ބްރެޒިލްގައި ބަހަކާއި ޓްރަކެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި މަދުވެގެން 32 މީހުން މަރުވެއްޖެއެވެ.
ބްރެޒިލްގެ ދެކުނު އިރުމަތީ ސަރަޙައްދުގައި ހައިވޭއެއްގައި މި ހާދިސާ ހިނގާފައިވަނީ މަގުމަތީގައި ދުއްވަމުންދިޔަ ފަސިންޖަރުން އުފުލާ ބަހަކާއި ޓްރަކަކާ ޖެހުމުންނެވެ.
މިނާސް ޖެރައިސް ސްޓޭޓްގެ ފަޔަރ ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު ލަޖިންހާ ކައުންސިލް ކައިރީގައެވެ. އަދި މި ހާދިސާގައި "32 އާއި 35 އާ ދެމެދުގެ" އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މީގެ އިތުރުން 13 މީހުން ޓެއޮފިލޯ އޮޓޯނީ ސިޓީ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ބަސް ފުރާފައިވަނީ ސައޮ ޕައުލޯއިންނެވެ. އަދި އޭގައި 45 ފަސިންޖަރުން ތިބި ކަމަށް ބެލެވެއެވެ.
އޮތޯރިޓީތަކުން ބުނާ ގޮތުގައި ބަހުގެ ޓަޔަރެއް ފަޅައިގެން ގޮސް، ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލި، ޓްރަކާ ޖެހުނީއެވެ. މީގެ އިތުރުން ކާރެއްވެސް ބަހާ ޖެހުނު ނަމަވެސް، އެ ކާރުގައި ތިބި ތިން މީހުން ދިރި ތިބިކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވި އެންމެހާ މީހުންގެ ހަށިގަނޑުތައް ވަނީ ސައިޓުން ނަގައި ނިމިފައެވެ. އަދި މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަޙުޤީޤެއް ކުރިއަށްދާ ކަމަށް އޮތޯރިޓީތަކުން ބުނެފައިވެއެވެ.
މިނާސް ޖެރައިސްގެ ގަވަރނަރު ރޮމިއު ޒެމާ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި، ސަލާމަތްވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިވުމަށް މިނާސް ޖެރައިސް ސަރުކާރުގެ "ފުރިހަމަ މޮބިލައިޒޭޝަން" އަށް އަމުރުކޮށްފައެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މަރުވެފައިވާ މީހުންގެ އާއިލާތަކަށް ވީހާވެސް އިންސާނިއްޔަތުކަމާއެކު މި ހިތާމަވެރި ހާދިސާއާ ކުރިމަތިލުމަށް އެހީތެރިވުމަށް." ޒެމާ ވިދާޅުވިއެވެ.
ބްރެޒިލްގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ ގްލޯބޯއިން ބުނާ ގޮތުގައި ޓްރަކު ޑްރައިވަރު ވަނީ ހާދިސާ ހިނގި ސަރަޙައްދުން ފިލައިގެން ގޮސްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ބްރެޒިލްގައި ބަހަކާއި ޓްރަކެއް އެކްސިޑެންޓްވެ 32 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ