އީދު ދުވަހު ނަފުސަށް ހެޔޮއެދޭ ފަދައިން އަނެކުންގެ ޙައްޤުތަކަށް އިޙްތިރާމްކުރޭ: ގާސިމް

އަޟްހާ އީދު ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެން އިސްކަންދޭންވާނީ ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން އަނެކުންގެ މަޞްލަޙަތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ އަޟްހާ ޢީދުގެ ތަހްނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންނަށް އަރިސްކުރައްވާފައެވެ.
ގާސިމް ވަނީ މި މަތިވެރި ޢީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް ޢާއިލާގެ މެދުގައި ކުލުނާ ލޯބި އިތުރުކޮށްދޭން ލިބޭ މަތިވެރި ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ޢީދުގެ އުފަލުގައި މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރުން ކުރިޔަށް ގެންދިއުމަށް ގާސިމްވަނީ ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އީދުގައި އެންމެންގެ މެދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާކުރުމަށް އިސްކަންދޭންޖެހޭކަމަށެވެ. އެމަނިކުފާނުގެ މެސެޖް ނިންމަވާލެއްވީ ކީރިތި ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ބާއްޖަވެރިކަން އިތުރުކުރައްވައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ލެހެއްޓެވުންއެދި ދުއާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ