެވެ. މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ދެއެވެ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައެވެ. މީހުންގެ ހިތްތައް ވަނީ މި ޚިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފައެވެ.
ޚުތުބާ
ކަންމިހެން ހުރުމުން، އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހެދުމަށް ޚުތުބާގައި ވަނީ ނަޞޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ