މާލެ ސިޓީ ކައުންސިލުގައި 784 މުވައްޒަފުން، މުސާރައާއި އިނާޔަތްތަކަށް 7.8 މިލިއަން ރުފިޔާ

މާލޭ ސިޓީ ކައުންސިލުގައި ކައުންސިލަރުން ހިމެނޭހެން 803 މުވައްޒަަފުން ތިބިއިރު މުސާރައާއި އެކި އިނާޔަތްތަކަށް އޯގަސްޓު މަހު 7.8 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުގައި ކައުންސިލަރުން ނުހިމަނައި 784 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު މުވައްޒަފުންގެ މުސާރައަށް މަހެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ހަރަދުވާކަން އެ އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ. 
"މިރާ"އިން އެދިގެން ކައުންސިލުން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މާލެ ސިޓީ ކައުންސިލުގައި އޯގަސްޓު މަހުގެ ނިޔަލަށް 19 ކައުންސިލަރުން ހިމެނޭހެން 803 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ މުވައްޒަފުންގެ އަސާސީ މުސާރައަށް އެކަނި މަހަކު 4.7 މިލިއަން ރުފިޔާ ހަރަދުވެ އެވެ. 
ކައުންސިލުގެ މުވައްޒަފުންގެ އަސާސީ މުސާރައިގެ އިތުރަށް ކާރު އެލަވެންސްގެ ގޮތުގައި މަހަކު 7،500 ރުފިޔާ އަދި ލިވިން އެލަވެންސްގެ ގޮތުގައި މަހެއްގެ މައްޗަށް 137،000 ރުފިޔާ އަދި ސަޕޯޓިން ކޯ އެލަވެންސްގެ ގޮތުގައި 294،126.67 ރުފިޔާއާއި ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުަގއި 11،582.40 ރުފިޔާއާއި މިނިމަމް ވޭޖު އެލަވެންސްގެ ގޮތުގައި 157،500 ރުފިޔާއާއި ފޯނު އެލަވެންސަަށް 46،691 ރުފިޔާ އަދި ޖޮބް އެކްސްކުލޫސިވް އެލަވެންސްގެ ގޮތުގައި 420،486 ރުފިޔާ އަދި ޕެޓްރޯލް އެލަވެންސަށް 47،700 ރުފިޔާ ހަރަދުވެ އެވެ. 
އޭގެ އިތުރަށް މުވައްޒަފުންގެ ވަޒީފާގެ އެލަވެންސްގެ ގޮތުގައި މަހަކު 1.9 މިލިއަން ރުފިޔާ ހަރަދުވާކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އަދި މުސާރައާއި އެލަވެންސްތަކަށް އޯގަސްޓު މަހުގައި ޖުމްލަ 7.8 މިލިއަން ރުފިޔާ ހަރަދުވިކަން ކައުންސިލުންވަނީ ހާމަކޮށްފަ އެވެ. 
މާލޭ ސިޓީ ކައުންސިލުގައި ޖުމްލަ 783 މުވައްޒަފުން ތިބިއިރު މި އަހަރު އެކަނި ކައުންސިލަށް 198 މުވައްޒަފުން ވަޒީފާއަށް ނަގާފައިވެ އެވެ. އެންމެ ގިނައިން މުވައްޒަފުން ނަގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާ ދެމެދުގައި މޭ މަހު އެވެ. އެ މަހުއެކަނި 103 މުވައްޒަަފުން ވަޒީފާއަށް ނެގި އެވެ. 
މިއީ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާއި ކައުންސިލަރުންގެ މުސާރަތަކަށް ހިނގާ ހަރަދަށްވާއިރު ކައުންސިލުގައި މަސައްކަތްކުރަމުންދާ ކޮންސަލްޓެންޓުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދުގެ ތަފުސީލު ކައުންސިލުން ހިމަނާފައިނުވެ އެވެ. 
މާލެ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި އާދަމް އާޒިމް އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ ބޭނުންފުޅުވެގެން 15 ބޭފުޅަކު ކޮންސަލްޓެންޓުންގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށާއި، އެއިން 14 ބޭފުޅުންނަކީ އޭނާ ނިސްބަތްވެވަޑައިގެންނަވާ އެމްޑީޕީގެ ބޭފުޅުން ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ