ޓެކްސް ނުދައްކާ ފަރާތްތަކުގެ އެކައުންޓުތައް ފްރީޒް ކުރާ އުސޫލު ހަރުކަށިކޮށްފި

ދައުލަތަށް ދައްކަންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ އުސޫލު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަރުކަށި ކޮށްފިއެވެ.
ބަދަލުތައް ގެނެސްފައިވަނީ ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލާއި، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށެވެ.
އަދި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ވެސް ބަދަލު ގެނަސްފައި ވެއެވެ.
ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށް ގެނައި މައިގަނޑު ބަދަލަކީ ސުންގަޑީގެ ފަހުން ފޮނުވަމުންދާ ފުރަތަމަ ނޯޓިސް އަދި 2 ވަނަ ނޯޓިސްގެ މުއްދަތު 15 ދުވަހަށް ބަދަލު ކުރުމެވެ.
ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނައި މައިގަނޑު ބަދަލު ތަކަކީ ނަން ހާމަކުރާއިރު ޓެކްސްދައްކާ ފަރާތުން ނުދައްކައިވާ އަދަދާއެކު ހާމަކުރެވިގެންދާނެ ކަމަށް ބަޔާންކުރުމާއި، ނަން ހާމަކުރުމުގައި މީރާއިން ބަލާ މިންގަނޑުތައް ތަފާތުކޮށް، ނަން ހާމަކުރުމަށްފަހު، އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދިއުމުގެ މުއްދަތު 5 ދުވަހުގެ މުއްދަތަކަށް ބަދަލުކުރުމެވެ.
މީގެއިތުރުން ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނައި ބަދަލަކީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށް ގެނެވުނު ބަދަލާ އެއްގޮތް ކުރުމުގެ ގޮތުން ނޯޓިސް ދެވޭ މުއްދަތު ކުރުކޮށް އިސްލާހު ކުރުމެވެ.
މީރާއިން ހަދާފައިވާ އުސޫލުކުރިން އޮންނަ ގޮތުން އެކައުންޓް ފްރީޒް ކުރެވޭނީ ފައިސާ ދެއްކުމަށް 60 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ނުދައްކާނަމައެވެ. ނަމަވެސް މިއަދު ގެނައި އިސްލާހު އޮތްގޮތުން 60 ދުވަސް ހަމަނުވިނަމަވެސް ނޯޓިސް މުއްދަތު ހަމަވުމުން އެކައުންޓް ފްރީޒް ކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ