ތާރީހީ ކާމިޔާބީއަށް ފަހު ޝާޒު: އަބަދުވެސް ދާއިރާގެ ރައްޔިތުންނާ އެކު ދެމިހުންނާނަން

އަބަދުވެސް ދާއިރާގެ ރައްޔިތުންނާ އެކު ދެމިހުންނަވާނެ ކަމަށް، އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޝާޒު ކުރި ހޯއްދެވީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.
ބުނީ ކީކޭ؟ - މި ކާމިޔާބީއަށް ފަހު ކެމްޕޭން ގްރޫޕަށް ދޫކޮށްލެއްވި ޝުކުރުގެ ވީޑިއޯ މެސެޖެއްގައި ޝާޒު ވަނީ ދާއިރާގެ ރައްޔިތުންނާ އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑު ޔަގީންކޮށް އަރުވަނީ އަބަދުވެސް އަޅުގަނޑު ދެމިހުންނާނީ މުޅި ގުރައިދޫ، މާފުށީގެ ރައްޔިތުންނާ އެކުގައިކަން."
ތަފްސީލު - އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ލިބުނީ ތާރީހީ ކާމިޔާބެކެވެ. ސަބަބަކީ މީގެ ކުރިން ދުވަހަކު ވެސް މަޖިލީހުގެ ކ. އަތޮޅު ތަމްސީލުކުރާ ގޮނޑިއެއް އެމްޑީޕީއަށް ލިބިފައި ނެތުމެވެ.
އެކަން ފާހަގަކުރައްވައި ޝާޒު ވަނީ އެ ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
"ގުރައިދޫ ދާއިރާގެ ތާރީހު ބަދަލުކޮށްލި މި ބޮޑު ކާމިޔާބީ ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" އެ މެސެޖުގައި ޝާޒު ވިދާޅުވި އެވެ.
"ހާއްސަކޮށް އަޅުގަނޑުގެ ކެމްޕޭން ޓީމުން ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑަށް ދެއްވި ލަފަ އާއި ދެއްވި ހިތްވަރާއި ބެހެއްޓެވި ގާތް ކަމަށް، އެ މަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވަން."
ގުރައިދޫ ބައި-އިލެކްޝަންގައި:
ދާއިރާގެ މީހުން ވޯޓުލުމަށް ޖުމްލަ ހަ ފޮށި ބެހެއްޓި 
އެއީ މާލޭގައި ބެހެއްޓި ފޮއްޓަކާއި ގުޅީގައި ބެހެއްޓި ފޮއްޓެއްގެ އިތުރުން، މާފުއްޓާއި ގުރައިދޫން ކުރެ ކޮންމެ ރަށެއްގައި ބެހެއްޓި ދެ ފޮށި
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ޝާޒު ވަނީ ގުރައިދޫގެ އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓަކުން ވޯޓުގެ އަގުލަބިއްޔަތު ހޯއްދަވާފައި
އިބްރާހީމް ޝާޒު (އެމްޑީޕީ) - 1،346
ހުސައިން ރިޒާ އާދަމް (ޕީޕީއެމް) - 1،226
އަލީ އަރީފް (އެމްއެންޕީ) - 122
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 2،755 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ