ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަންޖެހޭ ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ފޭރުން ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު މިފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހަސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތައް ބަޔަކު ވަގަށް ޕީއެންސީއަށް ވައްދައި، އެ މީހުންގެ ނަން ބޭނުން ކޮށްގެން ރައީސް މުއިއްޒު ގެންދަވަނީ ފޭރެމުން ކަމަށެވެ.
"އެތައް ބަޔަކު ވަގަށް ޕީއެންސީއަށް ވައްދައި ރައީސް މުއިއްޒު އެ ގެންދަނީ އެމީހުންގެ ނަން ބޭނުން ކޮށްގެން ދައުލަތުގެ ފައިސާއިން ފޭރެމުން، މިއީ ފުލުހުން ޖިނާއީ ތަހުގީގު ހިންގަންޖެހޭ މައްސަލައެއް، އެ މައްސަލަ ނިމުމުން ނޫނީ ސަރުކާރުން ޕީއެންސީއަށް ފައިސާ ދޫކުރުމަކީ ފޭރުން،" ހަސަން ލަތީފް ލިޔުއްވާފައިވެ އެވެ.
ހަސަން މިފަދަ ޕޯސްޓެއް ކުރެއްވިއިރު، ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދުމުގައި ހިންގާފައިވާ ޖިނާއީ ކުށްތައް ތަހުގީގު ކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެމްޑީޕީން ވަނީ ޕްރެސެކިއުޓާ ޖެނެރަލް އޮފީހުގައި މިއަދު އެދިފަ އެވެ.
އޭގެ އިތުރުން އެ ޕާޓީން ވަނީ އެ މައްސަލަ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެެވެ. ނަމަވެސް އެ ދެ މުއައްސަސާއިން އަދި އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.
ވަގު ފޯމު ފުރައިގެން މީހުންތަކެއް ޕީއެންސީއަށް ވެއްދު ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ޕީއެންސީގެ ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކެއް ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން ފުރިއިރު، އެތަނުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ހުންނަވަނިކޮށް ފެންނަ ފޮޓޯތަކެއް ވަނީ އިއްޔެ ލީކުވެފަ އެވެ.
އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް އެތަނުގައި އިންނެވިތަން ލީކުވި ފޮޓޯތަކުން ފެނެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން މަގާމުން ވަކި ކުރުމަށް ގޮވާލައި އެތައް ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި އަޑު އުފުލަމުންނެވެ. ނަމަވެސް ސަރުކާރުން ރަސްމީކޮށް އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ނުބުނެ އެވެ.
ވަގު ފޯމު މައްސަލަ ތަހުގީގުކޮށް ނުނިމެނީސް ޕީއެންސީއަށް ފައިސާ ދިނުމަކީ ފޭރުން: ހަސަން ލަތީފް ވަގު ފޯމު މައްސަލަ ތަހުގީގުކޮށް ނުނިމެނީސް ޕީއެންސީއަށް ފައިސާ ދިނުމަކީ ފޭރުން: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ